ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ޓީޓީ ހޯލް ރައީސް ހުޅުވައިދެއްވައިފި

މުހައްމަދު އިޝާން

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓޭބަލް ޓެނިސް ހޯލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.

ޓީޓީ ހޯލު ހުޅުވައިދެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހޯލު ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ ބައެއް ކުޅުންތެރިންނާއެކު ޓީޓީ ކުޅުއްވައިފައެވެ.

މާލޭ ޓީޓީ ހޯލުގައި ޓީޓީ ކުޅޭ 12 މޭޒު ހުރެއެވެ. ސަރުކާރުން ވަނީ ހުޅުމާލޭގައާއި ފުވައްމުލަކުގައިވެސް ޓީޓީ ހޯލެއް ހުޅުވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ "މާލޭ ޓީޓީ ހޯލް"އަކީ ކުޅިވަރު ދާއިރާގެ ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަރައްގީކުރި ތަނެއް ކަމަށެވެ. ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން އެކިއެކި ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ރާއްޖޭގެ އެތުލީޓުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގުރާމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

އަދި ސަރުކާރުން ކުޅިވަރު ދާއިރާ ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި ބައިނަލްއަގުވާމީ އެކި މުބާރާތްތައް ބާއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.