އެންމެ ޓީވީއެއް ހުއްޓަސް، ވޯލްޑް ކަޕް އަޅުވައިގެން މުޅި ރަށް އެއްތަނަކަށް ޖަމާވެ، ހުރިހާ މެޗެއް ބަލަން ޖެހޭނެއެވެ. ރަށުގެ "ބޮޑު ހަރުގޭގައި" ފޮށި ޓީވީ ބަހައްޓައިގެން ނުނިދައި ތިބެވެސް ވޯލްޑް ކަޕް ބަލަން ޖެހޭނެއެވެ. ބޮޑު އެއް އެންޓެނާ ޖަހައި، ނުފެންނަ ހިސާބުތަކަށް ސެންޑަރުން ސިގްނަލް ފޮނުވައިގެންވެސް ވޯލްޑް ކަޕް ބަލަން ޖެހޭނެއެވެ. އެއީ މަޑި އެންޓެނާއާއި ޓީވީ އެންޓެނާތައް ނަގައިގެން، ނުސާފުކަން މަތީގައި ވިޔަސްހެވެވެ. ކުޑައެއް ބޮޑެއް، ޒުވާނެއް، މެދު އުމުރެއް ނޯންނާނެއެވެ. ކާފައާއި މާމަވެސް ވޯލްޑް ކަޕް ބަލަން ޖެހޭނެއެވެ. އެއީ ދިވެހީންގެ އާދަކައިދައިގެ ބައެކެވެ. ވޯލްޑްކަޕަކީ ފޯރިގަދަ، ލޯބި ގުޅުމެކެވެ.
1900 ގެ ފަހުކޮޅަށް ރާއްޖެއަށްވެސް ޓީވީތައް ގެނެސް، ރަށްރަށުގައިވެސް މަދުމަދުން ޓީވީތައް ބެހެއްޓެން ފެށިއެވެ. އޭރު ރަށްރަށުގައި ޓީވީ އަޅުވާނެ ވަކި މީހަކު ހުންނާނެއެވެ. އެއީ ފިލްމް އަޅުވާ މީހާވެސް މެއެވެ. ޓީވީ ހުންނަ ގެއަކީ މަޝްހޫރު ގެއަކަށްވެސް ވާނެއެވެ. ވޯލްޑް ކަޕަށް، އެގެ އަދި މާ ހާއްސަވާނެއެވެ. 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕް އައިއިރު، ރާއްޖެއަށް ވޯލްޑް ކަޕް ކުލަވެއްޖެއެވެ. ޓީވީތަކަށް އައިސް، މާލެއާއި ރަށްރަށުގެ ޓީވީތަކުން އެ މަންޒަރު ފެންނާންވެސް ފެށިއެވެ.
މެދުއުމުރުގެ މީހުންގެ ތެރޭގައި ބްރެޒިލާއި، ފްރާންސްގެ އިތުރުން އާޖެންޓީނާއާއި ކްރޮއޭޝިއާ ފަދަ ގައުމުތަކުގެ ނަންތައް ހިނގަނީ 1998 ހިސާބު ފެނުނު މަންޒަރުތަކުންކަމަށް ބުނެވިދާނެއެވެ. އެފަހަރު ވޯލްޑް ކަޕްގައި ޑޭވޯ ސުކާއާއި ލިލިއަމް ތުރާމްގެ އިތުރުން ގެބްރިއަލް ބަޓިސްޓޫޓާއާއި ޑެނިސް ބާކޭމްޕް، ބްރެޒިލްގެ "ޑުއޯ" ރޮނާލްޑޯއާއި ރިވާލްޑޯ އަދި ފްރާންސްގެ ޒައިނައްދީން ޒިދާން ފަދަ ތަރިންނަށް ދިވެހީންގެ ހިތްދިނެވެ. ހާއްސަކޮށް ޗެމްޕިއަން ފްރާންސަށް ސަޕޯޓަރުން ބޮޑުތަނުން އިތުރުވެސް ވިއެވެ.
އެފަހުން ދެން އައީ 2002 ވަނަ އަހަރު ކޮރެއާއާއި ޖަޕާނުގެ ވޯލްޑް ކަޕެވެ. އެއީ އަތޮޅު ތެރޭގެ ހަރުގެތަކުގެ ފެށުމެވެ. ދިދަފަތި ދެމުމާއި، ސްޓިކާ ކާޑުތައް އެއްކުރުން ފެށި، ސްކޫލަށް ގެންދާ މޮނީޓަރުގެ ފޮތުގެ ބޭރުގަނޑަށްވެސް ވޯލްޑް ކަޕް ކުލަވަރު އަންނާން ފެށިއެވެ. ގޭގޭގެ ބޭރުން ބްރެޒިލާއި ފްރާންސްގެ އިތުރުން އިޓަލީ ފަދަ ގައުމުތަކުގެ ދިދަތައް ނެގިގެން ދިޔައެވެ. ގޭގޭގެ ސިޓިން ރޫމްތަކަށްވެސް އައި އެ ވޯލްޑް ކަޕްގައި ދިވެހީންގެ އެންމެ މަގުބޫލު އެއް ގައުމު، ބްރެޒިލަށް ލިބުނު ރަން މެޑަލް، އެތައް ދިވެހީންނަކަށް ލިބުނު ކަހަލައެވެ.
އޭގެފަހުން އައި ކޮންމެ ވޯލްޑް ކަޕަކަށްވެސް ޖަގަހަތައް ހެދިއެވެ. އިޓަލީން 2006 ވަނަ އަހަރު އުފުލާލި ތަށްޓާއެކު އިޓަލީގެ ސަޕޯޓަރުންގެ ޖީލެއް އުފެދި، އިޓަލީވެސް ދިވެހީންގެ ހިތްތަކާ ގުޅުނެވެ. ފަބިއޯ ކަނަވާރޯއާއި ޖިއާންލުއީޖީ ބުފޮންގެ ހަނދާންތައް ޔަގީންކޮށް ހުންނާނެއެވެ. ކިއެއް ހެއްޔެވެ. އެންމެ ބޮޑަށް ހުންނާނީ 1900 ގެ ފަހުކޮޅުން ފެށިގެން ދިވެހީން އެންމެ ލޯބިވި ޒިދާން، އިޓަލީގެ ޑިފެންޑަރު މާކޯ މަޓެރާޒީ މޭމަތީގައި ޖެހި ހަނދާނެވެ. އެކަމުގައި ބަހުސްތަކަށް ގޮސް، ސައި ހޮޓާތަކުގައި އަޑުގަދަވެސް ކުރާ ހިސާބަށް ދިވެހީން ދިޔައެވެ.
ވޯލްޑް ކަޕަކީ ދިވެހި ވިޔަފާރިވެރީންނާއި، އެތައް ކުންފުންޏަކުންވެސް ތައްޔާރުވާ ބޮޑު އިވެންޓެކެވެ. ވޯލްޑް ކަޕްގެ ޖަގަހަތައް އަޅައި، ރަށްރަށް ޕްރޮޖެކްޓަރު ބަހައި އެކަމަށް އެންމެ ފޯރިގަދަކޮށްލަނީވެސް ހަމަ އެފަރާތްތަކުންނެވެ. ރަށްރަށުގެ ކައުންސިލްތަކާއި އޮފީސް އިދާރާތަކުންވެސް ޖަގަހަތައް ހަދައި، ބާބަކިއުތައް ހިންގުންވެސް އެއީ ވޯލްޑް ކަޕާ ގުޅިފައިވާ ކަމެކެވެ. 2010 ވަނަ އަހަރު ދެކުނު އެފްރިކާގެ ވުވުޒެލާތަކުގެ "ޒޫން އަޑުތައް" ދިވެހީންގެ ކަންފަތަށްވެސް ތުރާލަކަށްވިއެވެ. އެ ވުވުޒެލާތައް މާލެއާއި ރަށްރަށުގެ މަގުތަކަށްވެސް އައެވެ. އެއީ ދިވެހީންނާ އެތައް ހިސާބެއް ދުރުގައި އޮތް ވޯލްޑް ކަޕެއް ނަމަވެސް، މޫނުގައި ކުލަ ހާކައިގެން ބޮޑު ސްކްރީނު ކައިރިން ދުރަށް ޖެހިނުލައި މެޗު ބަލަން އެތައް ބަޔަކު އެބަތިއްބެވެ.
ގޭތެރޭގެ ސްކޯ ޗާޓެއް، ވޯލްޑް ކަޕް ގައިޑެއް ނޯންނާނެ ގެއެއްވެސް މަދުވާނެއެވެ. ސްކޯ ފުރާލުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ވޯލްޑް ކަޕަށް ހާއްސަ ޖާޒީތައް ގަތުމުގެ އާދަތައްވެސް މިހާރު ހަރުލައިފިއެވެ. ސަޕޯޓްކުރާ ގައުމު ކުޅޭއިރު ޖާޒީވެސް ލާން ޖެހޭނެއެވެ. އެއީ ފޯރިއެވެ. ކެއްކުންގަނޑުގަނޑާއެކު ވޯލްޑް ކަޕް ބެލުމަކީ މިހާރު ސަގާފަތުގެ ބައެކެވެ.
ކޮވިޑުން ހިންދެމިލެވި، މިއަހަރުގެ ވޯލްޑް ކަޕް އަންނަނީ ދޭދޭ ގުޅުންތަކަށް ފުރުސަތު ދެމުންނެވެ. އަބަދުވެސް ސިޔާސީ ފިކުރުތައްވެސް އެއް ފަރާތްކޮށް، ކުލަތަކަށް ބެލުމެއް ނެތި ޖޯޝުގައި ބަލާނެ އެއްކުޅިވަރު އިވެންޓަކަށް ވޯލްޑް ކަޕްވެފައި އޮންނަ އޮތުން އިޔާދަވާން އޮތީ ބޮޑު ފުރުސަތެކެވެ. އެއީ ގޭ ބަންދަކަށްފަހު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ރާއްޖެވެސް މަރުހަބާ ކިޔާތީއެވެ. ރާއްޖެއާ އެންމެ ގާތަށް އައި، އެންމެ ޗާލު އެއް ވޯލްޑް ކަޕް ދިވެހީން ބަލަމުން މިއަންނަނީ އުފާވެރިކަމާއި ގުޅުންތެރިކަން ހިއްސާކުރަމުންނެވެ. މި ކަމުގައި ކުޑައެއް ބޮޑެއް ނެތެވެ. މާމައެއް ކާފައެއް ނެތެވެ. މި އީދު އަންނަނީ އެންމެނަށެވެ.