މިއަހަރު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި 15 ޒުވާނަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން ދިރާގުގެ ބޯޑު މެމްބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 15 ޒުވާނުން ފުރިހަމަކޮށްފައިވާ އިރު، އެ ޒުވާނުންނަށް ސެޓުފިކެޓު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިފަހަރު ބައިވެރިވި ޒުވާނުން، ދިރާގުގެ ހުރިހާ ދާއިރާތަކުން ތަމްރީނު ހޯދާފައިވާ ކަމަށެވެ. އެ ޒުވާނުންނަށް ތަމްރީން ދީފައި ވަނީ އެކަމަށް ގާބިލު ދިރާގުގެ މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ޕްރޮގްރާމުގެ ދަށުން ހިންގާ އެންމެ މުހިއްމު ޕްރޮގުރާމު ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ބައިވެރީންނަށް ދިރާގުން ކޮންމެ މަހަކު އެލަވަންސެއް ދޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއެކު އެޕްރެންޓިސްޝިޕް ހަދާ ކުދިންނަށް އެއްވެސް ވަރަކަށް ލާޒިމެއް ނުކުރަން އަޅުގަނޑުމެން ކުންފުނީގައި މަސައްކަތް ކުރަން. މިއީ އަޅުގަނޑުމެން މި ޕްރޮގުރާމް މެދުކެނޑުމެއްނެތި ހިންގާތާ 13 ވަނަ އަހަރު. މި ޕްރޮގުރާމް ނިންމާ ގިނަ ދަރިވަރުން އަޅުގަނޑު ދަންނަވާނީ 100 ޕަސެންޓު ކުދިން އުޅެނީ ވަޒީފާގަ. ހަމައެކަނި މާލޭ ސަރަހައްދުގައި ތިބޭ ކުދިންނަކަށް ނޫން އަޅުގަނޑުމެން މި ފުރުސަތު ހުޅުވާލަނީ. އަތޮޅުތަކުގައި ތިބޭ ޒުވާނުންނަށްވެސް މި ޕްރޮގުރާމުގަ ބައިވެރިވެވޭނެ،" އޭނާ ވިދާޅުވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ 2009 ވަނަ އަހަރު އެކުންފުނިން ހިންގަން ފެށި ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި މިހާތަނަށް 247 ކުއްޖަކު ވަނީ ދަސްވެނިވެފައެވެ. އަދި އިތުރު 15 ޒުވާނަކު ވަނީ ކުރިއަށް އޮތް ޕްރޮގުރާމުގައި ބައިވެރިވުމަށް ހޮވައިފައެވެ.