ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި މެޗަކުން ނަތީޖާ ހޯދަން ތަފާތު ފެންވަރު ދައްކަން ޖެހޭނެ ކަމަށްބުނެ، ވޯލްޑް ކަޕް 2022 ގައި އެމެރިކާއާ ދެކޮޅަށް އިންގްލެންޑުން ދެއްކި ކުޅުމާ ގުޅޭގޮތުން ކޯޗު ގެރެތު ސައުތުގޭޓް ވާހަކަދައްކައިފިއެވެ.
ރޭ ކުޅުނު "ގްރޫޕު ބީ"ގެ ހަތަރުވަނަ މެޗުގައި އެމެރިކާއިން ވަނީ އިންގްލެންޑް ހިފަހައްޓައިފައެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗަށް އިންގްލެންޑް ނުކުތީ ފުރަތަމަ މެޗުގައި 6-2 ގެ ނަތީޖާއަކުން އީރާން ބަލިކޮށްގެން ގްރޫޕުގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. ރޭގެ މެޗަށް ނުކުތް އިރު، އެމެރިކާ ބަލިކޮށްގެން ގަދަ 16 ގެ ޖާގައެއް ޔަގީންކުރުމުގެ ފުރުސަތު އިންގްލެންޑަށް އޮތެވެ.
މެޗަށްފަހު "އައިޓީވީ"އަށް ދިން އިންޓަވިއުއެއްގައި އިންގްލެންޑުގެ ކޯޗު ސައުތުގޭޓް ބުނީ މެޗު ވެގެންދިޔައީ ކުރިން ވެސް ބެލެވުނު ގޮތަށް އުނދަގޫ މެޗަކަށް ކަމަށާއި ނުކުންނަން ޖެހުނީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށެވެ.
"އީރާނާ ދެކޮޅަށް ދެއްކި ވަރުގެ ކުޅުމެއް ނުފެނިދާނެކަން އެނގޭ. ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު. އެކަމަކު ފެންވަރު ރަނގަޅު ބައެއް ކުޅުންތެރިން، އިތުރަށް ފެންވަރު ދެއްކި ނަމަ ރަނގަޅުވީސް. މިފަދަ މުބާރާތެއްގައި ނަތީޖާ ނެރުމަށް ތަފާތު ފެންވަރު ދައްކަން ޖެހޭނެ،" އޭނާ ބުންޏެވެ.
ސައުތުގޭޓް ބުނީ ފެންނަން ބޭނުންވި ބައެއް ކަންކަން މެޗުގައި ނުފެނުނު ކަމަށާއި ނަމަވެސް އިދިކޮޅު ޓީމުގެ ވަރުގަދަކަން ޑިފެންސް ލައިނުން ހިފެހެއްޓި ކަމަށެވެ. އަދި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ތަފާތު މެޗަކަށް ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
"ޑިފެންސް ލައިނުން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. އިދިކޮޅުގެ ހަމަލާތައް ހުއްޓުވުމުގައި އެންމެ ފަހަތުން ކުޅޭ ހެރީ މެގުއާ އަދި ޖޯން ސްޓޯންސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެމެރިކާ އިން މެޗު ކޮންޓްރޯލުކޮށްގެން ކުޅުނު ނަމަވެސް، އެ ދެ ޑިފެންޑަރުންގެ ހުޝިޔާރުކަމުން އިދިކޮޅު ޓީމު ހިފެހެއްޓުނު،" އޭނާ ބުންޏެވެ.
ރޭގެ މެޗުގައި ވެސް އިންގްލެންޑަށް ވަނީ އެމެރިކާއިން ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުމެއް ނުގެނެވިފައެވެ. ވޯލްޑް ކަޕް 1966 އަށްފަހު ފުރަތަމަ ވޯލްޑް ކަޕް ތަށްޓަށް، އަދި ފުރަތަމަ ބޮޑު މުބާރާތެއްގެވެސް ތަށްޓަށް އިންތިޒާރުކުރަމުން އަންނަ އިންގްލެންޑް ރޭގެ މެޗަށް ނުކުތް އިރު، ބޮޑު މުބާރާތެއްގައި އެޓީމަށް އެމެރިކާ ބަލިކުރެވިފައެއް ނެތެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި އިންގްލެންޑާއި އެމެރިކާ ދެ ފަހަރަކަށް ވާދަކޮށްފައި އޮތް އިރު، 1950 ވަނަ އަހަރު ދެ ޓީމު ކުޅުނު މެޗުން އެމެރިކާ މޮޅުވިއެވެ.
އޭގެ ފަހުން 2010 ވަނަ އަހަރު ދެ ޓީމުން ވޯލްޑް ކަޕްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި އެމެރިކާ އާއި އިންގްލެންޑް 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ފެނިގެން ދިޔައީ އިންގްލެންޑް ގޯލްކީޕަރު ރޮބާޓް ގްރީންގެ ބޮޑު ގޯހެކެވެ. އިންގްލެންޑަށް ގޯލު ޖެހީ ސްޓީވަން ޖެރާޑެވެ. އެމެރިކާގެ ގޯލު ޖެހީ ކްލިންޓް ޑެމްސީއެވެ.
ރޭގެ މެޗުން އެމެރިކާ އަތުން އިންގްލެންޑް އެއްވަރުވީ ނަމަވެސް، ހަތަރު ޕޮއިންޓާއެކު "ގްރޫޕު ބީ" ގެ އެއްވަނައިގައި އަދިވެސް އޮތީ އިންގްލެންޑެވެ. ދެވަނައިގައި އޮތް އީރާނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އެމެރިކާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ވޭލްސްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
އެ ގްރޫޕުގެ ފަހު މެޗުތަކަށް ބަލައިލާ އިރު، އިންގްލެންޑް ނުކުންނަން ޖެހޭނީ ވޭލްސްއާ ދެކޮޅަށެވެ. އަދި އެމެރިކާ ނުކުންނަން ޖެހޭނީ އީރާނާ ދެކޮޅަށެވެ. ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބޮޑު ތަފާތަކުން އިންގްލެންޑް ބަލިވެއްޖެ ނަމަ، ގަދަ 16 އަށް ދަތުރުކުރުމަށް ހުރަސް އެޅޭނެއެވެ. ގްރޫޕުގެ ކޮންމެ ޓީމަކަށް ވެސް ގަދަ 16 އަށް ދަތުރުކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022