އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވާނެ މެންބަރަކު ނެތިގެން މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.
ކޮންމެ ދުވަހެއްގެ 10:30ގައި ހެނދުނު ސަޔަށް މަޖިލިސް ޖަލްސާ މެދު ކަނޑާލައެވެ. ނަމަވެސް ބަހުސްގައި ވާހަކަދައްކަވާނެ މެންބަރަކު ނެތިގެން ޖަލްސާ ނިންމާލީ ސައިގަޑީގެވެސް ކުރިންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ތިއްބެވީ އެންމެ 22 މެންބަރުންނެވެ. މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުން ފުރުސަތަށް އެދިވަޑައިގަތުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 37 މެންބަރުން ފުރުސަތަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޖުމުލަ 10 މެންބަރުން ބަޖެޓު ބަހުސްގައި ވާހަކަ ދެއްކެވިއެވެ.
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
- މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް
- ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
- ހެންވޭރު ދެކުނު ދާއިރާ މެންބަރު ހުސައިން ޝަހީމް
- ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
- ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު
- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓްބަހުސް ކުރިއަށް ގެންދަވާނީ، މިއަދާއި އަންނަ ހޯމަދުވަހު އެކަނި ކަމަށެވެ. އެއަށްފަހު ބަޖެޓަށް ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވާނެ މެންބަރަކު ޖަލްސާގައި ނެންކަމަށް ވިދާޅުވެ ޖަލްސާ މެދު ކަނޑުއްވައި ލެއްވިނަމަވެސް ދެން މަޖިލިސް ޖަލްސާ ފައްތަވާނެ އިރެއް މަޖިލިސް ރައީސް ވިދާޅެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު