ވޯލްޑް ކަޕަކީ ހަމައެކަނި ދަނޑު ތެރޭގެ ކުޅުން ފެންނަ މުބާރާތެއް ނޫނެވެ. ދަނޑު ބޭރުގެ ކަންކަން އަދި މާފޯރިގަދަވާނެއެވެ. އެއް ކޯޗު، އަނެއް ކޯޗަކަށް ދޭ ރައްދެވެ. އެއްލާ ގާބުރިއެވެ. ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެވެ. ގައުމުތަކުގެ ނޫސްތަކުން ޖަހާލާ ހެޑްލައިންތަކެވެ. އެ ހެޑްލައިންތަކާއި ނޫސްތަކުގެ މަންޒަރުތަކުން މަސްރަހު ގޯސްވާ ފަހަރު އަންނާނެކަން މި ފަހަރު މިއޮތީ ފެންނާށެވެ. އުނދަގޫކޮށް ކިޔައިދޭންޖެހޭ ވާހަކައެއް ނަމަވެސް ތިލަކޮށްލާނަމެވެ.
ކެނެޑާ އިން 36 އަހަރަށްފަހު ވޯލްޑް ކަޕަށް ނުކުތް ފުރަތަމަ މެޗުގައި ބެލްޖިއަމް ކައިރިން ބަލިވީ 1-0 އިންނެވެ. އެއީ ހިތްދަތި ބައްޔެކެވެ. ހައްގު ނޫން ބައްޔެކޭވެސް ބުނެވިދާނެއެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ކެނެޑާގެ ފުރަތަމަ ގޯލް ޖަހަން އެ މެޗުގައި ޕެނަލްޓީއެއްވެސް ލިބިފައިވާ އިރު، އަލްފޯންސޯ ޑޭވީސް ޖެހި ޕެނަލްޓީ ބެލްޖިއަމްގެ ވަރުގަދަ ގޯލްކީޕަރު ޓީބޯ ކޯޝުއާ މަތަކުރިއެވެ. ކޮންމެއަކަސް އެ މެޗު ނިންމާ ކެނެޑާ ކޯޗު ޖޯން ހާޑްމަން މިކުރި ކަމަކީ ދަނޑުމަތީގައި ވަށްބޮޅަކަށް ޓީމު އެއްކޮށް ވާހަކަ ދައްކާލީއެވެ. ނިކަން ޖޯޝާ ފޯރިގައެވެ.
ބުނި އެއްޗަކީ "ކަލޭމެނަށް ވޯލްޑް ކަޕް ހައްގު" ކަމަށް ބުނެ ކުޅުންތެރިންނަށް ބުނި ބަސްތަކަކެވެ. އެ ބަސްތަކުގެ ތެރެއިން އައި ޖޯޝުގައި ހާޑްމަން ވަނީ ކްރޮއޭޝިއާއަށް އަމާޒުކޮށް ބޭއަދަބީ ބަސްތަކެއްވެސް ބޭނުންކޮށްފައެވެ. އެ ވާހަކަތައް ބާރުދުވެލީގައި ކްރޮއޭޝިއާއަށް ގޮސްފިއެވެ. ކްރޮއޭޝިއާ 24 ސަޓާ ޓެބްލޮއިޑް ނޫހަށް އެކަން ހަޖަމުކުރަން އުނދަގޫވިއެވެ. އުނދަގޫވެ މިކުރި ކަމަކީ ހާޑްމަންގެ މޫނު ޖަހާ ފޮޓޯއެއް އެޑިޓްކޮށް ބޭރު ގަނޑުގައި ޖެހީއެވެ. ފޮޓޯއަކީ ފާޑަކަށް ބަރަހަނާކޮށް ޖެހި ފޮޓޯއެކެވެ.
ރުޅީގައިކުރި ކަމަކެވެ. އެ ނިމުނީކީ ނޫނެވެ. އެކަމަށް އަނެއްކޮޅުން، ކެނެޑާއިން ރައްދު ދިނެވެ. ޓޮރޮންޓޯ ސަން ނޫހުންވެސް ރައްދު ދިނީ ވަކި ރީއްޗަކަށް ނޫނެވެ. ކޮންމެވެސް ބޭ އަދަބީ ގޮތަކަށެވެ. އެ ހިސާބަށް ދެ ގައުމުގެ ނޫސްތަކުގެ ވާދަ ގޮސްފައިވަނިކޮށް އެ ވާހަކަ ޕްރީ މެޗު ޕްރެސްގައިވެސް ދެ ކޯޗުން ދައްކައިފިއެވެ. ހާޑްމަންއަށް އެކަންވީ މަޖަލަކަށް ނަމަވެސް، ކްރޮއޭޝިއާ ކޯޗު ލަޓްކޯ ޑަލިޗަށް އެކަން ހަޖަމެއް ނުވިއެވެ.
"އަހަރެންގެ އަންހެނުން މެސެޖު ކުރި އެ ފޮޓޯ ފެނިގެން. ބުނީ ކަސްރަތު ކުރަން ފަށާށޭ ގެއަށް ވަންނަން ބޭނުމިއްޔާ،" މަޖާ ރާގަކަށް ހިނގަނޑަކާއެކު ހާޑްމަން ޕްރެސްގައި ބުންޏެވެ.
"އަހަރެން އަންހެނުން އަންނާނެ އިނގޭ ހޯދަން. އަންހެނުން ބޭނުންވާނީ ނޫހުގައި ޖެހި މީހާ ކަންނޭނގެ ދެން. އަހަރެން މާ ފަލަވެއްޖެ،" ޓެބްލޮއިޑް ނޫހުގެ ނޫސްވެރިޔާއަށް އަމާޒުކޮށް ޕްރެސްގައި އިތުރަށް ހާޑްމަން ބުންޏެވެ.
އެކަމަށް ރައްދު ދޭން ޑަލިޗް ދެއްކި ވާހަކަ ވަރަށް ސީރިއަސްއެވެ. 90 ސިކުންތުގެ ވާހަކަ ކޮޅެއްގައި 13 ފަހަރަށް "އިހުތިރާމް" ބޭނުންކުރިއެވެ.
"އެހެން ވާހަކަ ދެއްކުމަކީ އިހުތިރާމު ކުރުމެއް ނޫން. އިހުތިރާމް ލިބިގަންޏަންޏާ ޖެހޭނެ އުޅޭ އުޅުމުން އިހުތިރާމު ހޯދަން. ކުޅޭ ކުޅުމުންވެސް އިހުތިރާމް ހޯދަން. އިހުތިރާމް ހޯދޭނީ އެ އިހުތިރާމް ދިން ބަޔަކަށް،" ތަރުޖަމާނަކާއެކު ވާހަކަ ދެއްކި ޑަލިޗްގެ ވާހަކައިގައި ބުންޏެވެ.
އެކަމަށް ކައިރީގައި އިން ވިންގް، އިވާން ޕެރަސިޗްވެސް އެއްބަސްވިއެވެ. ޕެރަސިޗް ބުނީ "މެޗަށް ނުކުންނަން ކެތް މަދުވެފައި ހުރި" ކަމަށެވެ. ޒާތީ ގޮތަކަށެވެ. އެހެވީމަ މިފަހަރު ޓެބްލޮއިޑް ނޫހުން އިއުލާންކުރި ހަނގުރާމައަށް ކެނެޑާއިން ރައްދުދީ ދެ ކޯޗުންގެ މަސަލަސް ކޮށްލައިފިއެވެ.
ކެނެޑާއާއި ކްރޮއޭޝިއާ ވާދަކުރާ މެޗު އޮތީ މިރޭ 9:00 ގައެވެ.