ގަތަރުގެ "މެޓްރޯ މޭން" މިވަނީ މުޅި ދުނިޔޭގެ ސަމާލު ކަން ހޯދައިފައެވެ. އެތައް ބައެއްގެ ލޯބި އޭނާ ހޯދައިފިވެސް މެއެވެ. ޓިކްޓޮކްގައިވެސް އޮތީ "މެޓްރޯ މޭން"އެވެ. އުސްކޮށް ހަދާފައި ހުންނަ ގޮނޑިއެއްގައި، މެގަފޯނެއްގެ އިތުރުން ފޯމް ބޯޑުން ހަދާފައި އަތް ތިލައަކާ އެކު "މެޓްރޯ މޭން" ކުރާ ހަމައެކަނި ކަމަކީ "މެޓްރޯ ..... ދިސްވޭ،" މިހެން ތަކުރާރުކޮށް ކިޔުމެވެ. އެހެން ނަމަވެސް އޭނާއަށް ސަމާލުކަން ހުއްޓުނީ، އޭނާ އުފާވެރިކަމާއެކުގައި އެކަން ކުރަން އިންނާތީއެވެ. ހަމަޖެހިލައި، އެކިއެކި ރާގު ރާގަށް އެކަން ކުރާތީއެވެ. ބައެއް ފަހަރު ވަރުބަލިވި ކަމުގައިވިޔަސް، ދޫނުކޮށް އެއް ވާނެއްގައި އެ ބުނަން ޖެހޭ ބަސްތައް ތަކުރާރުކޮށް ކިޔަމުންދާތީއެވެ.
ގަތަރުގެ ދޯހާގެ ސޫގް ވާގިފްގައި ވޯލްޑް ކަޕަށް ހާއްސަ މަސައްކަތްތަކުގައި އުޅެމުންދާ އަބޫ ބަކާރް އައްބާއަކީ "މެޓްރޯ މޭން"އެވެ، އޭނާއަކީ މެޓްރޯ ވިއުގައިގެ މިސްރާބަށް ސަޕޯޓަރުން ގެންގޮސްދޭ މީހެކެވެ. އައްބާގެ އިތުރުން އެތައް ބަޔަކު ގަތަރުގައި ހިލޭ ސާބަހަށް އެ މަސައްކަތް ކުރަމުންދެއެވެ. "މެޓްރޯ މޭން"އަށް ލިބުނު މަގުބޫލުކަމާ އެކު މެޓްރޯ ވިއުގައިގެ މިސްރާބު ދައްކަން ތިބޭ އެންމެންނަށްވެސް އެ މަސައްކަތް މަޖާކަމަކަށް ހަދައި، ކުރާ ހިތުން ކުރެވޭ ކަމަކަށް ވެއްޖެއެވެ. ބައެއް ގްރޫޕް ތަކުން ނެށުމާ އެކުވެސް މިހާރު އެކަން ކުރަމުން ދެއެވެ.
އެތައް ބަޔަކު "މެޓްރޯ މޭން"ގެ ވީޑިއޯތައް ނެގުމަށް މަޑުޖެހިފައި އޮންނަ މަންޒަރުގެ އިތުރުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އޭނާއަށް އަމާޒުވި ސަމާލުކަން ގަތަރުންވެސް ބަލައިގެންފިއެވެ. އައްބާގެ ޓިކްޓޮކްތައް މަގުބޫލުވެ، މިހާރު އޭނާ އަމިއްލައަށްވެސް ޓިކްޓޮކް އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެ އެކައުންޓަށް އެއް ދުވަހުގެ ތެރޭ 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ފޮލޯވެސް ކުރިއެވެ. އައްބާއާ އެކު މެޓްރޯގެ މިސްރާބު ފޯރިއާއެކު ބުނެދޭ އެތައް ބަޔަކުވެސް މިހާރު އޭނާގެ ގާތުގައި އަބަދުވެސް ތިބެއެވެ. ގަތަރަށް ދާ އެންމެންނަށް އައްބާ ކަމުގޮސްފިއެވެ.
އައްބާގެ އަޑުން "މެޓްރޯ ދިސްވޭ..." ބުނާ އަޑުކޮޅު އެތައް ބައެއްގެ ފޯންގެ ރިންގް ޓޯނަކަށްވެސް ވެއްޖެއެވެ. އެހިސާބުން ގަތަރުގެ ވޯލްޑް ކަޕް އޮގަނައިޒް ކުރާ ފަރާތުން އޭނާއަށް ހާއްސަ ޝަރަފެއްވެސް ދިނެވެ. އެއީ އަލް ބައިތު ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ އެމެރިކާ އާއި އިންގްލެންޑް ވާދަކުރި މެޗުގެ ޝަރަފުވެރި މެހެމާނަކަށް ދިޔުމުގެ ޝަރަފެވެ. ހާއްސަ އެތައް ހަދިޔާއެއް ދީ، އަބޫ ބަކާރު، އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީގައި، މެޗު ފެށުމުގެ ކުރިން "މެޓްރޯ ދިސްވޭ،" މިހެން ގޮވާލަން ފުރުސަތުވެސް ދިނެވެ.
މުޅި ދަނޑު އައްބާއަށް ސެލިއުޓްކޮށް، އޭނާގެ އެވަގުތު ކޮޅުގައި ބައިވެރިވިއެވެ. ގަތަރުން ވަނީ ދަތުރުފަތުރުގެ ވިއުގައަށް އެތަކެއް މަސައްކަތެއް ކޮށް، ޕަބްލިކް ބަސްތަކަށްވެސް ބަދަލުތަކެއް ގެނެސް، މިލިއަނުން ގައުމަކަށް އަންނަ ސަޕޯޓަރުންނަށް ފަހި ގޮތްތައް ހޯދައިދީފައެވެ. އޭގެ ތެރެއިން އެންމެ ހަރުދަނާ އެއް ވިއުގަ އަކީ މެޓްރޯއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022