ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ބެލްޖިއަމާއި ކެނެޑާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ބެލްޖިއަމުން މިފަހަރުގެ ވޯލްޑް ކަޕް ކެމްޕޭން ފަށާނީ މިރޭ އެޓީމުން ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުން. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްއަކީ ފަހަކަށް އައިސް އެންމެ ގިނަ ތަރިން އުފެއްދި ޓީމު. ހާއްސަކޮށް އެގައުމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މުޅިންހެން ތަރިންގެ ޓީމަކާއެކުގައި. އެ ޖީލަށް ނިމުން އައުމުގެ ކޮޅުމަތީގައި އޮތް އިރު، އެ ޓީމުގައި ހިމެނުނު ލީޑާޝިޕް ރަނގަޅު ކުޅުންތެރިން ކަމަށްވާ ވިންސެންޓް ކޮމްޕެނީއާއި މަރުއާން ފެލައިނީ ފަދަ ކުޅުންތެރިން މިހާރު ޓީމުގައި ނުހިމެނޭ. އެހެން ނަމަވެސް ބެލްޖިއަމަކީ އަދިވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު.

ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި. އެއީ ކެނެޑާއިން މިހާތަނަށް ކުޅުނު ހަމައެކަނި ވޯލްޑް ކަޕް. މިފަހަރު ކެނެޑާ ނުކުންނަނީ ތާރީހު ލިޔެލަން.

  • ބެލްޖިއަމް - ކެވިން ޑި ބްރޭނާ

އުމުރު: 31 އަހަރު

ކްލަބު: މެންޗެސްޓާ ސިޓީ

މެންޗެސްޓާ ސިޓީގައި އެންމެ މުހިންމު ކުޅުންތެރިޔާ ޑި ބްރޭނާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރު. ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ޑި ބްރޭނާ. އޭނާ ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގާއި އެފްއޭ ކަޕެއް ވެސް ކާމިޔާބުކޮށްފައި. އޭގެ އިތުރުން 202-21 ވަނަ އަހަރު ސީޒަނުގައި ސިޓީއާއެކު ޗެމްޕިއަންސް ލީގު ފައިނަލްވެސް ޑި ބްރޭނާ ކުޅެފައިވޭ. 2010 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ޑި ބްރޭނާ ވަނީ މިހާތަނަށް އެގައުމަށް ކުޅުނު 93 މެޗުން 25 ގޯލު ޖަހައިދީފައި.

  • އަލްފޯންސޯ ޑޭވީސް - ކެނެޑާ

އުމުރު: 21 އަހަރު

ކްލަބު: ބަޔާން މިއުނިކް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ތަރި އެލްފޯންސޯ ޑޭވީސްއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ލެފްޓް ބެކް. ސްޕީޑު ބާރު، ނެއްޓުންތަކުގައި ހުނަރުވެރި ޑޭވީސްއަކީ ގޯލުތަކަށް ފުރުސަތު ފަހިކޮށްދޭންވެސް ކުޅަދާނަ ކުޅުންތެރިއެއް. މޭޖާ ލީގު ސޮކާގެ ވައިޓްކެޕްސްއިން ކެރިއަރު ފެށި ޑޭވީސްއަކީ 2000 ގެ އަހަރުތަކުގެ ފަހުން އުފަންވި ކުޅުންތެރިއަކަށް އެ ލީގުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ. 2018 ވަނަ އަހަރު ބަޔާންއަށް ކުޅެ ފެށި ޑޭވީސް ވަނި އެ ކްލަބުގެ ސީނިއާ ޓީމަށް 90 ވަރަކަށް މެޗު ކުޅެ، ޓްރެބަލްވެސް ކާމިޔާބު ކޮށްފައި. ގައުމީ ޓީމަށް 34 މެޗު ކުޅެފައިވާ ޑޭވީސްއަކީ އެންމެ ހަގު އުމުރުގައި ގައުމީ ޓީމަށް ކުޅެ، ގޯލުވެސް ޖެހި ކުޅުންތެރިޔާ.