ގަތަރު ވޯލްޑް ކަޕް 2022

އާޖެންޓީނާއަށް ދެން އޮތީ އުނދަގޫ މަގެއް، މެސީގެ ފަހު ވޯލްޑް ކަޕް ގްރޫޕު ސްޓޭޖުން ނިމިދާނެ؟

އަލީ ރިފްޝާން

ވޯލްޑް ކަޕް 2022 ގައި އެންމެންގެ ލޯތައް އަމާޒުވާ އެއް ޓީމަކަށް އާޖެންޓީނާގެ ޓީމަށް ވެގެންދާނެއެވެ. ހާއްސަކޮށް އެޓީމުގެ ތަރި ލިއޮނެލް މެސީގެ ފަހު ވޯލްޑް ކަޕަށްވާތީ، ގިނަ ބަޔަކު ހާއްސަ ސަމާލުކަމެއް ދޭ ޓީމަކަށް އާޖެންޓީނާ ވަނީ ވެފައެވެ.

ގިނަ ބައެއްގެ ސަމާލުކަން މެސީ އާއި އާޖެންޓީނާއަށް ހުއްޓުނު ނަމަވެސް، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ ނަތީޖާ ވެގެން ގޮސްފައިވަނީ ގަބޫލުކުރަން ދަތި ނަތީޖާއަކަށެވެ. ހާއްސަކޮށް ޖުލައި 2019 ގެ ފަހުން މެޗަކުން ބަލިނުވެ ރެކޯޑު ދަމަހައްޓަމުން އައި އާޖެންޓީނާގެ ކާމިޔާބީއަށް ނިމުމެއް ގެންނަ ޓީމަކަށް ސައުދީ އަރަބިއާ ވެގެންދާނެ ކަމަށް އެއްވެސް މީހަކު ހީވެސް ކޮށްފައެއް ނުވާނެއެވެ.

އާޖެންޓީނާ ކޯޗު ލިއޮނެލް ސްކަލޯނީގެ އިރުޝާދުގެ ދަށުން އެޓީމުން ވަނީ ބަލިނުވެ 36 މެޗު ހަމަކޮށްފައެވެ. އާޖެންޓީނާއަކީ ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މިފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެކެވެ.

ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި ވަރުގަދަ ކުޅުމެއް ދައްކައި، ދިހަވަނަ މިނެޓުގައި މެސީގެ ޕެނަލްޓީން އާޖެންޓީނާ އިން ލީޑު ވެސް ނެގިއެވެ. ނަމަވެސް ހާވޭ ރެނާޑްގެ އިރުޝާދުގެ ދަށުން ކުޅުނު ސައުދީ ފެނުނީ އިދިކޮޅުން ކުޅެނީ އާޖެންޓީނާ ކަމަށްވިޔަސް، އެއްވެސް ވަރަކަށް ދޫ ނުދޭނެ ޓީމެއްގެ ގޮތުގައެވެ.

އާޖެންޓީނާ އިން 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ، ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ސައުދީން ވަނީ ފަސް މިނެޓު ތެރޭގައި ޖެހި ދެ ގޯލާއެކު އާޖެންޓީނާ އާއި މުޅި ދުނިޔެ ސިއްސުވާލައިފައެވެ. ސައުދީ އަތުން 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވުން ލިޔެވިގެންދާނީ ވޯލްޑް ކަޕްގެ މުޅި ތާރީހުގައި ވެސް ސިހުން ގެނުވި ނަތީޖާތަކުގެ ތެރޭގައެވެ.

އާޖެންޓީނާ އިން ވާދަކުރީ ކިތައް ވޯލްޑް ކަޕްގައި؟

މިފަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ 18 ވަނަ ވޯލްޑް ކަޕެވެ. އެޓީމުން އަންނަނީ 1970 ގެ ވޯލްޑް ކަޕުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ވާދަކުރަމުންނެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަމާއި ރަނަރަޕްކަން ވެސް ހޯދައިފައެވެ. އޭގެ އިތުރުން ކުއާޓާ ފައިނަލުން ބައްޔާ ކުރިމަތިލުމުގެ އިތުރުން ގްރޫޕު ސްޓޭޖު ފަހަނައަޅައި، ނޮކްއައުޓް ބުރަށް ނުގޮސް މުބާރާތުން ކަޓައިގެން ވެސް ގޮސްފައިވެއެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނާކާމިޔާބީ!

ވޯލްޑް ކަޕްގެ ދެ ފަހަރުގެ ޗެމްޕިއަން އާޖެންޓީނާއިން ވެސް ވަނީ އެހެން ޓީމުތަކެކޭ އެއްގޮތަށް މުބާރާތުގައި މާޔޫސްކަމާ ކުރިމަތިލައިފައެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ނުދެއްކި ގްރޫޕު ސްޓޭޖުން ކަޓައިގެންދާ ޓީމުތަކުގެ ތެރޭގައި ވެސް އާޖެންޓީނާ ހިމެނިގެން ގޮސްފައިވެއެވެ. އާޖެންޓީނާއަށް ޖުމުލަ ހަ ވޯލްޑް ކަޕެއްގައި ނޮކްއައުޓް ބުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.

ވޯލްޑް ކަޕް 1934 ގެ ފުރަތަމަ ބުރުން އާޖެންޓީނާ ވަނީ ކަޓައިފައެވެ. އެއަށްފަހު 1938 އިން 1954 އިން ބޭއްވި ވޯލްޑް ކަޕްތަކުގައި އާޖެންޓީނާ ފެނިފައެއް ނުވެއެވެ. މެދުކެނޑުމަކަށްފަހު އާޖެންޓީނާ އިން ދެން ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1958 ގައެވެ. އެ މުބާރާތް ވެސް ވެގެންދިޔައީ އާޖެންޓީނާއަށް ނާކާމިޔާބު މުބާރާތަކަށެވެ. ގްރޫޕުގެ ފުލުގައި ނިންމާލަން ޖެހުނު އާޖެންޓީނާ އިން ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޗެކްސްލޮވާކިއާ އަތުން 6-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ޖެހިގެން އައި ވޯލްޑް ކަޕް 1962 ވެސް ނިންމާލީ ހަމަ އެގޮތަށެވެ. އެ މުބާރާތުގެ ދެވަނަ ބުރަށް އާޖެންޓީނާ ކޮލިފައިވެފައި ނުވަނީ ގްރޫޕުގެ ތިންވަނައިގައި އޮތުމުންނެވެ. އެ މުބާރާތުގައި އާޖެންޓީނާއަށް މޮޅެއް ހޯދުނީ ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އިނގިރޭސިން އަތުން ބަލިވި އިރު، ހަންގޭރީ އަތުން އާޖެންޓީނާ ވަނީ އެއްވަރުވެފައެވެ.

ވޯލްޑް ކަޕް 1974 އަދި 1982 ގައި ވެސް އާޖެންޓީނާއިން މާޔޫސްކަމާ ކުރިމަތިލާފައިވެއެވެ. އެ ދެ މުބާރާތުގައި ނޮކްއައުޓް ބުރަށް އާޖެންޓީނާ ދަތުރުކޮށްފައެއް ނުވެއެވެ. އެ ދެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ދެ ގްރޫޕު ސްޓޭޖެއް އޮންނަ ގޮތަށެވެ. ފުރަތަމަ ގްރޫޕު ސްޓޭޖުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ، އިތުރު ގްރޫޕު ސްޓޭޖެއް ކުޅޭ ގޮތަށެވެ. އަދި ނޮކްއައުޓް ބުރު ކުޅެނީ ދެވަނަ ގްރޫޕު ސްޓޭޖަށްފަހުއެވެ.

ވޯލްޑް ކަޕް 1974 ގައި އާޖެންޓިނާއިން ފުރަތަމަ ގްރޫޕު ސްޓޭޖު ނިންމާލީ ދެވަނަ މަގާމުގައެވެ. ދެވަނަ ގްރޫޕު ސްޓޭޖުގައި އާޖެންޓީނާއިން ގްރޫޕުގެ ފުލުގައި ނިންމައިލުމުން ނޮކްއައުޓް ބުރުން ފުރުސަތު ލިބިފައެއް ނުވެއެވެ. އެ ގްރޫޕު ސްޓޭޖުގައި އާޖެންޓީނާ އިން ނެދަލެންޑްސް އަދި ބްރެޒިލް އަތުން ބަލިވި އިރު، އީސްޓް ޖަރުމަން އަތުން ވަނީ އެއްވަރުވެފައެވެ.

އާޖެންޓީނާއަށް ދެން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ވޯލްޑް ކަޕް 1982 އަކީ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ފުރަތަމަ ވޯލްޑް ކަޕެވެ. އެފަހަރު ދެވަނަ ގްރޫޕު ސްޓޭޖަށް ދަތުރުކުރި ނަމަވެސް، ނިންމާލީ ތިންވަނައިގައެވެ. އެހެންކަމުން ނޮކްއައުޓް ބުރުން ފުރުސަތު ލިބިފައެއް ނުވެއެވެ. އެ ގްރޫޕު ސްޓޭޖުގައި އާޖެންޓީނާ ވަނީ ބްރެޒިލް އަދި އިޓަލީ އަތުން ވެސް ބަލިވެފައެވެ. ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި މެރަޑޯނާއަށް ރަތް ކާޑެއް ވެސް ދެއްކިއެވެ.

ވޯލްޑް ކަޕް 2002 ގެ ފޭވަރިޓުންނަށް ނާކާމިޔާބީ!

މީގެ 20 އަހަރު ކުރިން އާޖެންޓީނާ އިން ވޯލްޑް ކަޕް 2002 އަށް ނުކުތީ ފޭވަރިޓު ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުންނެވެ. އެއީ އެންމެ ފަހުން ނޮކްއައުޓް ބުރުން ފުރުސަތު ނުލިބި އާޖެންޓީނާއަށް ވޯލްޑް ކަޕެއް ނިންމާލަން ޖެހުނު ފަހަރެވެ.

އެފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނުނީ އިންގްލެންޑާއި ސްވިޑެން އަދި ނައިޖީރިއާއާ އެއް ގްރޫޕެއްގައެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ޑޭވިޑް ބެކަމްގެ ޕެނަލްޓީން އިންގްލެންޑް އަތުން އާޖެންޓީނާ ބަލިވިއެވެ.

އާޖެންޓީނާގެ ފަހު މެޗުގައި ސްވިޑަން އަތުން ވަނީ އެއްވަރުވެފައެވެ. ސްވިޑަން އިން ލީޑު ހޯދާފައިވަނިކޮށް، މެޗު ނިމެނިކޮށް އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހެރްނާން ކްރެސްޕޯ އެވެ. ނަމަވެސް އާޖެންޓީނާއަށް ބޭނުންވި މޮޅު ހޯދޭ ގޮތް ވަނީ ނުވެފައެވެ. އާޖެންޓީނާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ. އެ ގްރޫޕުން ނޮކްއައުޓް ބުރުން ޖާގަ ހޯދީ ސްވިޑްން އާއި އިންގްލެންޑެވެ.

މެސީގެ ފަހު ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އުނދަގޫ މަގެއް!

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ އެޓީމުގެ ތަރި މެސީއަށް ވަރަށް ހާއްސަ މުބާރާތެކެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދިނުމަށް ވޯލްޑް ކަޕް ހޯދުމުގެ އަމާޒު ހާސިލުކުރުމަށް، ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށް މިއީ ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް މުބާރާތުގެ ފޭވަރިޓް ޓީމެއްގެ ގޮތުގައި ނުކުތް އާޖެންޓީނާއިން ނެރުނު ސްކޮޑު ވެސް ވަރުގަދައެވެ. އެގޮތުން އާޖެންޓީނާގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލި ކަމުގައިވިޔަސް، އެޓީމުގައި ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ގިނައެވެ.

ވަރުގަދަ ސްކޮޑަކާއެކު ނުކުތް އާޖެންޓީނާއަށް ލިބުނު މާޔޫސްކަމަކީ ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވުމެވެ. އާޖެންޓީނާ އިން ސައުދީ އަތުން ބަލިވި ނަމަވެސް، ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މީގެ ކުރިން ވެސް ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައިވެއެވެ. ވޯލްޑް ކަޕް 1990 ގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ކެމަރޫން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މުބާރާތް ނިންމާލީ ރަނަރަޕުންގެ ގޮތުގައެވެ. އެފަހަރު ފައިނަލުގައި ވެސްޓް ޖަރުމަން އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް 2014 ގެ ރަނަރަޕުންނަށް "ގްރޫޕު ސީ"ގައި އިތުރަށް ކުރިއަށްދިއުމަށް ޕޮލެންޑާއި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދަން މަޖުބޫރުވާނެއެވެ. އާޖެންޓީނާ އިން އަންނަ ހޮނިހިރު ދުވަހު ނުކުންނަން ޖެހޭނީ އެޓޭކުގައި ވަރުގަދަކޮށް ފެންނަ މެކްސިކޯއާ ދެކޮޅަށެވެ. މެކްސިކޯގެ ފުރަތަމަ މެޗުގައި ޕޮލެންޑް އަތުން ވަނީ އެއްވަރުވެފައެވެ. އެ މެޗުގައި މެކްސިކޯގެ ހީރޯއަކަށް ވެފައިވަނީ ރޮބާޓް ލެވަންޑޯސްކީގެ ޕެނަލްޓީ މަތަކުރި ގިލޭމޯ އޮޗޮއާއެވެ. ފާއިތުވެދިޔަ ވޯލްޑް ކަޕްތަކުގައި ވެސް އޮޗޮއާ އަކީ ފާހަގަކޮށްލެވުނު ގޯލްކީޕަރެކެވެ.

މެކްސިކޯ މެޗަށްފަހު ގްރޫޕުގެ ފަހު މެޗުގައި މިމަހުގެ 31 ވަނަ ދުވަހު އާޖެންޓީނާ ނުކުންނަން ޖެހޭނީ ޕޮލެންޑާ ދެކޮޅަށެވެ. އެ މެޗު ފާހަގަވެގެންދާނީ މެސީ އާއި ލެވަންޑޯސްކީގެ ކުރިމަތިލުމަކަށެވެ.

އާޖެންޓީނާއަށް ކުރިއަށް އޮތް ދެ މަޗަކީ ވެސް އުނދަގޫ މެޗަކަށް ވެގެންދާނެއެވެ. މެކްސިކޯ އަދި ޕޮލެންޑުން ވެސް ނޮކްއައުޓް ބުރަށް ދަތުރުކުރުމަށް އާޖެންޓީނާ މެޗު މުހިންމުވާނެއެވެ. އެ ދެ މެޗުން ނުކުންނަ ނަތީޖާއަކުން މެސީގެ ވޯލްޑް ކަޕް ތައްޓެއް ހޯދުމުގެ ހުވަފެން ނިމުމަކަށް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.