ބެލްޖިއަމްގެ ރަން ޖީލުގެ ބައެއް ކުޅުންތެރިން މިހާރު ޓީމުގައި ނެތް ނަމަވެސް، ވޯލްޑް ކަޕެއްގެ އުންމީދު އަދި ގެއްލުވާލައިގެން ނުވާނެ ކަމަށް ތަޖުރިބާކާރު ޑިފެންޑަރު ޖޯން ވަޓޮންގަން ބުނެފިއެވެ.
ބެލްޖިއަމުން މިފަހަރުގެ ވޯލްޑް ކަޕް ކެމްޕޭން ފަށާނީ މިރޭ އެޓީމުން ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްއަކީ ފަހަކަށް އައިސް އެންމެ ގިނަ ތަރިން އުފެއްދި ޓީމެވެ. ހާއްސަކޮށް އެގައުމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މުޅިންހެން ތަރިންގެ ޓީމަކާއެކުގައެވެ. އެޖީލަށް ނިމުން އައުމުގެ ކޮޅުމަތީގައި އޮތް އިރު، އެ ޓީމުގައި ހިމެނުނު ލީޑާޝިޕް ރަނގަޅު ކުޅުންތެރިން ކަމަށްވާ ވިންސެންޓް ކޮމްޕެނީއާއި މަރުއާން ފެލައިނީ ފަދަ ކުޅުންތެރިން މިހާރު ޓީމުގައި ނުހިމެނެއެވެ. އެކުޅުންތެރިންގެ ބަދަލުގައި ބެލްޖިއަމަށް އަންނަނީ އާ ތަރިންތަކެއް ނުކުންނަމުންނެވެ.
"އަހަރެންވެސް ގަބޫލުކުރަން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދިޔަ ޓީމަކީ އާދަޔާހިލާފަށް މޮޅު، ތަރިން ގިނަ ޓީމެއްކަން. ސަޕޯޓަރުންނާއި ނޫސްވެރިންގެ ވިސްނުމުގައި ބެލްޖިއަމަކީ ފެވަރިޓުން ނޫން ކަމަށް ވެދާނެ، އެއީ އޭރުގެ ތިބި މުހިއްމު ބައެއް ކުޅުންތެރިން މިހާރު ނެތީމަ. އެކަމަކު އެ ކުޅުންތެރިން މިހާރު ރިޕްލޭސް ކުރެވިއްޖެ. އަހަންނަށްވެސް އެނގޭ، މީގެ ދެއަހަރު ކުރިން ބެލްޖިއަމް އޮތީ ބައެއް ޑިޕާޓްމަންޓްތައް ބަލިކޮށް، އެކަމަކު މިހާރު އަނެއްކާވެސް މިއޮތީ ފޯވާޑާއި މެދުތެރެވެސް ވަރަށް ވަރުގަދަކޮށް،" ވަޓޮންގަން ބުންޏެވެ.
ވަޓޮންގަން އިތުރަށް ބުނީ ބެލްޖިއަމަށް އަދިވެސް ވޯލްޑް ކަޕް ހޯދޭނެ ކަމަށާއި، މިފަހަރު އެކަން ނުވާންވީ ސަބަބެއްވެސް ނެތް ކަމަށެވެ.
ބެލްޖިއަމުން މިރޭގެ މެޗަށް ނުކުންނަ އިރު، އަނިޔާގެ މައްސަލަ ދިމާވެފައި ވަނީ ގައުމީ ޓީމަށް ރެކޯޑު 68 ގޯލު ޖަހަފައިވާ ރޮމެލޫ ލުކާކޫއަށެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ މެޗުން ލުކާކޫ ނުފެންނާނެ ކަމަށެވެ.
މާޓިނޭޒް ކެނެޑާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބުނީ 1986 ވަނަ އަހަރަށްފަހު ކެނެޑާ ފުރަތަމަ ވޯލްޑް ކަޕަށް ނުކުތަސް، އެޓީމަށް އިހުތިރާމު ދޭން ޖެހޭ ކަމަށެވެ. ހާއްސަކޮށް ކެނެޑާއަކީ ޒުވާން، ޓީމެއްގެ ގޮތުގައި ކުޅޭ ހުނަރުވެރި ޖީލެއްގެ މައްޗަށް ބިނާވެފައި އޮތް ޓީމެއް ކަމުން އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.
ބެލްޖިއަމް އާއި ކެނެޑާ ވާދަކުރާ ގްރޫޕް އެފްގެ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022