ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ސޮފްއަތުގެ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށް ފަހު އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ މައްސަަލައިގެ ހުކުމް ކުރަން ޖެހެއެވެ.

ޖޭއެސްސީން ބުނި ގޮތުގައި ގާޒީ ސޮފްއަތުގެ މައްސަލަ ބަލަން ނިންމައި އެ މައްސަލަ ތަހުގީގުކުރަން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި ވަނީ ކޮމިޓީއެއް އެކުލަވާލައިފައެވެ.