އެފްރިކާ ޓީމުތަކުން ގޯލު ޖެހުން މަދު ނަމަވެސް ކުޅުމުގެ ސްޓައިލް ޑިފެންސިވް ކަމަށް ބުނާ ބުނުމަށް މޮރޮކޯގެ ކޯޗު ވަލީޑް ރެގްރަގޫ ރައްދު ދީފިއެވެ.
ނޫސްތަކުން އެފްރިކާ ގައުމުތަކަށް ފާޑު ކިޔާފައި ވަނީ ފުރަތަމަ ބުރުގެ މެޗުތައް ނިމުނު އިރު، އެފްރިކާ ގައުމުތަކުގެ ގޯލު ޖެހުން ދަށް ރޭޓެއްގައި އޮތުމުންނެވެ. މި ފަހަރުގެ ފުރަތަމަ ބުރު ނިމުނު އިރު، ގޯލެއް ޖެހި ހަމައެކަނި އެފްރިކާ ޓީމަކީ ގާނާއެވެ. ދެން ވޯލްޑް ކަޕްގައި ކުޅެމުންދާ ޓިއުނީޝިއާ، ސެނެގާލް، މޮރޮކޯ އަދި ކެމަރޫނަށްވެސް ފުރަތަމަ ބުރުގައި ގޯލެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ސެނެގާލުން ވަނީ ދެވަނަ މެޗުގައި ތިން ގޯލު ޖަހައި ގަތަރުވެސް ބަލިކޮށްފައެވެ.
އެ ވާހަކަތަކާ ގުޅިގެން މޮރޮކޯ ކޯޗު ރެގްރަގޫ ބުނީ ހިތްގައިމުކޮށް، އެޓޭކްކޮށް ކުޅެގެން އެކަމުގެ ފިލާވަޅުތައް އެފްރިކާ ގައުމުތަކަށްވެސް ލިބިއްޖެ ކަމަށާއި ދެން ކުޅޭނީ އަނެއް ބުރަށް ދާން ކަމަށެވެ.
"އެފްރިކާ ފުޓުބޯޅައިގެ ވިސްނުން ކޮންމެވެސް ވަރަކަށް ބަދަލުކުރަންވީ. އެފްރިކާ ޓީމުތަކުން ކުރިން އައީ ހިތްގައިމު މެޗުތަކެއް ކުޅެމުން. އެކަމަކު އެ ހުރިހާ ގައުމެއްވެސް ފުރަތަމަ ބުރުން ކަޓައިގެންދާނީ. އެކަމަކު އެއީއެއް ނޫން ވޯލްޑް ކަޕަށް ނުކުންނަ ސަބަބަކީ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖަށް ނުކުންނާނީ ދެވަނަ ބުރަކަށް ދާން. ބައެއް މީހުން މި ވާހަކައަށް ހިތްހަމަވެސް ނުޖެހިދާނެ. އެއީ މީހުން ބޭނުންވާނީ ޝޯއެއް،" ރެގްރަގޫ ބުންޏެވެ.
މޮރޮކޯއިން އެންމެ ފަހުގެ ވޯލްޑް ކަޕް ރަނަރަޕް، ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ގުރޫޕް ސްޓޭޖް މެޗުގައި އެއްވަރުވީ 0-0 އިންނެވެ.
ރެގްރަގޫ ބުނި ގޮތުގައި މޮރޮކޯއިން ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ ވަރުގަދަ ކޮށެވެ. "އެންމެ މުހިންމު ކަމަކީ އެފްރިކާގެ ޝަރަފަށް އެފްރިކާ ޓީމެއް ގަދަ 16 އަށް ގެންދިއުން. ބޭނުންވަނީ ޔޫރަޕުގެ ވިސްނުމެއް. އެއީ ގަދަ 16 ހައްގުވާ ކަމަށް ގަބޫލުކުރާ ވިސްނުމެއް،" ރެގްރެގޫ އިތުރަށް ބުންޏެވެ.
މޮރޮކޯއަށް މާދަމާގެ މެޗުން ބަލިވިޔަސް ނުކަޓާނެއެވެ. މޮޅުވެގެން ބޮޑު އުންމީދެއް ލިބޭނެއެވެ. މޮރޮކޯއާއި ބެލްޖިއަމް ވާދަކުރާ މެޗު އޮންނާނި އިރުއޮއްސި 6:00 ގައެވެ.