ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ބެލްޖިއަމުން ކެނެޑާ ބަލިކޮށްފިއެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ބެލްޖިއަމުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ 2018 ވަނަ އަހަރު ހޯދީ ތާރީހީ ލޯ މެޑައްޔާއެކުގައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްއަކީ ފަހަކަށް އައިސް އެންމެ ގިނަ ތަރިން އުފެއްދި ޓީމެވެ. މިވަގުތުވެސް ފީފާ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމްގެ ރަން ޖީލަށް ނިމުން އައުމުގެ ކޮޅުމަތީގައި އޮތް އިރު، އެ ޓީމުގައި ހިމެނުނު ލީޑާޝިޕް ރަނގަޅު ކުޅުންތެރިން ކަމަށްވާ ވިންސެންޓް ކޮމްޕެނީއާއި މަރުއާން ފެލައިނީ ފަދަ ކުޅުންތެރިން މިހާރު ޓީމުގައި ނުހިމެނެއެވެ.
އެހެން ނަމަވެސް މިރޭގެ މެޗަށް ނުކުތް އިރު، ޔަގީނުންވެސް ފެވަރިޓަކީ ބެލްޖިއަމްއެވެ. އޭގެން އެއް ސަބަބަކީ ކެނެޑާގެ ވޯލްޑް ކަޕް ތާރީހެވެ. ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފަހުން ދެން ކޮލިފައިވީ މިއަހަރުގެ ވޯލްޑް ކަޕަށެވެ. އެހެންނަމަވެސް ކެނެޑާއިން ގަބޫލުކުރި އެއް ކަމެއް އޮތެވެ. އެއީ އެގައުމުގައި މިހާރު އޮތް ޓީމަކީ ވޯލްޑް ކަޕުގައި ހައިރާންކަމެއް ގެނުވާނެ ފެންވަރުގެ ޓީމެއް ކަމެވެ. ހާއްސަކޮށް ޓީމުގެ ޒުވާން ކަމަކީ މުޅި އުތުރު އެމެރިކާއިންވެސް ފާހަގަކުރެވޭ ކަމެކެވެ. ކޮލިފިކޭޝަންގައި އެ ތަފާތު ދެއްކިއެވެ.
މެޗު ފެށިގެން 20 ވަރަކަށް މިނެޓް ހިނގި އިރު ޑޮމިނޭޓް ކުރީ ކެނެޑާއެވެ. ކެނެޑާއަކީ ތޯތޯ ޓީމެއް ނޫންކަން އެ ފެށުމުންވެސް ސާފުވިއެވެ. ޖޮނަތަން ޑޭވިޑާއި ބޫކަނާން ކުރީކޮޅުގައި ހަމަލާ އުފައްދަމުން ގޮސް، ކެނެޑާއަށް ނުވަ ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޔެނިކް ކަރެސްކޯގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ޖަހަން ދިޔައީ ކެނެޑާގެ ތަރި އަލްފޯންސޯ ޑޭވީސްއެވެ. އޭނާ ކުރިމަތިލީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްކީޕަރާއެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއްގައި ހުރެ، ކެނެޑާގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް ގޯލު ޖެހުމަށް ޑޭވީސް ފޮނުވާލި ޕެނަލްޓީ ހުޝިޔާރުކަމާއެކު މަތަކުރީ ތީބޯ ކޯޓުއާއެވެ.
ޕެނަލްޓީ ނުވަން ނަމަވެސް ކެނެޑާގެ ކުޅުމަކަށް ބަދަލެއް ނާދެއެވެ. ހަމަލާތައް އިތުރުކޮށް ބެލްޖިއަމް ޑިފެންސް ޕްރެޝަރު ކޮށްލިއެވެ. ފުރުސަތުތައް ކެނެޑާއަށް އޮހެމުން ދިޔަ ނަމަވެސް މަދުވީ ގޯލެކެވެ. އެ ގޯލު މަދުވުމަކީ ބޮނޑިއެއް ލިބިދާނެ ކަމެއްކަން އެނގި ތިބެ ކެނެޑާއިން ފަހަތަށް ކޮންމެވެސް ވަރަކަށް ސަމާލުކަން ދެމުން ދަނިކޮށް، ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ބެލްޖިއަމްގެ މިޗީ ބަޓްޝުއާއީ ގޯލު ޖަހައި މެޗުގެ ލީޑު ނެގިއެވެ.
ބަޓްޝުއާއީ މެޗަށް ނުކުތީ އަނިޔާގައި ހުރި ބެލްޖިއަމްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮމެލޫ ލުކާކު ނެތްތަން ފޫބެއްދުމަށެވެ. ޓޮބީ އަލްވަރާލްޑް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަނގަޅު ކޮންޓްރޯލެއް ކޮށް ބަޓްޝުއާއީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.
ދެވަނަ ހާފަށް ނުކުމެވެސް ކެނެޑާ ފޫގަޅާލީ ކުރިއަށް ޖެހި އެޓޭކް ކުރުމަށެވެ. ބެލްޖިއަމް ބެލީ ޑިފެންސް ކޮމްޕެކްޓްކޮށް، ކައުންޓާ ކުރުމަށެވެ. ހިތްގައިމު ކުޅުންތަކަކާއެކު ކެނެޑާއިން ބެލްޖިއަމް އޭރިއާ ތެރެއަށް ބޯޅަތައް ހުރަސްކުރި ނަމަވެސް އަނެއްކާވެސް މަދުވީ ގޯލެކެވެ. ޖޮނަތަން ޑޭވިޑާއި ލަރިން ފަދަ ކުޅުންތެރިންނަށް ނިންމައި ނުލެވި، ކެނެޑާއަށް މާޔޫސްކަން ކުރިމަތިވިއެވެ.
ގްރޫޕް އެފްގައި މިއަދު މޮރޮކޯއާއި ކްރޮއޭޝިއާ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، މިރޭގެ ނަތީޖާއާއެކު ބެލްޖިއަމަށް ވަނީ ގްރޫޕްގެ އެއްވަނައަށް ޖެހިލެވިފައެވެ.
15:00 ސްވިޒަލޭންޑް - ކެމަރޫން (ގްރޫޕް ޖީ)
18:00 އުރުގުއާއީ - ދެކުނު ކޮރެއާ (ގްރޫޕް އެޗް)
21:00 ޕޯޗުގަލް - ގާނާ (ގްރޫޕް އެޗް)
00:00 ބްރެޒިލް - ސާބިއާ (ގްރޫޕް ޖީ)
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022