ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލެ ވަަރަށް ބޮޑަށް ބާކީ ކޮށްލާފައިވާ ކަމަށް ވިދާޅުވެ، އެ މަނިފާނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ އޮތް ޗޮއިސްއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި އީވާ ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ނިމުނުއިރު، މާލޭ ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް ކަމަށެވެ.

"މިވަރަށް ބާކީ ކޮށްފައި އެ ބުނަނީ މާލެއާ ނުލާ ވެރިކަން ކުރާށޭ އެ އުޅެނީ، ބޮޑުރަށެއް ކުޑަ ރަށެއް ތަފާތު ނުކުރާނަމޭ ވިދާޅުވާއިރު މާލޭގެ ބޯހިޔާވައިކަންވެސް ހިމަނަންޖެހޭނެ،" އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ އަމިއްލަ ވިޔަފާރިތަަކަށް އޮތް ފުރުސަތު ހަނިވުން ކަމަށާއި އެއީ ޑޮމެސްޓިކް ފައިނޭންސުން ފައިސާ ނަގައިގެން ސަރުކާރު ހިންގާތީ ދިމާވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަންނަމުން ދިއުމަކީވެސް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެގޮތުން އެމްޑީޕީގެ އަސާސީ ވިސްނުމާ ހިލާފަށް ސަރުކާރުން ވިޔަފާރި ކުރަމުންދާކަމަަށް ވިދާޅުވިއެވެ.

"މިހާރު ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ ވިޔަފާރިއަކަށް ސަރުކާރު ކުންފުނިތައް ވަދެއްޖެ،" އީވާ ވިދާޅުވިއެވެ.