ވޯލްޑް ކަޕްގެ "ގްރޫޕު އެޗް" ގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން އަދި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ހޯދީ އޭނާގެ ހުޝިޔާރު ކަމުން ކަމަށް ފީފާއިން ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާ މައްސަލަތަކެއް ޖެހި، ވޯލްޑް ކަޕް ފެށެން ގާތްވެފައިވަނިކޮށް އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައިވާ ރޮނާލްޑޯ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގާނާއާ ދެކޮޅަށް ކުޅެ، 3-2ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި މެޗުގައި ޕެނަލްޓީއެއް ހޯދައިފައެވެ.
އެ މެޗުގެ ދެވަނަ ހާފުގައި ޕެނަލްޓީ އޭރިއާ ތެރެއިން ގާނާގެ މުހައްމަދު ސަލިސޫ ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ބުނަމުންދިޔައީ ޕެނަލްޓީ އޭރިއާ ތެރެއަށް ރޮނާލްޑޯ ވެއްޓުނީ މާފަސޭހައިން ކަމަށެވެ. އެހެންކަމުން އެއީ ޕެނަލްޓީއެއް ދޭންޖެހޭ ހާލަތެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ވީޑިއޯ ރީޕްލޭތަކުންވެސް ދައްކާ ގޮތުގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ، ސަލިސޫ ކައިރިވުމުގެ ކުރިންވެސް ދިޔައީ ވެއްޓޭ ކަހަލަ ގޮތަކަށެވެ. ވީއޭއާރަށް ބެލުމެއް ނެތި މެޗުގެ ރެފްރީ އިސްމާއިލް އެލްފާތު ވަނީ ޕޯޗުގަލަށް ޕެނަލްޓީއެއް ދީފައެވެ. ޕޯޗުގަލަށް ރޮނާލްޑޯ ލީޑު ހޯދައިދިނީ އެ ޕެނަލްޓީންނެވެ.
އެ ޕެނަލްޓީއާ ގުޅޭ ގޮތުން ދޯހާގައި ބޭއްވި ބައްދަލުވުމެއްގައި ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕު (ޓީއެސްޖީ)ގެ މެންބަރު ސަންޑޭ އޮލިސަން ވިދާޅުވީ ސްޓްރައިކަރުންގެ ހުޝިޔާރުކަން މިހާރު އިތުރުވަމުންދާ ކަމަށެވެ.
"އެއީ ސްޓްރައިކަރުންގެ ހުޝިޔާރުކަމަށް ވެދާނެ. ކޮންމެ މީހަކަށްވެސް ރޮނާލްޑޯއާ ގުޅޭ ގޮތުން ކޮންމެ ގޮތަކަށްވެސް ވާހަކަދެއްކިދާނެ. ރޮނާލްޑޯގެ ޕެނަލްޓީގައި ސިކުންތަކަށް މަޑުޖެހުމަށްފަހު، ބޯޅައިގައި ފައިޖައްސައި، އެއާއެކު އިދިކޮޅު ކުޅުންތެރިޔާގެ ފައިގައި ޖެހި ވެއްޓުނީ. އެއީ ހުޝިޔާރުކަން،" އޭނާ ވިދާޅުވިއެވެ.
އެ ޕެނަލްޓީއާ ގުޅޭ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ މައިކް ޑީން ބުނީ، މެޗުގެ ރެފްރީއަށް އެ ފައުލު ކަށަވަރު ކުރެވިފައި ނުވަނީ އެ ވަގުތު ވީއޭއާރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ވެދާނެ ކަމަށެވެ.
"އަހަރެން ހަމަ ހައިރާންވެއްޖެ. އަހަރެން ރެފްރީންގެ ކޮޅަށް އަރަން ބޭނުން، އެކަމަކު މިކަހަލަ ކަންކަމާ އެއްކޮޅަކަށް އަހަރެންނަށް ވާހަކައެއް ނުދެއްކޭނެ. އެކަމަށް ތަރުހީބެއް ނުދެވޭނެ. ދިފާއު ނުކުރެވޭ ކަންތައްތައް އަހަރެންނަށްވެސް ދިފާއު ނުކުރެވޭނެ. އޭނާ ސްކްރީނަށް ގޮސް، އެ ފައުލަށް ރަނގަޅަށް ބަލަން ޖެހޭނެ،" މިދިޔަ ސީޒަނަށްފަހު ރެފްރީކަމުން ރިޓަޔާވި މައިކް ޑީން ބުންޏެވެ.
ތިން ޕޮއިންޓާއެކު "ގްރޫޕު އެޗް"ގެ އެއްވަނައިގައި އޮތް ޕޯޗުގަލުން ދެވަނަ މެޗުގައި މާދަމާ ރޭ ނުކުންނަން ޖެހޭނީ އުރުގުއާއީއާ ދެކޮޅަށެވެ. ގަދަ 16ގެ ޖާގައެއް ހޯދުމަށް އެ މެޗަކީ ޕޯޗުގަލަށް މުހިންމު މެޗެކެވެ. އެ މެޗަށްފަހު އަންނަ މަހުގެ ދެވަނަ ދުވަހު ޕޯޗުގަލުން ކުޅޭ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022