މިމަހުގެ ފުރަތަމަ ތިން ހަފްތާ ތެރޭ އެއްލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 1.45 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައެވެ. ރާއްޖޭގެ ޓޫރިޒަމް ސީޒަން މިހާރު ފެށިފައިވާއިރު މަހުން މަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 22 ދުވަހުން އެކަނިވެސް 107,452 ޓޫރިސްޓުން މިހާރު ވަނީ އައިސްފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮކްޓޯބަރު މަހު އެވެ. އޮކްޓޯބަރު މަހު ޖުމްލަ 153,737 ޓޫރިސްޓުން އައިއިރު އޮކްޓޯބަރުގެ ފުރަތަމަ ތިން ހަފްތާ ތެރޭ ރާއްޖެ އައީ 105,753 ޓޫރިސްޓުންނެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ އިންޑިއާއެވެ. މުޅި މާކެޓުގެ 14 ޕަސެންޓު އިންޑިއާއިން ހިއްސާކުރާ އިރު ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާ އިން އަންނަނީ ރާއްޖޭގެ މާކެޓުގެ 12.3 ޕަސެންޓު ހިއްސާކުރަމުންނެވެ. ކުރިއަށް އޮތީ ފިނި މޫސުން ކަމަށް ވާތީ ރަޝިއާ ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
މާކެޓުގެ 10.9 ޕަސެންޓާއެކު ލިސްޓުގެ ތިންވަނައިގައި އިނގިރޭސި ވިލާތު އޮތް އިރު، ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާ ޓޫރިސްޓުންވެސް ރާއްޖެ ޒިޔާރަތްކުރާ އަދަދުތައް އަންނަނީ އެއްމަހުން އަނެއް މަހަށް އިތުރުވަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު މިއަހަރު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ އޮގަސްޓް މަހު "ވަން" އަށް ދެއްވި އިންޓަވިއެއްގައި ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު