ދިވެހި ރުފިޔާގެ ނިޝާން ޖަހައިގެން ޗާޕުކުރި ފުރަތަމަ ނޫޓު އަންނަ މަހު ދައުރުކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ޗާޕުކުރި 50ރ ގެ އާ ނޫޓު ނެރުނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މިއީ ރުފިޔާގެ ނިޝާން ހިމެނި ފުރަތަމަ ނޫޓެވެ.
އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ތައާރަފުކޮށްފައިވާ 50 ރުފިޔާގެ އާ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް 01 ޑިސެންބަރު 2022ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަލަށް ޗާޕުކޮށްގެން ނެރޭ 50ރ ގެ އެނޫޓުގެ ވައަތް ފަރާތުން މޫނުމަތީ އަގާ އެކު އާއި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އަލަށް ނެރޭ މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 08 ސެޕްޓެންބަރު 2022 ،12 ސަފަރު 1444 އެވެ.
އެމްއެމްއޭ އިން ބުނީ އަލަށް ޗާޕުކޮށްގެން މިނެރޭ 50ރ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 50ރ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު