ޚަބަރު

ބީއެމްއެލުން ޗެކު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ އަދަދު ދަށް ކުރަނީ

ބޭންކު އޮފް މޯލްޑިވެސް (ބީއެމްއެލް) އިން ޗެކު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ އަދަދު ދަށް ކުރަން ނިންމައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ބަދަލަކީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެކްޝަން ޕްލޭނުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

ބީއެމްއެލުން ބުނީ 2023 ގެ އޭޕްރީލް އިން ފެށިގެން ބޭންކުން ޕްރޮސެސް ކުރާނީ 50،000 ރުފިޔާ ނުވަތަ 3،000 ޑޮލަރާ ހަމައަށް ދޫކޮށްފައިވާ ޗެކުތައް ކަމަށެވެ. މިއަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށާއި މި ގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައްވެސް ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ވަނީ ކަސްޓަމަރުން ބޭންކިން ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް އެދިފައެވެ. އެގޮތުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓާ ކުރުވޭނެ ކަމަށާއި އިންޓަނެޓް އަދި މޯބައިލް ބޭންކިން އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތްތައް ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

އެމްއެމްއޭގެ އެކްޝަން ޕްލޭނުގެ ދަށުން 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން 50،000 ރުފިޔާ (3،000 ޑޮލަރު) އިން މަތީގެ މުއާމަލާތްތަކަށް ޗެކު ބޭނުން ނުކުރެވޭނެއެވެ. އަދި ޗެކު ކްލިއަރެންސް ހިދުމަތް ދޭ ދުވަސްތައް މަދުކުރުމުގެ އިތުރުން، އެ ހިދުމަތަށް ފީ އެއް ކަނޑައެޅުން ވެސް ހިމެނެއެވެ. އެމްއެމްއޭގެ އަމާޒަކީ ޗެކު ބޭނުންކުރާ މިންވަރު 2024 ވަނަ އަހަރާ ހަމައަށް ވީހާވެސް ބޮޑަށް މަދުކުރުން ކަމަށެވެ.

މިބަދަލާ ގުޅިގެން ރާއްޖޭގައި ހިންގާ މޮރިޝަން ކޮމާޝަލް ބޭންކު (އެމްސީބީ) އިން ވެސް ވަނީ 2023 ގެ އޭޕްރީލް އިން ފެށިގެން އެ ބޭންކުން ޕްރޮސެސް ކުރާ ޗެކުގެ އަދަދު ދަށްކުރާނެކަން އަންގައިފައެވެ.