ޚަބަރު

މުސާރައިގެ ގޮތުގައި 80،000 ރުފިޔާ ގެންދަވާއިރު މެންބަރުން ޖަލްސާއަށް ވަޑައެއް ނުގަންނަވާ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

މުސާރައިގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 80،000 އަށްވުރެގިނަ ރުފިޔާ ގެއަށް ގެންދަވާއިރު މެންބަރުން މަޖިލިސް ޖަލްސާއަށް ވަޑައިނުގެންނެވުމަކީ ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެންމެ 22 މެންބަރުން ކަމަށެވެ. އެއީވެސް ޖަލްސާ ފަށާ ވަގުތު ފަހަނައަޅައި ދިއުމުން ހާޒިރުވެ ވަޑައިގެންނެވި މެންބަރުން ކަންވެސް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.

ޖަލްސާއަށް ވަޑައިގަންނަވާ މެންބަރުން މަދުކަމުން ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ 87 މެންބަރުންގެ މަޖިލީހެއް ކަމަށެވެ. އަދި ވިދާޅުވީ "ކޮންމެ މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވޑައިގަންނަވާ، ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވވަޑައިގަންނަވާ،" ކަމަށެވެ.

އެގޮތުން މުސާރައިގެ ގޮތުގައި ކޮންމެ މެންބަރަކު 80،000 އަށްވުރެ ގިނަ ރުފިޔާ ގެއަށް ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، "މެންބަރުން އިންހާބުވެފައި ތި ތިއްބަވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މިތަނުގައި (މަޖިލީހުގައި) ތަމްސީލު ކުރެއްވުމަށް ކަމަށެވެ. އެހެންކަމުން މެންބަރުން މަޖިލިސް ޖަލްސާއަށް ވަޑައިނުގެންނެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށްވެސް ވިދާޅުވިއެވެ.