ލައިފް ސްޓައިލް

މައިވަންތަކަމުގެ ލޯބީގައި ހަސަބާއި ނަސަބުގެ ފަރަގެއް ނޯންނާނެ

މިއީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ވާހަކައެކެވެ. ވަރަށް ގިނައިން އިބްރަތްތެރި ވާހަކަ ކިޔައިދެއެވެ. މިއީ މާމަ ނިޔާވުމުގެ ކުރިން ކިޔައިދިން އެންމެ ފަހުގެ ވާހަކަވެސްމެއެވެ.

މާމަގެ މަގަތުން އުނދޯލީގައިި އިށީނދެ، އޮށޯވެލައިގެން އޮތް މާމަ ގާތު ކުސްތެޅީ މިއަދު ހެނދުނު އެދުރުދައިތަ ގޭގައި ދިމާވި ކަމެއް ކިޔައިދެމުންނެވެ. އެދުރުދައިތަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަކީ ވާހަކަ ދެއްކުމުގަައި އަޅައިގަންނަ ގޮތެއް ހުރުމުގެ އިތުރަށް ބައެއް އަކުރުތަކުގެ އަޑު ރަނގަޅަށް ނުނެރެވޭ ކުއްޖެކެވެ. ރ، ޅ މި ދެ އަކުރުގެ ބަދަލުގައި ލާމު ކިޔޭތީ ބައެއް ފަހަރު ހީނފަ ދިމާ ކުރުންވެސް އޮވެއެވެ.

ދުވަހަކީ އެދުރުދައިތަގެ މިދަރިފުޅު، އަންމާ ފޮތުން މުސްހަފަށް ބަދަލުވުމުގެ އުފަލުގައި ބޮނޑިބަތް ކަައްކައި ރަށަށް ބޮނޑިބަތް ބެހުން އޮޮތް ދުވަހެވެ.

އަވަށުގެ މުއްސަނދިންގެ ދަރިން ތިބީ އަބަދުވެސް ތިބޭ ގޮތަށް ދުރުގައި ވަކިވެގަނެގެން ކޮންމެވެސް ކަނެއްގައި ތުންގުޅާލައިގެންނެވެ. އެއްކަލަ އެދުރުދައިތަގެ ދަރިފުޅު ކޮންމެވެސް ކަމަކު އެދިމާއަށް ދިޔަވަގުތު އެތަނުން އެއް ކުއްޖަކު "އައި ލުލީގަ ފޮތްގޮނޑި ނަގާ ލޮލީއަކަށް ލީ ދޯ؟'' މިހެން ބުނެލިއެވެ. އެދުރުދައިތަގެ ދަރިފުޅު ދެރަވި ވަރުން ބާރަށް ރޮޮމުން ގޮސް އެތެރެއަށް ވަން ގޮތަށް އެެދުވަހަކު ނުވެސް ނުކުތެވެ.

މާމަ މިވާހަކަ އަޑުއަހާފަ "ތީ އަދި ވާހަކަ އެއްނޫން. ދަރިފުޅާ ނަމަނަމަ މީހެއްގެ ނުކުޅެދުންތެެރި ނުވަތަ ބަލި މީހަކާ ދިމާއަށް ދެރަ ބަހެއްވެސް ނުބުނާތި. އެދުރުދައިތަ އަކަސް ފަގީރުކޮއި ވިޔަސް ދަރިންނަށް ޓަކައި އެ މަންމައިންގެ ހިތުގައި ލޯބި އޮންނާނީ ހަމަ އެއް ހަމައެއްގައި، މައިންގެ ހިތުގައި އެމީހުންގެ ދަރިންނަށް ޓަކައި ލޯބި އޮތުމުގަ އެމީހުންގެ ހަސަބުގެ ނަސަބުގެ ފަރަގަކުން ދަރިއަށް ލޯބި އޮންނަ ގޮތެއް ފަރަގެއް ނުވާނެ. ދެ މީހުންނަކީވެސް މަންމައިން ވީމަ މައިވަންތަ ލޯބީގަ އެ ފަރަގު އޮންނާނީވެސް ކިހިނެއް؟."

މާމަ ކިޔައިދިނީ އެ ވާހަކައެވެ. އެއީވެސް މަންމައެކެވެ. އެ މަންމަގެ ދެވަނަ ދަރިފުޅަކީ އިވުމާއި ފެނުމާއި އަޑުއެހުމާއި އަދި ވަސްދުވުމުގައިވެސް މައްސަލަ ހުންނަ އަންހެންކުއްޖެކެވެ. އެދުވަހު މެންދުރު ދަރިފުޅު އުރާލައިގެން ގޭގެ ދޮރުމައްޗަށް ނުކުމެ ހުއްޓާ، އެތަނަށް ނުކުތީ އަވަށުގައި އުޅޭ އަޒްލިފާ އެވެ. މަންމަ ދަރިފުުޅު އުރާލައިގެން ހުރިތަން ފެނިފައި "އެއްކަލަ މަންމަަނު ބ.. ގޮވައިގެން އެބަހުއްޓެއްނު." އަޒުލިފާ ބުނެލީ މިވަރަށެވެ. އެކަމަކު މަންމަގެ ހިތުގައި ޖެހުނީއެވެ. މައި ލަނގޮޑިއަށް ފިތި ތަދުވީއެވެ. އެކަމަކު މި މަންމަ ހަމަ އުފް ވެސް ބުނެނުލައެވެ.

ހަނދާންވީ ދެނެވެ. "އެއީ މިހިރަ ގޭގަ އުޅޭ އަޒުލިފާއްތަ؟" އަޒުލިފާއަށް ލިބުނީ ހަމައެންމެ ދަރިފުޅެކެވެ. އެއްވެސް ވަރަކަށް އަޑުނީވޭ، އަމުދުން ވާހަކަވެސް ނުދެއްކޭ ކުއްޖެެކެވެ. ވީ ގޮތް ސާފުވީދެނެވެ.

ތިމާގެ ދުލުން ބޭރުނުވާހާ ހިނދަކު އެބަހަކީ ތިމާގެ އަޅެކެވެ. އެހެނެއްކަމަކު ބަސް ދުލުން ބޭރު ކުރުމަށްފަހު ތިމާއަކީ އެބަހުގެ އަޅެކެވެ. އަޒުލިފާ އެވީ އޭނާ ބުނި ބަހުގެ އަޅަކަށެވެ. ދުލަކީ ކިހާ ވިހަގަދަ އެއްޗެއްކަން ނޭނގި އޭގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ނަތީޖާ، އުމުރުދުވަހު އެ ހިތާމަ އުފުލަން ޖެހުނީއެވެ.

ހަމަ އެހެންމެ އަޒުލިފާ ވެސް މަޔަކަށް ވުމުން ހިތުގައި އަދު އެ އުފެދޭ ޖަޒުބާތު ހަމަ އެދުވަހު އެ މައިމީހާގެ ހިތުގައިވެސް އޭނާގެ ދަރިފުޅަށްޓަކައި އޮންނާނެ ނޫންހެއްޔެވެ. އެހެންވީއިރު އޭގައި ދެމީހުން ވަކި ތަފާތެއް ނެތެއް ނޫންހެއްޔެވެ. މާމަ އެބުނި "މައިން ދަރީންނަށް އޮންނަ ޖަޒުބާތަކު ހަސަބާއި ނަސަބުގެ ފަރަގެއް ނޯންނާނެ، އެމީހުންގެ ލޯބި ތިލަފަތަކުން މިންކޮށް ބައި ވެސް ނުކުރެވޭނެ އަދި މައިވަންތަ ލޯބީގަ ސިފައެއް، ކުލައެއްވެސް ނުޖެއްސޭނެ." އޭ ބުނިބަހުގެ މާނަ ވިސްނުނީ ދެނެވެ. ތެދެކެވެ. މައި ލަގޮނޑި ފިތޭނީ ހަމަ އެއްވަރަކަށެވެ.