ގަތަރު ވޯލްޑް ކަޕް 2022

2018 ވަނަ އަހަރު ލިބުނު ހުވަފެނީ ކާމިޔާބު ކްރޮއޭޝިއާއިން ހަނދާން ނައްތާލަން ޖެހޭ

މުޙައްމަދު ޝަމްޢޫން

މިފަހަރު ވޯލްޑް ކަޕަށް ކްރޮއޭޝިއާ ނުކުންނާނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. އެއީ އެގައުމުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ އުފާވެރި ހަނދާންތަކެވެ. ހީވެސް ނުކުރާ ފަދަ ކާމިޔާބީއެއް 2018 ވަނަ އަހަރު ކްރޮއޭޝިއާއިން ހޯދައި، މުޅި ގައުމު އެކަމުގައި އުފާފާޅުކުރިއެވެ. ދެން އޮތީ އާ ޗެލެންޖެކެވެ. އެ ކާމިޔާބީން ނުކުމެ، މިފަހަރުގެ ވޯލްޑް ކަޕްގެ ހަގީގަތަށް ނުކުންނަން ޖެހޭ ޗެލެންޖެވެ. ކްރޮއޭޝިއާއިން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

މިއަދުގެ މެޗަކީ ކްރޮއޭޝިއާގެ އާ ފެށުމެއް ކަމަށް އުމުރުން 37 އަހަރުގެ ކެޕްޓަން، ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗްވެސް ވަނީ މެޗުގެ ކުރިން ފާހަގަކޮށްފައެވެ.

"2018 ގެ ވޯލްޑް ކަޕަކީ ކްރޮއޭޝިއާއަށް ހަނދާނުން ފޮހެލަން އުނދަގޫ ޖާދުވީ ދަތުރެއްކަން އެނގޭ. އެކަމަކު މިހާރު މިއޮތީ އެ ހަނދާންތައް އެއްފަރާތްކުރަން ޖެހޭ ވަގުތު ޖެހިފަ. ރަޝިއާ ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިފަހަރު ޓީމުގައި ނުހިމެނޭ. އާ އެތައް ކުޅުންތެރިންނަށް މަގު ދައްކައިދޭން ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަށް މިއީ ފުރުސަތެއް. ދަނޑުމައްޗަށް ނުކުންނަން ޖެހޭނީ މުޅިން އާ މުބާރާތެއްގެ އިހުސާސް ގެނެސްގެން،" މޮޑްރިޗް ބުންޏެވެ.

މޮޑްރިޗަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޯޅަ ހާސިލްކޮށް، އެ އަހަރު ބެލޮންޑިއޯ ހޯދި ކުޅަދާނަ މިޑްފީލްޑަރެވެ. މިފަހަރު މޮޑްރިޗް ނުކުންނަނީ އޭނާގެ ކެރިއަރުގެ ހަތަރުވަނަ ވޯލްޑް ކަޕަށެވެ.

"ޓީމުގައި ވަރަށް ޖޯޝު އެބަހުރި. ވަރުބަލިކަމެއް ނެތް. މިއީ ސީޒަން ނިމިފައި އޮތް ވަގުތަކަށްވެސް ނުވާތީ ޓީމު އޮތީ ފިޓްކޮށް،" ކެރިއަރުގެ ފަހު ވޯލްޑް ކަޕަށް ތައްޔާރަށް ހުރި މޮޑްރިޗް ބުންޏެވެ.

ކޯޗު ޑަލިޗް ބުނަނީ "ޝޮކް" ނަތީޖާތަކުން ސަމާލުކަން އިތުރުކޮށްދީފި ކަމަށް

ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެނިގެން ގޮސްފައިވެއެވެ. ސައުދީ އަރަބިއާއިން ވަރުގަދަ އާޖެންޓީނާ ބަލިކުރި އިރު، ޓިއުނީޝިއާ ވަނީ ޑެންމާކު ހިފަހައްޓައިފައެވެ. ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިޗް ބުނީ އެ ނަތީޖާތަކަކީ ސަމާލުވާން ޖެހޭނެ ނަތީޖާތަކެއް ކަމަށެވެ.

"ސަމާލުވެގެން މިތިބީ. މިއަދުގެ (އިއްޔެ) ނަތީޖާތަކުން އިތުރު ސަމާލުކަމެއް ގެނެސްދީފި. މި ވޯލްޑް ކަޕްގެ ތަފާތުކަން އެ ނަތީޖާތަކުން ފެނިގެން ހިނގައްޖެ. ކްރޮއޭޝިއާއަށް އޮތް ޕްރެޝަރާއި އުންމީދުވެސް ދަނެގެން ފުރަތަމަ މެޗަށް ނުކުންނާނީ. އަނދަވަޅަކަށް ވެއްޓެން ބޭނުމެއް ނުވޭ. މޮރޮކޯއަށް ދޭން ޖެހޭ އިހުތިރާމު ދޭން ޖެހޭނެ،" ޑަލިޗް ބުންޏެވެ.

މޮރޮކޯއާއި ކްރޮއޭޝިއާ ވާދަކުރާ މެޗު އޮންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ.