މިއީ މިހާރު މީގެ 30 އަހަރު ނޫނީ 35 އަހަރު ކުރި ނޫން ކަމަށާއި، މިހާރު އެފްރިކާ ޓީމަކަށްވެސް ވޯލްޑް ކަޕް ނެގިދާނެ ކަމަށް ސެނެގާލްގެ ކޯޗު، އަލިއޯ ސީސޭ ބުނެފިއެވެ.
ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ނެދަލޭންޑްސް ކައިރިން 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ މާޔޫސީ ނަތީޖާއެއް ނަމަވެސް، އިއްޔެގެ މެޗުގައި ގަތަރު، 3-1 އިން ބަލިކޮށް ސެނެގާލުން ވަނީ ގަދަ 16 ގެ އުންމީދު އާކޮށްފައެވެ.
އިއްޔެގެ މެޗަށްފަހު ވާހަކަ ދައްކަމުން ސެނެގާލްގެ ކުރީގެ ޑިފެންޑަރު ސީސޭ ބުނީ ފުޓުބޯޅައަށް ބަދަލުތަކެއް އައިސްފާ ކަމަށާއި، އެފްރިކާ ޓީމަކަށް މިއަހަރުގެ ވޯލްޑް ކަޕް ނުނެގެންވި އެއްވެސް ސަބަބެއް މިއަދުގެ ފުޓުބޯޅައިން ނުފެންނަ ކަމަށެވެ.
"އެފްރިކާގެ ގައުމަކަށް ވޯލްޑް ކަޕް ނެގިދާނެ. އަހަރެން އުންމީދުކުރަނީ އެއީ ސެނެގާލަށް ވާނެ ކަމަށް،" ސެނެގާލާއެކު ކޮރެއާ ޖަޕާނުގައި އޮތް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް، ކުޅުންތެރިއެއްގެ ގޮތުގައި ދަތުރުކުރި ސީސޭ ބުންޏެވެ.
ސީސޭގެ ސެނެގާލުގެ އިތުރުން އެފްރިކާ ގައުމަކަށް ވޯލްޑްގެ ކުއާޓާއަށް ދެވުނީ ކެމަރޫނާއި ގާނާއަށެވެ. އެއީ އެފްރިކާ ގައުމަކަށް މިހާތަނަށް ވޯލްޑް ކަޕްގައި ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ.
"ވޯލްޑް ކަޕާ ހަމައަށް އަންނަ ކޮންމެ ޓީމަކީވެސް އެހިސާބަށް އަންނަން ހައްގު ޓީމެއް. މިއީ 30 ނޫނީ 35 ވަރަކަށް އަހަރު ކުރިއެއް ނޫން. އެންމެ ބޮޑު މަސް ކުދި މަސްތައް ކާލާ ކަހަލަ ގޮތަކަށް ވޯލްޑް ކަޕްގައި މިހާރު ނަތީޖާއެއް ނުނިކުންނާނެ،" ސީސޭ ބުންޏެވެ.
ސެނެގާލުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެން އެކުއެޑޯއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންގާރަ ދުވަހުގެ ރޭގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022