ދިވެހި ޒުވާނުން މަސައްކަތެއް ނުކޮށް ތިބުމަކީ މުޖުތަމައުން އެ ޒުވާނަކު ބާކީވެގެންދާނެ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ދިރާގުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިންމާލައި ބައިވެރިންނަށް ސެޓުފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ތައުލީމު ހާސިލްކޮށް، ސެޓުފިކެޓެއް އޮތުމަކުން ނުފުދޭނެ ކަމަށާއި ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްކޮށް ކުރުން މުހިންމު ކަމަށެވެ. އަދި މަސައްކަތް ދަސްކޮށްގެން ކާމިޔާބާ ހަމަޔަށް ވާސިލްވުމަށް ހުރިހާ ޒުވާނުންނަށް ގޮވާލާ ކަމަށްވެސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ އަމިއްލަފުޅު ތަޖުރިބާ ހިއްސާކުރައްވައި ޒުވާނުންނަށް ގޮވާލެއްވީ އެންމެ މަސައްކަތެއް ނުވަތަ ދެ މަސައްކަތެއް ދަސްކޮށްގެން ހުއްޓައި ނުލުމަށެވެ. އަދި ވިދާޅުވީ ކަމެއް ނުކޮށް ތިބުމަކީ ނިކަމެތި ކަމެއް ކަމަށާއި އެއީ މައިންބަފައިން ކިޔަވައިދޭންވީ ގުރުބާނީގެ އަގުވަޒަން ނުކުރުން ކަމަށެވެ. އެއީ ދެރަވަރު ކަމެއް ކަމަށާއި މުޖުތަމައުން އެފަދަ ފަރާތްތައް ބާކީވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ޒުވާނުންނަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ މަސައްކަތް ދަސްކުރާށޭ. އަޅުގަނޑު އޯލެވެލް ނިންމާފައި ހިތަށް އެރީ ހަމަ އެންމެ ދުވަހަކުވެސް ނުހުންނާނަމޭ މަސައްކަތާ ދުރުގަ. ދެން މަސައްކަތޭ ދަސްކުރާނީ. އެއަށްފަހުގައި ހަޔާ އެޑިއުކޭޝަން ނޫނީ އެކިއެކި މަރުހަލާތައް ކަޑައްތު ކުރާނީއޭ ހިތަށް އެރީ. އެހެންވީމަ އަޅުގަނޑުގެ އަޒުމަކަށްވީ ޒުވާން އުމުރުގައި މަސައްކަތެއް ދަސްކުރަން. މިއަދު މިހުރީ އަޅުގަނޑު ހުރި ގޮތް. އުމުރުން އެންމެ 17 އަހަރުގައި އަޅުގަނޑަށް ހެޔޮވަރު ވަރުގެ މަސައްކަތް ދަސްވެފަ. އަޅުގަނޑަށް އެނގުނު އެކަން ދަސްނުކޮށްފިނަމަ ފިއުޗާއެއް ނެތްކަން. ބޭނުމަކީ ކިޔަވައި ނިންމާފައި ސަނަދެއް ހޯދާކަށްވެސް ނޫން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނަިއބު ރައީސް ވަނީ ވަޒީފާގެ މާހައުލަށް ނުކުމެ މައިންބަފައިން ފަހުރުވެރިވާ ފަދަ މީހަކަށްވުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ހުރިހާ ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެގައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށް ކަމުގައިވެސް ވިދާޅުވިއެވެ.
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމަށް އަލި އަޅުވާލައްވައި ނައިބު ރައީސް ވިދާޅުވީ މީހުން ބިނާކުރުމުގެ މަސައްކަތްތައް ކުރުމަށް ދިރާގުން ކުރަމުންދަނީ ބުރަ މަސައްކަތެއް ކަމަށާއި އެކަމަށް އިހުލާސްތެރި ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ. އަދި އެއީ ސަރުކާރުން ބަލައިގަންނަ ކަމެއް ކަމަށާއި އެންމެ ބޭނުންތެރި ދާއިރާތަކަށް މީހުން ބިނާކުރުމަށްވެސް އެކުންފުނިން ބުރަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު