ވޯލްޑް ކަޕަކީ އާންމުކޮށް ކުޅުންތެރިންގެ ތަފާތު ސްޓައިލުތަކެއް ފެންނަ މުބާރާތެކެވެ. އާންމުކޮށް އެ ސްޓައިލުތައް ފެންނަނީ ބޮލުގެ އިސްތަށިގަނޑުންނެވެ. އެގޮތުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ފުޓުބޯޅަ ކުޅުންތެރިން، ބޮލުގެ އިސްތަށިގަނޑުގައި ކުލަ ޖައްސައި، ނުވަތަ ތަފާތު ގޮތަކަށް ސްޓައިލް ބަދަލުކޮށްގެން މުބާރާތުން ފެނެއެވެ. އެ ސްޓައިލްތައް ސަޕޯޓަރުން ނަކަލު ކުރާތަން ވެސް ފެނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ އަޅައިގަތީ ކުޅުންތެރިން ބޮލުގެ އިސްތަށިގަނޑަށް ގެނައި ބަދަލެއް ނޫނެވެ. މިފަހަރު އެންމެ އަޅައިގަތް އެއް ކަމަކީ ބްރެޒިލްގެ އެއް ނަމްބަަރު ގޯލްކީޕަރު އެލިސަންގެ މަތިމަހެވެ.
އިނގިރޭސި ކްލަބު، ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ އެލިސަންއަކީ އާންމުކޮށް ތުނބުޅި ދިގުކޮށްފައި ބަހައްޓާ ކުޅުންތެރިއެކެވެ. ނަމަވެސް މިފަހަރު ވޯލްޑް ކަޕްގެ ކުރިން އޭނާ ވަނީ ތުނބުޅި ބާލައިފައެވެ. ފެންނަނީ މަތިމަހުގެ ތަފާތެވެ. މީގެ ކުރިން މިދިޔަ އަހަރުވެސް މަތިމަސް ބަހައްޓާފައި ހުއްޓައި އެލިސަން ފެނުނު ނަމަވެސް، އެކަމުގެ ހަގީގަތް ގިނަ ބަޔަކަށް ނޭނގެއެވެ.
ދުވަސްތަކަކަށްފަހު އެލިސަންގެ ތުނބުޅި އެއްކޮށް ބާލާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅެ، 3-1 ގެ ނަތީޖާއަކުން ލިވަޕޫލު މޮޅުވި މެޗުގެ ކުރިންނެވެ. ނަމަވެސް އޭރު މަތިމަސް ބަހައްޓާފައި ހުރިތަނެއް ނުފެނެއެވެ.
ވޯލްޑް ކަޕް 2022 ގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސާބިއާއާ ދެކޮޅަށް ކުޅެ، 2-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވި މެޗުގައި އެލިސަން ފެނިގެންދިޔައީ މަތިމަހާއެކުއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް މަތިމަސް ބަހައްޓާފައި ހުރި ތަން ފެނުމުން، ގިނަ ބަޔަކަށް ހީވެފައި އޮތީ އެއީ އެލިސަންގެ ސްޓައިލުގެ ގޮތުގައެވެ.
މެޗަށް ފަހު އެލިސަން ވަނީ އޭނާގެ މަތިމަހުގެ ހަގީގަތް ކިޔައިދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މަތިމަސް ބެހެއްޓީ "ނޮވެމްބްރޯ އަޒުލް" ނުވަތަ "މޮވެމްބާ" ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ކެމްޕޭނަކީ ފިރިހެނުންގެ ސިއްހަތާ ގުޅުވައިގެން، ނަފުސާނީ ދުޅަހެޔޮކަމާއި ޕްރޮސްޓޭޓް ކެންސަރު އަދި އޮށުގެ ކެންސަރު (ޓެސްޓިކިއުލާ ކެންސަރު) އަށް ހޭލުންތެރިކުރުވުމަށް ހިންގާ ކެމްޕޭނެކެވެ.
ވީޑިއޯއަކާއެކު އެލިސަންގެ އިންސްޓަގްރާމުގައި އޭނާ ގޮވާލާފައިވަނީ ވާހަކަދެއްކުމަށެވެ. ޕްރޮސްޓޭޓް އަދި އޮށުގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ގަވާއިދުން ޑޮކްޓަރަށް ދެއްކުމަށެވެ. އެ ކެމްޕޭނުގައި ވީހާވެސް ގިނަ ފިރިހެނުން ބައިވެރިވުމަށް ވެސް އެލިސަން ވަނީ ގޮވާލައިފައެވެ.
ވޯލްޑް ކަޕްގެ ފަސް ފަހަރުގެ ޗެމްޕިއަނުން މިފަހަރުގެ ވޯލްޑް ކަޕްގައި ދެން ނުކުންނަން ޖެހޭނީ ސްވިޒަލެންޑާ ދެކޮޅަށެވެ. "ގްރޫޕު ޖީ" ގައި ކުޅޭ އެ މެޗަށް ބްރެޒިލް ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައެވެ. އެ ގްރޫޕުގައި ބްރެޒިލާއި ސްވިޒަލޭންޑާއި ސާބިއާގެ އިތުރުން ދެން ހިމެނެނީ ކެމަރޫނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022