ހުޅުމާލޭގައި ހުންނަ އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތް ދޭ ވިޔަފާރިކުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ.
ނަމަވެސް ހުޅުމާލޭގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާތައް އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ނުވަތަ ގަރާޖު އަދި ގުދަންކުރުމަށް ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވެސް ބުންޏެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން ނިންމީ، އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއަރުވައި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެޗްޑީސީން ބުނީ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިއުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެ ކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށްވެސް ބުންޏެވެ.