ގިނަ ދުވަސްތަކެއް ވަންދެން އުރުގުއާއީއާއެކު މަސައްކަތްކުރި ތަޖުރިބާކާރު، 75 އަހަރުގެ ކޯޗު އޮސްކާ ތަބަރޭޒް ކޯޗުކަމުން ވަކިވީ 2021 ވަނަ އަހަރުއެވެ. އެއީ 2006 ވަނަ އަހަރުން ފެށިގެން އެމަގާމުގައި މަސައްކަތްތަކެއް ކޮށް، ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. ތަބަރޭޒް އުރުގުއާއީގެ ކޯޗުކަން ދޫކޮށްލި އިރު، އެގައުމަށް ވޯލްޑް ކަޕަށް ކޮލިފައިވާން އޮތީ ހަނި ފުރުސަތެކެވެ. ކޮލިފިކޭޝަންގެ ބާކީ ހަތަރު މެޗުންވެސް މޮޅުވާން މަޖުބޫރުވެފައެވެ.

އެގައުމުގެ އެތައް ރައްޔިތުންނެއްގެ ޕްރެޝަރާ ހަވާލުވާން ތަބަރޭޒްގެ މަގާމާ ހަވާލުވެ، އުނދަގޫ މަސައްކަތާ ހަވާލުވީ މިހާރުގެ ކޯޗު، ކުރިން ގައުމީ ޓީމަށް ކުޅުނު ޑިއޭގޯ އެލޯންސޯއެވެ. އެލޯންސޯ އެމަގާމާ ހަވާލުވިއިރުވެސް އެތައް ބަޔަކު އޮތީ އުރުގާއީއަށް 2022 ވަނަ އަހަރުގެ ވޯލްޑްގެ އުންމީދު ކަނޑާލައިފައެވެ. އެހެން ނަމަވެސް، ޒަމާނީ ތަރައްގީގެ ފިލޯސަފީއަކަށް އިތުބާރުކޮށް، އެލޯންސޯ ތަފާތު ދެއްކިއެވެ. ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ، އުރުގުއާއީއަށް ވޯލްޑް ކަޕްގެ ސީދާ ޓިކެޓެއް ހޯދައިދިނެވެ. އެއީ ނަސީބެއްވެސް ނޫނެވެ. އޭނާ އެކަން ކުރީ ތަބަރޭޒްގެ "ޓްރެޑިޝަނަލް" ވިސްނުން ދޫކޮށް، މިޒަމާނުގެ މަގުބޫލު "ޑޭޓާ ސިސްޓަމް"އަށް އިތުބާރު ކޮށްގެންނެވެ.

މީގެކުރިން ދެފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އުރުގުއާއީގެ އުންމީދުތަކަށް އެލޯންސޯ އިތުބާރުކުރީ ތަފާސްހިސާބަށެވެ. އެނަލަސިސްތަކުގެ އިތުރުން ނަންބަރުތަކަށެވެ. އެއީ ޒަމާނީ ފުޓުބޯޅައިގެ ސްޓައިލެއްވެސް މެއެވެ. ޔޫރަޕްގެ ވަރުގަދަ ކްލަބުތަކުގެ ޓްރާންސްފާތައް ކާމިޔާބުކުރުމުގެ އިތުރުން އެމެރިކާގެ ބޭސްބޯޅަ ލީގުތަކުގެ ކާމިޔާބީތަކާވެސް އެ ސިސްޓަމް ގުޅިފައިވެއެވެ. އެއީ "މަނީ ބޯލް" ގެ ސިސްޓަމެވެ. ހޮލީވުޑުން ވަނީ އެ ޓެކްނޮލޮޖީގެ ކާމިޔާބީއަށް ބިނާކޮށް ފިލްމެއްވެސް ތައްޔާރުކޮށްފައެވެ.

އުރުގުއާއީން އެ ޓީމުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅޭ މެޗަށް މިރޭ ތައްޔާރުވަނީ ދެކުނު ކޮރެއާއާ ދެކޮޅަށް ވާދަކުރާށެވެ. ސުވާލަކީ އެލޯންސޯ އިދިކޮޅު ޓީމުތައް، "ޑޭޓާ"ގެ އެހީގައި ކިހާވަރަކަށް މިނެކިރާލާފާވާނެތޯ ކުރެވޭ ސުވާލެވެ. 200 މެޓްރިކްސްގެ ޑޭޓާގެ އެހީގައި އެލޯންސޯ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ޓީމުތަކުގެ އެނަލިސިސްތައް ހަދާފައިވާ ކަމަށް އުރުގުއާއީ ގައުމީ ޓީމަށް އެނަލިސިސްތައް ހަދާ ސްޕެއިންގެ ކުންފުނި، ޑްރިބްލެބްގެ ފަރާތުން ވާހަކަ ދެއްކި އަލެހާންޑްރޯ އަރޯޔޯ ބުނެފައިވެއެވެ. އެ ތަފާސްހިސާބުތަކުގައި އިދިކޮޅު ޓީމުގެ އެޓޭކިން ނުރައްކާތައް އަންނާނެ ދިމާތައް ބަލައި ހޯދުމަށް ޝޮޓްތައް އެނަލައިސް ކުރުމުގެ އިތުރުން އިދިކޮޅު ޓީމުގެ ބަލިފައި ދެނެގަތުމަށް މެޗުތަކުގައި، ވަކިވަކި ކުޅުންތެރިންގެ ފަރާތުން ފެންނަ ކުދިކުދި ގޯސްތައް އެނަލައިސް ކުރުންވެސް ހިމެނެއެވެ.

"އަހަރެމެން ތަނަވަސްކޮށްދޭ ޑޭޓާގައި ކުޅުންތެރިންގެ މެރިޓަށް ބަލައި، ޕާފޮމަންސްތައް އެނަލައިސް ކުރާނެ. އުރުގުއޭގައި ބޭނުންކުރާ މޮޑެލްގައި ޑޭޓާތަކުގެ އެހީގައި މެޗުތަކުގައި ދިމާވެދާނެ ބައެއް ހާލަތްތައްވެސް ބަލައި، އެ ހާލަތްތަކަށްވެސް ޓީމު ތައްޔާރުކުރެވިފައިވާނެ. އެއީ އަދި މިހާތަނަށް އުރުގުއޭ ޓީމަށް ކުރިމަތިނުވާ ބައެއް ހާލަތްތައް ނަމަވެސް، އެއީ އިދިކޮޅު ޓީމުގެ ޑޭޓާއަށް ބަލައި، ކުރިމަތިކުރުވައިފާނެ ހާލަތެއް ކަމަށް ޑޭޓާއިން ފެންނަ، އަންދާޒާ ކުރާ ހާލަތްތަކާވެސް އެކުގައި،" އަރޯޔޯ ބުންޏެވެ.

އަރޯޔޯ ބުނެފައި ވަނީ ފުޓުބޯޅައަކީ އިތުރު ކަންކަމުގެ ސަބަބުން ޑޭޓާ އެންމެ ސީދާ ނުވާނެ ކުޅިވަރެއް ނަމަވެސް، ތަފާސްހިސާބުތައް ތަފްސީލުކޮށް އެނގުމުގެ ސަބަބުން މެޗު ތެރޭގެ ހާލަތްތަކުގައި ގޮތް ނިންމަން ކޯޗަށް އާ ވިސްނުންތަކެއް ގެނެސްދޭނެ ކަމަށެވެ.

އުރުގުއޭއިން ވޯލްޑް ކަޕަށް އޮތް ހަނި ފުރުސަތަށް ނެގީ ވަރުގަދަ "ރިސްކް"އެކެވެ. ކުރިން އެތައް ޒަމާނެއް ވަންދެން ގައުމީ ޓީމުން ބޭނުންކުރަމުން އައި ޓެކްޓިކަލް ވިސްނުމަށް އާ އީޖާދީ ހިޔާލެއް ގެނެސް، ފުޓުބޯޅަ ބަދަލުކޮށްލީއެވެ. އެ އީޖާދީ ބަދަލުގެ ސަބަބުން ސްކޮޑަށް ކުޅުންތެރިން ނެގުމަށްވެސް ފަސޭހަވެ، މެޗު ތެރޭގެ ހާލަތްތަކަށް އިތުރަށް ތައްޔާރުވެވެއެވެ. މިއީ ޔޫރަޕްގެ ޓީމުތަކުންވެސް ބޭނުންކުރާނެ ނިޒާމަކަށްވާ އިރު، އުރުގުއާއީ އެ ބަދަލާއެކު ފަށާ ފެށުން ބަލަމާ ހިނގާށެވެ.