ގަތަރު ވޯލްޑް ކަޕް 2022

މޮރޮކޯއިން އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ހިފަހައްޓައިފި

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާއި މޮރޮކޯ އެއްވަރު ވެއްޖެއެވެ.

ގަތަރުގެ އަލް-ޚޯރްގެ އަލް ބައުތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އެފްގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމުނު އިރު، އެ ގްރޫޕުގެ ދެވަނަ މެޗު މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ ބެލްޖިއަމްއާއި ކެނެޑާއެވެ.

ކްރޮއޭޝިއާ މިއަދުގެ މެޗަށް ނުކުތީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. ރަޝިއާގެ ވޯލްޑް ކަޕަކީ އެގައުމުގެ ތާރިހުގައިވެސް ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެއީ ހުވަފެނީ ކާމިޔާބީއެކެވެ. މުޅި ގައުމު އެކުގައި އުފާފާޅުވެސް ކުރި ކާމިޔާބީއެކެވެ. މިފަހަރު ވޯލްޑް ކަޕް ފެށުމުގެ ކުރިންވެސް އެ ކާމިޔާބީގެ ވާހަކަތައް ދެކެވެމުންދިޔަ އިރު، ކެޕްޓަން ލޫކާ މޮޑްރިޗް ބުނީ އެ ކާމިޔާބީން ނުކުންނަން ވެއްޖެ ކަމަށާއި، އާ ޗެލެންޖަކަށް، އާ ކުޅުންތެރިންތަކަކާއެކު ތައްޔާރުވާން ޖެހިފައި އޮތް ކަމަށެވެ.

އަނެއްކޮޅުން ނުކުތީ 1994،1998 އަދި އެންމެފަހުން 2018ގެ ވޯލްޑް ކަޕްގައިވެސް ކުޅުނު މޮރޮކޯއެވެ. މޮރޮކޯއިން ރަނގަޅު ސްކޮޑަކާއެކު ފުޓުބޯޅައިގެ އުންމީދީ އަހަރުތަކެއް ގުނަމުންދާ އިރު، ވޯލްޑް ކަޕަށް ނުކުތީ އެޓީމުގެ އެންމެ މުހިއްމު ހަތިޔާރު ހަކީމް ޒިޔެޗްވެސް ޓީމުގައި ހިމަނައިގެންނެވެ.

ޒިޔެޗް މިފަހަރުގެ ވޯލްޑް ކަޕަށް މޮރޮކޯއާއެކު ނުކުތީ މިދިޔަ އަހަރު ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށްފައެވެ. އެފަހަރު ޒިޔެޗް ރިޓަޔާކުރަން ނިންމީ އޭރުގެ ކޯޗު ވާހިދު ހަލީލްހޮޒިޗްއާ ބޮޑެތި މައްސަލަތަކެއް ޖެހިގެންނެވެ. ޒިޔެޗް އެ ނިންމުން ބަދަލުކުރީ މިހާރުގެ ކޯޗު ވަލީދު ރެގްރަގޫގެ އެދުމަށެވެ. މިއަދުގެ މެޗުގެ ކުރިން ކޯޗު ރެގްރެގޫ ބުނީ ޒިޔެޗުގެ ފޯމު، މޮރޮކޯގެ ވޯލްޑް ކަޕް ދަތުރަށް މުހިއްމުވާނެ ކަމަށެވެ.

ފުރަތަމަ ކޮޅުގައި ޒިޔެޗާއި އަޝްރަފް ހަކީމީ ފަދަ ރަނގަޅަށް ބޯޅަ ހުރަސްކުރާ ކުޅުންތެރިންގެ ނުރައްކާ މޮރޮކޯއިން ފެނުނެވެ. ކްރޮއޭޝިއާގެ އެންމެ މުހިއްމު ޑިޕާޓްމަންޓް، މެދުތެރެއިން މޮޑްރިޗާއި މަޓެއޯ ކޮވަސިޗަށް ރަނގަޅަށް މެޗަށް ވަނުމަށް ވަގުތު ކޮޅެއް ނެގިއެވެ. ހާއްސަކޮށް މޮރޮކޯގެ މަސައްކަތު ރޭޓް ރަނގަޅުވުން ވެގެންދިޔައީ މޮޑްރިޗަށްވެސް ޗެލެންޖަކަށެވެ.

މޮރޮކޯއިން ރަނގަޅު ރޫހެއްގައި މެޗު ފެށި ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅަށް ދިޔަ އިރު، ކްރޮއޭޝިއާ އޮތީ ހަމައަކަށް އެޅިފައެވެ. ކްރޮއޭޝިއާގެ ފަރާތުން ނުރައްކާތެރި ހަމަލާތައްވެސް ފެންނަން ފެށިއެވެ. އަރިމަތިން އިވާން ޕެރަސިޗް ކުރިއަށް ޖެހޭ ޖެހުން ގިނަވެ، އޭނާގެ ފަރާތުން ހަމަލާތައް އުފެއްދުމުގެ އިތުރުން ނުރައްކާތެރި ހަމަލާއެއްވެސް ފެނިގެން ދިޔައެވެ.

ހާފުގެ މެދެއްހާ ހިސާބުން ޕެރަސިޗް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް ދިޔަ އިރު، މޮޑްރިޗަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. އޭގެ އިތުރުން ބޯނާ ސޯސާގެ ހުރަހަކުން ކްރޮއޭޝިއާއަށް ފަހި ފުރުސަތެއް ލިބުނު އިރު، ނިކޮލާ ވްލާސިޗް ފޮނުވާލި ބޯޅަ މޮރޮކޯގެ ސެވިއްޔާ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

ފުރަތަމަ ހާފު ރަނގަޅު ފޯމެއްގައި ނިންމާލި ކްރޮއޭޝިއާ ދެވަނަ ހާފަށް ނުކުތީ ފޯވަޑް ބަދަލުކޮށްގެންނެވެ. ވްލަސިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗެވެ. އެ ބަދަލާއެކު ދެވަނަ ހާފަށް ހޭނެންވެސް ކްރޮއޭޝިއާއަށް ވަގުތުކޮޅެއް ނެގިއެވެ. އެގޮތުން ހާފުގެ ކުރީކޮޅުގައި މޮރޮކޯއިން ނުރައްކާ ކުރިއެވެ. މޮރޮކޯގެ ސޮފިޔާން ބޫފާލް ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ޑިފެންޑަރު ޑެޖާން ލޮވްރެން ވަނީ ބްލޮކްކޮށްފައެވެ. އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނޫސާރް މަޒްރާވީ ބޮލުން ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.

އޭގެ އިތުރުން ހިލޭ ޖެހުމުން ޒިޔެޗް ޖައްސާލި ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން ހަކީމީ ފޮނުވާލި ބާރު ހަމަލާ މަތަކޮށް ބޭރުކޮށްލީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗެވެ.

ކްރޮއޭޝިއާގެ ފުރަތަމަ ހަމަލާއެއް ދެވަނަ ހާފުގައި ފެނިގެން ދިޔައީ 70 ވަނަ މިނެޓުގައެވެ. މޮޑްރިޗްގެ ނުރައްކާތެރި ހުރަހެއް އޭރިއާ ތެރެއިން ހުރަސްވެގެން ދިޔަ ނަމަވެސް އެ ހުރަހަކަށް އަރާނެ ކުޅުންތެރިޔަކު ނުވިއެވެ. މެޗުގެ ފަހު ކޮޅުގައި ގިނަ ހަމަލާތަކެއް ފެނިފައި ނުވާއިރު، މެޗުން ލިބުނު ޕޮއިންޓާއަކީ މޮރޮކޯއަށް ހިތްހަމަ ޖެހުމަކަށްވާނެއެވެ. ކްރޮއޭޝިއާއަކީ އެންމެފަހުގެ ރަނަރަޕް ކަމަށްވާ އިރު، އެޓީމަށް ތިން ޕޮއިންޓް ނުލިބުންވާނީ މާޔޫސް ކަމަށެވެ.

މިރޭގެ މެޗުތައް

18:00 ޖަރުމަނު - ޖަޕާން (ގްރޫޕް އީ)
21:00 ސްޕެއިން - ކޮސްޓަ ރީކާ (ގްރޫޕް އީ)
00:00 ބެލްޖިއަމް - ކެނެޑާ (ގްރޫޕް އެފް)