ދިވެހިރާއްޖޭގެ ތާރީޚު

1908 ގައި ޝަމްސުއްދީން ރަދުންގެ ކޯފާ މަލިކަށް

މުހައްމަދު ނާޖިހު

1

މީލާދީން 1752 ގައި ކަންނަންނޫރު އަލީރާޖާގެ ދަށަށް މަލިކު ދިޔުމަށްފަހުގައިވެސް މަލިކަކީ ދިވެހިރާއްޖެއާ ގުޅިލާމެހިފައި އޮންނަ ރަށެކެވެ. އޭރުއްސުރެ އިދާރީ ގޮތުން ދިވެހިރާއްޖޭގެ ރަސްގެފާނުގެ ދަށުގައި ނެތަސް މަލިކު މީހުންނަކީ ދިވެހިރާއްޖޭގެ ރަސްގެފާނުގެ ހެވަތާއި އެހީތެރިކަން ލިބިގެން އުޅެމުން އައި ބަޔެކެވެ. އެހެނީ މަލިކަކީ، އެބައެއްގެ ދަށުގައި މަލިކު އޮތް އަލީރާޖާގެ ވެރިކަމުގެ ސަރަހައްދާ މުޅީން ވަކީން އެކަހެރިކޮށް އޮތް، އެހެންނަމަވެސް ދިވެހިރާއްޖޭގެ ރަށްތަކާ ކައިރީގައި އޮތް ރަށަކަށް ވުމުން މަލިކު މީހުންގެ ވެރިކަމުގެ ގުޅުން ނޫން ހުރިހާ ގުޅުމެއް އޮތީ ދިވެހިރާއްޖެއާ ކަމަށްވާތީއެވެ. 1956 ގައި "ލެކަޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސް" (ފަހުން ލަކްޝަދްވީޕް/ލަކްޝަދީބު) ގެ ނަމުގައި އުފެދުނު އިންޑިޔާގެ ޔޫނިއަން ޓެރިޓަރީގެ ބަޔަކަށް މަލިކު ވުމާ ހަމަޔަށް ދިވެހިރާއްޖެއާ މަލިކާ ދެމެދު ދަތުރުފަތުރުކުރުމުގެ އެއްވެސް ހުރަހެއް ނޯވެއެވެ. އެހެންވެ 1956 ގެ އެދުވަސްވަރާ ޖެހޭންދެން މަލިކު އޮޑިދޯނިފަހަރު އަބަދުވެސް ދިވެހިރާއްޖޭގެ އެކި ރަށްތަކުގައި އުޅެއެވެ. ޚާއްޞަކޮށް މާލޭގައެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ އޮޑިދޯނިފަހަރުވެސް މަލިކަށް ގޮސް އުޅުނެވެ. މިގޮތުން އައިސްއުޅުނު އޮޑިފަހަރު ބޭރުން މުދާ ގެނެސްގެން ދިވެހިރާއްޖޭގެ ރަށްރަށަށް ވިއްކައި އުޅުނެވެ. އަދި ހަމައެހެންމެ މަލިކު ހިކިމަހާއި، ރޯނާއި، ދިޔާހަކުރު ފަދަ ތަކެތި ގެނެސް ދިވެހިރާއްޖޭގެ ރަށްރަށަށް ވިއްކައި އުޅުނެވެ. މަލިކު މީހުން އެގޮތަށް ދިވެހިރާއްޖޭގެ ރަށްރަށަށް އައިސް އުޅުމަށް އެއްވެސް ހުރަހެއް ނޯވެއެވެ. ދިވެހިރާއްޖޭގެ އެންމެ ކުރީގެ ބޯހިމެނުގެ ހިސާބުތަކަށް ބަލާލުމުންވެސް ދިވެހިރާއްޖޭގެ އެހެނިހެން ރަށްރަށުގެ މީހުން އެކި ކަންކަމު މާލެއަށް ފައިބާ ތިބޭ ގޮތަށް މަލިކު މީހުންވެސް މާލެ ފައިބައި ތިބިކަން އެނގެން އޮވެއެވެ. ދިވެހިރާއްޖޭގެ ރަށްރަށާއި މަލިކާ އޮތް ގުޅުމަކީ ވިޔަފާރިކަމުގެ ގުޅުމުގެ އިތުރުން އެއްބަހަކުން ވާހަކަ ދައްކާ އެއް ސަގާފަތެއެްގެ އަހުލުވެރީންތަކަކަށް ވުމެވެ. ހަމައެއާއެކު އާއިލީ ގޮތުން މަލިކާއި ދިވެހިރާއްޖޭގެ އެކި ރަށްރަށާ ގުޅިފައި އޮތް އޮތުމެވެ.

ކުރީން ދެންނެވި ފަދައިން މަލިކާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ގުޅުން އޮތަސް މަލިކަކީ ދިވެހިރާއްޖޭ ރަސްގެފާނުގެ ވެރިކަމުގެ ދަށުގައި އޮތް ރަށަކަށް ނުވުމުން، ދިވެހިރާއްޖޭގެ ރަސްގެފާނާ ނުވަތަ ދިވެހި ސަރުކާރާ ދެކޮޅުވެގެން ދިވެހިރާއްޖެއިން ފިލައިގެން ދާ ދިވެހީންނަށް މަލިކަކީ ރައްކާތެރިކަމުގެ މަންޒިލަކަށް ވެފައި އޮތްކަން ދިވެހި ތާރީޚުގެ ފަތްފުށްތަކުން ފެންނަން އެބަހުއްޓެވެ. އޭގެ ސަބަބަކީ މަލިކު ދިވެހިރާއްޖެއާ ކައިރީގައި އޮތުމާއި، އެއްބަހަކުން ވާހަކަދައްކާ އެއް ސަގާފަތެއްގެ ބަޔަކަށްވުމާއި، ރާއްޖޭގެ ޚަބަރުތައް ލިބުން ފަސޭހަވުން ކަމަށް ބެލެވެއެވެ. މިގޮތުން މާ އިހުޒަމާނުއްސުރެވެސް ދިވެހީންގެ މީހުން މި ބޭނުމުގައި މަލިކަށް ގޮސް، މަލިކުގައި އުޅެފައިވާކަން އެނގެއެވެ. މިފަދަ ބަޔަކު މަލިކަށް ގޮސްގެން އެކި ދުވަސްވަރު އެކި ގޮތަށް، އެވަގުތަކު ހުންނަވާ ރަސްކަލަކު އަމަލުކުރައްވާފައިވާކަން ތާރީޚުން ފެންނަން އެބަހުއްޓެވެ. އިސްކަންދަރު ރަސްގެފާނު މަލިކު ހިއްޕަވައި އަލުން ދިވެހިރާއްޖޭގެ ބަޔަކަށް ހެއްދެވުމުގެ ކުރިން، އެ ރަދުންގެ ބައްޕާފުޅު ބޮޑުރަސްގެފާނުގެ ރަސްކަމުގައި އަލީރާޖާގެ ދަށުގައި މަލިކު އޮތް ދުވަސްވަރު، ބަޣާވާތްކުރައްވައި މާފިލާފުށީގައި އަމިއްލަ ރަސްކަމެއް ޤާއިމުކުރައްވައިގެން އުޅުއްވި ސާމިޔާ ފާށަނާ ކިލަގެ ފިއްލަވައިގެން މަލިކަށް ވަޑައިގެން މަލިކު މާމިސްކިތުގައި އިންނަވަނިކޮށް ދިވެހި ސިފައިން ފޮނުއްވައިގެން އެކިލަގެ ހައްޔަރުކުރައްވައިގެން ރިހި ހިލިހިލާ އަޅައިގެން މާލެ ގެނެވުނެވެ. އޭގެ ފަހުން 1752 ގައި މަލިކު އަލުން އަލީރާޖާގެ ދަށަށް ދިޔަފަހުން ވެސް ތަފާތު އެކި މީހުން ސަރުކާރާއި ނުވަތަ ރަސްގެފާނާ ދެކޮޅުވެގެން މަލިކަށް ގޮސް އުޅެފައިވެއެވެ. މިގޮތުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 1 ގެ ރަސްކަމުގައި މަލިކަށް ވަޑައިގެން އުޅުއްވި ދޮން އަޙްމަދު ދީދީ (ފަހުން އަޙްމަދު ދޮށިމޭނާ ކިލެގެފާނު) އާއި ޙާޖީ ޢިމާދުއްދީން ރަސްކަން ފެށުނުތަނާހެން 1893 ގައި މަލިކަށް ވަޑައިގެން އުޅުއްވި ކަކާގޭ މުޙައްމަދު ދީދީ (ރަންނަބަނޑޭރި ކިލެގެފާނު) އާއި، ކަކާގޭ ޢަބްދުﷲ ދީދީ (ފާށަނާ ކިލެގެފާނު) އާއި، ކަކާގެ އިސްމާޢީލް ދީދީ އަދި އޭގެފަހުން ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި 1924 ގައި އެއްގަމުގޭ ޢަލީ ޙަސަން ދީދީއާއި އޭނާގެ ދަރިކަލުން އިބްރާހީމް ޢަލިދީދީ (ފަހުން އިބްރާހީމް ފާމުދޭރި ކިލެގެފާނު) ވެސް މަލިކަށް ވަޑައިގެން އުޅުއްވާފައިވާކަން އެނގެއެެވެ. އެހެންނަމަވެސް މި ދެންނެވި ބޭބޭފުޅުން މާލެ ގެންނަވަން އޭރު ތިއްބެވި ރަސްރަސްކަލުން ނުވަތަ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރެއްވިކަން އެނގޭކަށް ނެތެވެ.

1908 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރަސްގެފާނާ ދެކޮޅުވެރިވެގެން މަލިކަށް ދިޔަކަން އެނގެން އޮތީ މާލޭ އިސްދޫގޭ މޫސާ މަނިކު (މަނިކު ޙާޖީ/ޙާޖީ ކުޑަމަނިކު) އާއި ވާރުގޭ ޔޫސުބާއި ދެމީހުންނެވެ. ދިވެހިރާއްޖޭގެ އޭރު ރަސްގެފާނަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 އެވެ. އިސްދޫގޭ ޙާޖީ ކުޑަމަނިކާއި، ވާރުގޭ ޔޫސުބުގެ ދެކޮޅުވެރިކަމާބެހޭ މަޢުލޫމާތެއް މާ ރަނގަޅަކަށް އަދި އޮޅުމެއް ނުފިލައެވެ. އެނގެން އޮތް ކަމަކީ އެ ދެމީހުން ރަސްގެފާނާ ދެކޮޅުވެރިވެގެން އޮޑިކަނޑައިގެން މަލިކަށް ގޮސް މަލިކުގައި ދިރިއުޅެމުން އައި ކަމެވެ. އަދި އެ ދެމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދީގެން މަލިކު މީހުން އުޅޭތީ އެކަމާ ކޯފާވެގެން ރަސްގެފާނުގެ ފަރާތްޕުޅުން ބޮޑުބަނޑޭރިގެއިން މަލިކުގެ ބޮޑުންނާއި ރައްޔިތުންނަށް ކުރާން އެންގެވި އަމުރުފުޅުތަކެއް، ސިލޯނުގެ ކޮޅުނބުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މެދުވެރިކުރައްވައި މަލިކަށް ފޮނުއްވިކަން އެނގެއެވެ. އެކަން އެނގެނީ އޭގެ ޖަވާބުގައި މަލިކުން ފޮނުވި ސިޓީ ދިވެހިރާއްޖޭގައި މިހާރު ވެސް ފެންނަން އޮތުމުންނެވެ. ބޮޑުބަނޑޭރިގެއިން ފޮނުވި ލިޔުމުގެ ނަކަލެއްވެސް އަދި މިވީހާ ތަނަށް ފެނިފައެއް ނުވެއެވެ.

1908 ގައި މަލިކުން ދިވެހިރާއްޖޭގެ ސަރުކާރަށް ފޮނުވި ސިޓީއެއްގެ މަޢުލޫމާތު އަޅުގަނޑަށް ލިބުނީ މީގެ ގާތްގަނޑަށް 13 ވަރަކަށް އަހަރު ކުރީންނެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މުލީއާގެއިން ފެނުނު އިހުގެ ފަތްކޮޅުތަކާއި ލިޔެކިޔުންތަކެއް ސްކޭންކޮށްގެން އޭރު ޢާއްމުވެގެން އަޅުގަނޑަށްވެސް އެތަނުން ކޮޕީއެއް ލިބުނެވެ. މިގޮތުން އެ ފަތްކޮޅުތަކާއި ލިޔެކިޔުންތައް ބަލަމުން ދަނިކޮށް މަލިކުގެ މި ދެންނެވި ސިޓީ ވެސް އޭގެ ތެރޭގައި އޮތެވެ. އަޅުގަނޑަކީ އޭގެ ކުރީއްސުރެވެސް މަލިކާބެހޭ ދިރާސާކުރަމުން އަންނަ މީހަކަށްވާތީ އެ ލިޔުމުގެ މައްޗަށް ވަރަށް ބޮޑަށް ޝައުޤު އުފެދުނެވެ. އެހެންނަމަވެސް އެ ލިޔުންތައް ސްކޭންކޮށްފައި ހުރި ގޮތުން އެ ސިޓީގައިވާ އެއްޗެއް އެހާ ސާފުކޮށް ފިލާގޮތެއް ނުތްވެވެ. ދެން އޭގެ ސާފު ކޮޕީއެއް ލިބޭތޯ އުޅެގެން 2017 ވަނަ އަހަރު ޤައުމީ އަރުޝީފަށް ލިޔެގެން އެތަނުން އޭގެ ސާފު ކޮޕީއެއް ލިބުނެވެ. އެހެންނަމަވެސް ލިޔުމުގެ މައިގަނޑު ވާހަކަ ސާފުކޮށް ކިޔަން އެނގޭވަރުވިޔަސް ބައެއް ތަންތަނުން ދެލި ފޭދި ފޫގޮސްފައި ހުރުމުންނާއި ކަތުރުފަނި ކައިފައި ހުރުމުން، އެތަންތަނުގައި ހުރި އެއްޗެއް އެހާ ސާފުކޮށް ނޭނގުނެވެ.

މި ދެންނެވި ސިޓީއަކީ 18 ރަޖަބު 1326 ހ. (16 އޮގަސްޓު 1908 މ.) ގެ ތާރީޚުގައި ލިޔެފައިވާ ސިޓީއެކެވެ. ސިޓީއަކީ މަލިކުގެ ރަށުވެރިން ބޮޑުގަނޑުވަރު ދޮންމަނިކުފާނާއި، ރަށުގެ ބޮޑުންނާއި، ނިޔަމީންނާއި، ރައްޔިތު އެންމެތަކުންގެ ފަރާތުން، އޭރުގެ ދިވެހިރާއްޖޭގެ ބޮޑުވަޒީރު އަތިރީގެ އިބްރާހީމް ދޮށިމޭނާ ކިލަގެފާނަށް ދެންނެވުމަށްއެދި، ސިލޯނުގެ ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު އަތިރީގޭ ޢަބްދުލްޙަމީދު ދީދީ އަށް ފޮނުވާފައިވާ ސިޓީއެކެވެ. ސިޓީއަކީ މާލޭގެ ބޮޑުބަނޑޭރިގެއިން މަލިކުގެ ރައްޔިތުންނަށް އަންގަވާން ކުރެއްވި އަމުރުތަކެއްގެ ޖަވާބަކަށް މަލިކުން ފޮނުވި ސިޓީއެވެ. ބޮޑުބަނޑޭރިގެއިން ފޮނުވި ސިޓީ މަލިކަށް ލިބުނީ ހިޖުރައިން 1326 ވަނަ އަހަރުގެ ރަޖަބު މަހުގެ 15 (މީލާދީން 13 އޮގަސްޓު 1908) ވީ ބުރާސްފަތި ދުވަހުގައެވެ. ބޮޑުބަނޑޭރިގެއިން ފޮނުއްވާފައިވާ ސިޓީގެ އަސްލެއް ވެސް އަދި ނަކަލެއް ވެސް މިހާތަނަށް އަޅުގަނޑަށް ފެނިފައެއްނުވެއެވެ. އެހެންވީމާ އެ ސިޓީގައި އޮތީ ކީކޭ ކަމެއް ސީދާ ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް މަލިކު ސިޓީން ކޮންމެވެސް ވަރަކަށް އޭގައި ބުނެފައިވާ އެއްޗެއް އޮޅުން ފިލައެވެ.

13 އޮގަސްޓު 1908 ގައި މަލިކަށް ލިބުނު ސިޓީ ޖެހިގެން އައި 14 އޮގަސްޓުވީ ހުކުރު ދުވަހު މަލިކުގެ އެންމެހައި ބޮޑުންނާއި، ނިޔަމީންނާއި، ރައްޔިތުންގެ އެންމެން އެއްވެ ތިބެ ކިޔައިބަލައި، އެ ސިޓީގައި ހުރި ހުރިހާ އަމުރުތައް އެނގި، ހުރިހާ އެންމެން އެ އަމުރުތަކަށް ބޯލަނބައި ކިޔަމަންވެއްޖެ ކަމަށް މަލިކުން ފޮނުވި ޖަވާބު ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ރަސްގެފާނާއި ރަސްކަމުގެ ބޭފުޅުންނާއި އެކުވެރިކަން ބަހައްޓައިގެން މަލިކުގެ އޭރު ތިބި ރައްޔިތުންނާއި، އެ ރައްޔިތުންނަށްފަހު މަލިކުގައި އުޅޭން ތިބި އެބައިމީހުންގެ ދަރީންނާ އަބަދާއިއަބަދު ގެންގުޅުއްވައި ދަރުމަފުޅުކުރެއްވުމަށް ގިނަ އެދުންތަކެއް އެދި ތިބިކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ބޮޑުބަނޑޭރިގެއިން ފޮނުވި ސިޓީ މަލިކަށް ދިޔުމަށްފަހު ދިވެހިރާއްޖޭގެ ރަސްގެފާނާ ދެކޮޅުވެރިވެގެން މަލިކަށް ދިޔަ އެއްވެސް މީހަކަށް އެހީތެރިކަން ދީގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން އެރަށުން ފޮނުވި ސިޓީގައި މާނަކޮށްފައި އޮތީ، ރަސްގެފާނާ ދެކޮޅުވެރިވެގެން އިހު އަރާހުރި މީހަކަށްވިޔަސް، އަދި ފަހުން އެރި މީހަކަށްވެސް އެހީތެރިކަމެއް ދީގެން ނުވާނެކަމަށެވެ. އަދި އެހިނދު އެފަދަ ބަޔަކަށް އެރަށުގައި ތިބީ އިސްދޫގެ މަނިކު ޙާޖީއާއި ވާރުގޭ ޔޫސުބާ ދެމީހުންކަމަށާއި، އެ ދުވަހުން ފެށިގެން އެ ދެ މީހުންނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ނުދޭނެކަމަށް ލިޔެފައި އޮތެވެ. އެހެންނަމަވެސް އެދުވަސްވަރު މަލިކު އޮތީ ކަންނަންނޫރު އަލީރާޖާގެ އަތުން އިނގިރޭސީންނަށް ލިބި ބްރިޓިޝް އިންޑިޔާގެ ރަށެއްގެ ގޮތުގައި ކަމަށްވާތީ، އެތަނުގެ ސަރުކާރުން މަލިކުގެ ރައްޔިތުންގެ ހަވަރުގެ ބާރު ނައްތާލާފައިވާ ކަމަށާއި، އެހެންވީމާ މަލިކުގެ ފަސްގަނޑުން އެއްވެސް މީހަކު ހައްޔަރުކޮށް ބޭރުކުރުމަކީ އެބައިމީހުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ސަރުކާރު މެދުވެރިކޮށް އެކަން ވޭތޯ ބަލާނެކަމަށް ބަޔާންކޮށްފައި އޮތެވެ.

ދިވެހި ސަރުކާރުގެ ސިޓީ މަލިކަށް ދިޔައިރު އިސްދޫގޭ ކުޑަމަނިކު ގެންގުޅުނު ބަނގަލާގަނޑު މަލިކުގައި ވިޔަފާރިކޮށްއުޅޭ ހޮޅިޔަކަށް ކުއްޔަށް ދީގެން އެހޮޅިމީހާ އެބަނގަލާގަނޑު މަރާމާތުކޮށްގެން، ބާލައިގެން އެޔަށް މަލިކުން ފަޅުވެރީން ލައިގެން ދުއްވަމުންދާ ކަމަށް މަލިކުގެ ސިޓީގައި ބަޔާންކޮށްފައި އޮތެވެ. އަދި އެބަނގަލާ ދުއްވުން ތިމަންނަމެން މަނާކޮށްފިނަމަ ބަނގަލާ ކުއްޔަށް ހިފިމީހާގެ މުދަލަށާއި، ފަޅުވެރީންނަށް ދެރައެއް ލިބި އެކަމުގެ ސަބަބުން ސަރުކާރުން ތިމަންމެންނަކީ ކުށްވެރީންކަމުގައި ހަދާފާނެތީ އަދިވެސް އެ ބަނގަލާ ދުއްވަމުން ގެންދާކަމަށް ބަޔާންކޮށްފައިވެއެވެ.

މަލިކުން ފޮނުވި ޖަވާބު ސިޓީގެ އެއްފުށުގައި ހުރި ލިޔުމުގެ ކުލަ އަނެއް ފުށަށް އަރާފައި ހުރުމުންނާއި، ކަތުރުފަނި ކައިފައި ހުރުމުން އެފުށުގައި ހުރި ލިޔުމުގެ ބޮޑުބައި ކިޔާކަށް ނޭނގެއެވެ. އެހެންމަވެސް ކިޔަން އެނގުނު ބައިގައި އޮތީ ކުރެއްވި އަމުރުފުޅަކީ އެބައިމީހުންނަށް ކިޔަމަންވުން ކުޅަދާނަވެގެންވާ އަމުރުފުޅުތަކެއް ކަމުގައިވަންޏާ ބޯލަނބައިކިޔަމަންވާނެކަމަށެވެ. އަދި ސިޓީގައި ސޮއިކުރި ދުވަހު ރައްޔިތު އެންމެތަކުން ގޮސް، އެ ދުވަހުން ފެށިގެން އިސްދޫގޭ މަނިކު ޙާޖީއާއި ވާރުގޭ ޔޫސުބާއި ދެމީހުންނަށް އެއްްވެސް ބާވަތެއްގެ އެހީތެރިކަމެއް ނުދޭނެ ކަމަށާއި، މަލިކުގައި އުޅެން ބޭނުމިއްޔާ ދިވެހިރާއްޖޭގެ ސަރުކާރުން ސިޓީއެއް ހިފައިގެން އައުމަށާއި އެނޫން އެހެން ގޮތަކަށް އެރަށުގައި ނުތިބެވޭނެކަމަށް އަންގާފައިވާކަމަށް ބަޔާންކޮށްފައިއޮތެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއިން މަލިކަށް އަންނަ އެއްވެސް މީހަކަށް ދިވެހި ސަރުކާރުގެ ސިޓީއަކާ ނުލައި މަލިކަށް ނާރުވާނެކަމަށް ވެސް ލިޔެފައިވެއެވެ.

މި ސިޓީން އެނގޭ ގޮތުގައި ސިޓީ ލިޔުއްވައި އޭގައި ފުރަތަމަ ސޮއިކުރައްވާފައިވަނީ މަލިކު ހުކުރު މިސްކިތު (މާމިސްކިތު) މުދިން ތަކުރުފާނެވެ. ބޮޑުންގެ ފަރާތުން ސޮއިކުރެއްވިކަމަށް އޮތީ ބޮޑުގަނޑުވަރު ދޮންމަނިކުފާނާއި، ސައްޔިދުފުޅާއި، ޙަސަންމަނިކުފާނު ގަނޑުވަރު ދޮންމަނިކުފާނާއި، ދިވެހިގަނޑުވަރު ޙުސައިން މަނިކުފާނާއި، ޙަސަންމަނިކުފާނު ގަނޑުވަރު ޢަލިމަނިކުފާނާއި، ދިހަމަތިގަނޑުވަރު ޙުސައިން މަނިކުފާނެވެ. މިތަނުން ދިވެހިގަނޑުވަރު ޙުސައިން މަނިކުފާނަކީ ޙާޖީ ޢިމާދުއްދީނުގެ ރަސްކަމުގައި ސަރުކާރާ ދެކޮޅުވެގެން މަލިކަށް ވަޑައިގެންނެވި ކަކާގޭ ޢަބްދުﷲ ފާށަނާ ކިލެގެފާނުގެ ދަރިކަލުން ކަކާގޭ ޙުސައިން ދީދީކަމަށް ބެލެވެއެވެ. މަންމައަކީ މަލިކު ދިވެހިގަނޑުވަރު އައިސާމަނިކައަށްވީމާ މަލިކުގައި ދިވެހިގަނޑުވަރު ޙުސައިން މަނިކުފާނޭ ކިޔަނީއެވެ. މަލިކު ސިޓީގައި ދެން ސޮއިކުރައްވާފައިވާ ބޭކަލުންގެ ތެރޭގައި ހިމެނިލައްވަނީ މަލިކުގެ ނިޔަމީންނެވެ. ނުވަތަ ތަކުރުފާނުންނެވެ. އެއީ ނަލަގޯތި މޫސާ މާލިމީއާއި، ކަތި(ކަތުރުފަނިކައިފައި) ޙުސައިން މާލިމީ، އަތިރިގޯތި ބިއްދަށުގޭ މޫސާ މާލިމީ، ކަޅުދާތަ(ކަތުރުފަނިކައިފައި) ޙަސަން މާލިމީ، ފަރެއްފާޑިގޯތި އިސްމާޢީލް މާލިމީ، ފަރެއްފާޑިގޯތި ޙުސައިން މާލިމީއެވެ. ރަށުގެ އަވަށްއަވަށުގެ ބޮޑުކާކަމެން (އަވަށުވެރީން ނުވަތަ މުއްޕަނުން) ގެ ފަރާތުން ތިން މީހަކު ސޮއިކުރައްވާފައިވެއެވެ. އެއީ ފަތްތިލަގޯތި އިބްރާހީމް ތަކުރާއި، ޙަސަންބޭބެގޯތި ޢަލީ މުޢަލިމާއި، އޮޅުދުގޯތި އިބްރާހީމް މާލިމީއެވެ.

މަލިކުން ފޮނުވި ސިޓީއާ އެއްގޮތަށް އިސްދޫގޭ ކުޑަމަނިކާއި ވާރުގޭ ޔޫސުބު މަލިކުން ފޭބި ކަމެއް، އަދި ފައިބައިގެން މާލެއަށް އައިސް ސަރުކާރުގެ ހުއްދަލިބިގެން އަލުން މަލިކަށް ދިޔަކަމެއް، ނުވަތަ ނުދާކަމެއްވެސް އަދި އެނގިފައިނެތެވެ. އެހެންނަމަވެސް އިސްދޫގޭ ކުޑަމަނިކު މަލިކު މީހަކާ ކައިވެނި ބައްލަވައިގެން އޭނާގެ ދަރިކޮޅު މިއަދާ ޖެހޭންދެންވެސް މަލިކުގައި އޮތްކަން އެނގެއެވެ. ވާރުގޭ ޔޫސުބުގެ އެފަދަ މަޢުލޫމާތެއް އެނގިފައެއް ނުވެއެވެ.

1908 ގައި ދިވެހިރާއްޖޭގެ ރަސްގެފާނު މަލިކުގެ ބޮޑުންނާއި ރައްޔިތުންނަށް ފޮނުއްވި ކޯފާގެ ސިޓީފުޅު ނުވަތަ ފަތްކޮޅުގެ ކުރިން މިޒާތުގެ ކޯފާގެ ފަތްކޮޅެއް މަލިކު މީހުންނަށް ފޮނުއްވާފައިވަނީ ހިޖުރައިން 1212 (މީލާދީން 1797/1798) ގައެވެ. އެއީ ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުން އައްސުލްޠާން ޙަސަން ނޫރައްދީން 1 ގެރަސްކަމުގެ ފަހުކޮޅު ފޮނުއްވާފައިވާ ފަތްކޮޅެކެވެ. ނަމަވެސް އެ ފަތްކޮޅަކީ ސީދާ މަލިކަށް ފޮނުއްވި ފަތްކޮޅެއް ނޫނެވެ. އެ ފަތްކޮޅަކީ އެވަގުތު ތިލަދުންމަތީގައި ތިބި މަލިކު ގުރާބާއި މަލިކު ފުރައްދެ އޮޑިތަކުގެ މީސްތަކުންނަށް ވިދާޅުބަސްފުޅު އިއްވާން ފޮނުއްވި ފަތްކޮޅެކެވެ. ރަސްގެފާނު ކޯފާވީ މަލިކުން ތިލަދުންމައްޗަށް ވަތް އޮޑިއަކުން މުޅިއަތޮޅުތެރޭގައި ކަށިވިދުރި ފެތުރި، ދެތިން ހަތަރު ރަށެއްގެ ހުރިހާ ރައްޔިތުންނަށް ކަށިވިދުރި ޖެހި، އެންމެން މަރުވެ، އެރަށްރަށް ފަޅުވުމުގެ ސަބަބުންނެވެ. އެ ސަބަބު ބަޔާންކުރެއްވުމަށްފަހު ފަތްކޮޅުގައި ދެން އޮންނަނީ "މިފަދަ ނުލަފާ ނުބައި ބަޔަކީމު. ތިބާބައިމީހުން ތިބިތިބި ރަށްރަށުން ފުރައިގެން އަވަހަށް މި ރާއްޖެއިން ދާނޭ ކޮންމެ ތަނަކަށް މި ރާއްޖޭ ނުތިބެ ހިނގައިދާތި. މިއަށްފަހު ކޮންމެ ތަނަކުން އައިސްވެސް ފެނެއް، ދަރެއް ލާން މަލިކު ނަވެއް، ގުރާބެއް، ފުރައްދެއޮޑިއެއް ވެސް މި ރާއްޖެ ނުވަންނަހުށިކަމެ. މަގޭ އިތުރު ހިިރިޔާ ފާތުރާ ދަށުން ދެއްވި މިވިދާޅު ފަތްކޮޅު އުވައި، މިކަން މިމަގުން އަރައިރުންކުޅައޫތަ، މަގޭ ކީރިތި ރެދަލިކަމުގެ ފުރަމާނަ ދަނެއު." މިހެންނެވެ.

އާދެ އައްސުލްޠާން ޙަސަން ނޫރައްދީންގެ ވިދާޅުބަސްފުޅާ އެއްގޮތަށް ޢަމަލުކުރީ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ. ނުވަތަ ފަހުން އެރަދުން، ނުވަތަ އެރަދުންނަށްފަހު ވަޑައިގެންނެވި ރަސްކަލަކު މަލިކު މީހުންނަށް އަލުން ދިވެހިރާއްޖެއަށް އައިސްގޮސް ހެދުމުގެ ހުއްދަދެއްވީ ކަމަށްވެދާނެއެވެ. ކޮންމެއަކަސް 1908 ގައި ޝަމްސުއްދީން ރަދުންގެ ރަސްކަން އައި އިރު އެ ހުއްދަ އޮތްކަން 1908 ގެ ސިޓީން އެނގެއެވެ.

******

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.