ކޮސޯވޯއަކީ ސާބިއާގެ ބައެއްގެ ގޮތުގައި ދައްކުވައިދޭ "ސާބިއާ ނޭޝަނަލިސްޓް" ދިދައެއް، ސާބިއާ ޓީމުން ވޯލްޑް ކަޕް ތެރޭގައި ގެންގުޅުނު މައްސަލައެއް ފީފާއިން ބަލަން ފަށައިފިއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރެޒިލްއާ ދެކޮޅަށް ސާބިއާއިން ކުޅުނު މެޗުގައި، ސާބިއާ ޓީމުގެ ޑްރެސިން ރޫމުގެ ތެރޭގައި ގެންގުޅުނު ދިދައެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ބަލަން ފަށާފައި ވަނީ ފީފާގެ ޑިިސިޕްލިނަރީ ކޯޑާ ހިލާފު ކަމަށް އެކަން ފެންނާތީ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ. ސާބިއާގެ ލޮކާ ރޫމްގެ އިތުރުން ސަޕޯޓަރުންވެސް އެ ދިދަ ގެންގުޅުނުތަން ފެނިފައިވެއެވެ.

ސާބިއާއިން ގެންގުޅުނު ދިދައިގައި ސާބިއާގެ އިތުރުން ކޮސޯވޯ ރަމްޒުކޮށްދޭ ޗާޓެއްވެސް ހިމެނެއެވެ. އެ މައްސަލައިގައި ކޮސޯވޯގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައި ވަނީ ސާބިއާގެ ހަރުކަށި އަމަލު، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ވޯލްޑް ކަޕަކީ އެކުވެރިކަން ދައްކުވައިދޭން ޖެހޭ މުބާރާތެއް. ވޯލްޑް ކަޕުން ދޭ މެސެޖަކީ ހަމަޖެމާއި ސުލްހައަށް ދޭ މެސެޖެއް. ނަފުރަތު އުފައްދާން ޖާގަ ވޯލްޑް ކަޕްގައި ނޯންނާނެ،" ކޮސޯވޯގެ އެފްއޭއިން ބުނެފައިވެއެވެ.

ދިދައެއްގެ ގޮތުގައި ސާބިއާއިން ބޭނުންކުރި ފޮތިގަނޑުގައި "ދޫ ނުދޭނެ" ކަމަށްވެސް ޖަހާފައިވާ އިރު، އެ ދިދައިގެ މަންޒަރު ތިލަވެފައި ވަނީ ކޮސޯވޯގެ ކުޅިވަރާ ބެހޭ ވަޒީރު ހަޖްރުއްލާ ޗެކޫ އާންމުކެރެއްވި ފޮޓޯއަކާއެކުގައެވެ. އޭނާ ވިދާޅުވީ ކޮސޯވޯއަށް އިންޒާރުދީ، ގަތުލްއާންމު ހިންގަން އިންޒާރު ދޭ ދިދައެއް ބޭނުންކުރުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

ހަޒްރުއްލާ އާންމުކުރެއްވި ފޮޓޯގައި އެއްވެސް ކުޅުންތެރިޔަކު ދިދައާއެކު ފެންނަން ނެތަސް، ދިދަ އެލުވާފައި ވަނީ ޑިފެންޑަރު މިލޯސް ވެލްޖްކޮވިޗާއި މިޑްފީލްޑަރު އަންދްރިޖާ ޒިވްކޮވިޗްގެ ޖާޒީއާ ދިމާލުގައެވެ.

ވެލްޖްކޮވިޗަކީ ޖަރުމަނުގެ ބުންޑަސްލީގާގެ ވާޑާ ބްރެމަންއަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. އެ ކްލަބުގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނު ބުނީ މެޗު ނިމިގެން ވެލްޖްކޮވިޗް ޑްރެސިން ރޫމަށް ދިޔައިރު، ދިދަ ނެތްކަން ޔަގީން ކަމަށާއި ކުޅުންތެރިންނަށް ދިދަ ނުފެންނަ ކަމަށެވެ.

އަލްބޭނިއާގެ މެޖޯރިޓީ އޮންނަ ވެރިކަމެއް ހިނގަމުންދާ ކޮސޯވޯ ސާބިއާގެ ދަށުން ވަކިވީ 2008 ވަނަ އަހަރު ނަމަވެސް، ސާބިއާއިން އެކަން ގަބޫލެއް ނުކުރެއެވެ. ކޮސޯވޯއަކީ މިހާރު ފީފާ މެންބަރެއް ނަމަވެސް، އެ ވަކިވުން ބަލައި ނުގަނެ ސާބިއާއާއި ކޮސޯވޯގެ ޖިއޯ ޕޮލިޓިކްސް މައްސަލަ މިހާރުވެސް އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ.