އެމްޑީޕީއަކީ ދެމީހެއްގެ ޖީބުގައި އޮތް ކްރެޑިޓްކާޑެއް ނޫންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި، މެންބަރު ޝަހީމް ވިދާޅުވީ، އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އުއްމީދުކަމަށެވެ. އެއީ "ދިވެހި ދައުލަތުން ފައިސާ ދީގެން ހިންގާ ބޮޑު ސިޔާސީ ޕާޓީއެއް އެތައް ބައެއްގެ ފިކުރާއި ވިސްނުން، ދެމީހެއްގެ ކަމެއްނޫން، ގޭތެރޭގެ ވާހަކައެއްނޫން،" ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި މެންބަރު ހުސެއިން ވިދާޅުވީ، "ކޮންމެ ކަމެއްގެ ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅައިލުމަށް ރެފަރެންޑަމެއް ކަމަށްވާނަމަ މި ބަޖެޓާ ބެހޭގޮތުން މިތަނުގައި އަތް ޖައްސަވާނެ މަދު މެންބަރުންކޮޅެއް ތިއްބަވާނެ، އަދި ރިޔާސަތުން މިކަމުގައި ދެކެވަޑައިގަންނަވާ ގޮތްވެސް ވަރަށް ޕޮޒިޓިވް ވާނެ، މިއީ މަޖިލީހުގެ ފްލޯގައާއި މަޖިލީހުން ބޭރުގައި ކަން ހިނގަމުންދާ ގޮތް،" ކަމަށެވެ.

ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއްގެ ވާހަކަ ދެއްކީ އެމްޑީޕީން ކަމަށާއި، ރައްޔިތުންނަށް ހަމަހަ ހަމަ ތަރައްގީ ގެނެސްދިނުމަށާއި، ރައްޔިތުން ނަޖިސްފެނުން ފެންވަރަން ނުޖެހޭނެ ވާހަކަ އާއި، ރައްޔިތުން ރަށު ބަންދުން ވީއްލެން ޖެހޭ ވާހަކަ ދެއްކީވެސް އެމްޑީޕީން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް "ހިތާމަ ކުރަނީ މިއަދުގެ ސަރުކާރުން އެކަންތައް ކޮށްދެއްވާތީ އެކަމަށް މިތަނުގައި ހަޖޫޖެހިގެންދިޔައީމަ، މިއީ ބޮޑުވަރު، އެއީ އެމްޑީޕީއެެއްނޫން،" ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އީވާވެސް ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.