ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރުމަށް ނިންމީ ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައި ވަނީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި އިންޑަސްޓްރީގެ އެކި ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފައާ އެއްގޮތަށް ކަމަށެވެ.
"މިއީ އިންޑަސްޓްރީގެ (ފަތުރުވެރިކަމުގެ) އިތުރުން މުޅި ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރުމަށް މި ފިޔަވަޅުތައް އެ އެޅިގެން މި ދަނީ. ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތަކެއް ނުކުރާނެ،" މިއުވާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކޮށްފައި ވަނީ ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއޫތަކުގެ އިތުރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަޓާޓޯއިން ވަނީ އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އެކަމުގެ އަސަރުކުރާނެ ކަމަށް ބުނެފައިވެއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ ޖަނަވަރީ މަހުން ފެށިގެން ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުވާނެއެވެ.