މެލޭޝިއާގެ އާ ބޮޑުވަޒީރު ކަމަށް ދަތޯ ސެރީ އަންވަރު އިބްރާހިމް ހޮވިވަޑައިގެންނެވުމާ ގުޅިގެން އޭނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ރަސްގެފާނު އަބްދުالله, އާ ބޮޑުވަޒީރުގެ މަގާމަށް އިއްޔެ އަންވަރު އައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބުގައި މިހާރު ވެރިކަން ކުރާ ކޯލިޝަނާއި އިދިކޮޅު ކޯލިޝަނުން ވާދަކޮށްގެންވެސް އެއްވެސް ކޯލިޝަނަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުންނެވެ.
އަންވަރަށް ރައީސް ސޯލިހު މިއަދު ފޮނުއްވި މެސެޖުގައި، އަންވަރުގެ ލީޑާޝިޕުގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިއާއާ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި އަންވަރާއި މެލޭޝިއާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
އުމުރުން 75 އަހަރުގެ އަންވަރަކީ 1990ގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރައްވައި އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ބަދަލުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވުނު ބޭފުޅެކެވެ. ނަމަވެސް މަހާތީރުގެ ވެރިކަމުގައި އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ އޭނާއަށް ދެ ދައުވާއެއް އުފުލައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރެއްވިއެވެ. އަންވަރު ވިދާޅުވާ ގޮތުން, އޭނާގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެކެވެ.