ވޯލްޑް ކަޕްގެ "ގްރޫޕު އެޗް" ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މަޝްހޫރު "ސިއޫ"، ގޯލް ސެލެބްރޭޝަން ނަކަލުކުރީ އެވަގުތު ޖަޒުބާތެއްގައި ޖެހުމުން ކަމަށް އެ މެޗުގައި ގާނާގެ ދެވަނަ ގޯލު ޖެހި އޮސްމާން ބުކާރީ ބުނެފިއެވެ.

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ޕޯޗުގަލުން ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ވަނީ ގާނާ ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޯލު ޖަހައި، ޕޯޗުގަލްގެ ރޮނާލްޑޯ ވަނީ ތަފާތު ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑު ހަދައިފައެވެ. އޭނާ އެ ގޯލު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ރޮނާލްޑޯގެ އެ ގޯލަށްފަހު، ގާނާގެ ކެޕްޓަން އަންދްރޭ އަޔޫ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ކައިރިކައިރީގައި ޖޮއާއޯ ފީލިކްސް އާއި ރަފައެލް ލީއޯ ޖެހި ގޯލުތަކާއެކު ޕޯޗުގަލަށް ދެ ގޯލުގެ ލީޑެއް ލިބުނެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ގާނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ބުކާރީއެވެ. އޭނާ ވަނީ އެ ގޯލު ޖެހުމަށްފަހު ރޮނާލްޑޯގެ "ސިއޫ" ސެލެބްރޭޝަން ދައްކާލައިފައެވެ. އެ މަންޒަރު ބަލަން ރޮނާލްޑޯ ހުރީ ޕޯޗުގަލްގެ ބެންޗުގައެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުކާރީ ބުނީ އެކަމަކީ ރޮނާލްޑޯއަށް އިހުތިރާމު ކުޑަކުރުމުގެ ގޮތުން ކުރިކަމެއް ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

"އެއީ އަހަރެންގެ ގައުމަށް ގޯލެއް ކާމިޔާބުކުރެވުމުން އަދި އަހަރެންގެ ވޯލްޑް ކަޕްގެ ފުރަތަމަ ގޯލު ކަމަށްވުމުން، ޖަޒުބާތުގައި ޖެހިގެން ކުރެވުނު ކަމެއް. އަހަރެންނަކީ އެފަދަ ކުޅުންތެރިންނަށް އިހުތިރާމު ކުޑަކުރާނެ ކުޅުންތެރިއެއް ނޫން. ހާއްސަކޮށް ރޮނާލްޑޯއަކީ އަހަރެންގެ އެއް އައިޑޮލް،" ބުކާރީ ބުންޏެވެ.

ޕޯޗުގަލްގެ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ އުރުގުއާއީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދަމު 12:00 ގައެވެ. "ގްރޫޕު އެޗް" ގައި ޕޯޗުގަލާއި ގާނާ އަދި އުރުގުއާއީގެ އިތުރުން ދެން ހިމެނެނީ ދެކުނު ކޮރެއާއެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަމަށް އޭނާ އަދި ޖަވާބެއް ދީފައެއް ނުވެއެވެ. ވޯލްޑް ކަޕް 2026 އާ ހިސާބަށް ދާއިރު، ރޮނާލްޑޯގެ އުމުރުން 41 އަހަރު ވާނެއެވެ.