ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި ޕޮލެންޑާއި މެކްސިކޯ 0-0 އިން އެއްވަރު ވެއްޖެއެވެ.

ގަތަރުން ކޮންޓެއިނަރު ބޭނުންކޮށްގެން، ރޫޅައި ރާވައި ހަދާ ގޮތަށް ބިނާކޮށްފައިވާ 974 ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޮލެންޑަށް ޕެނަލްޓީއެއްވެސް ލިބިފައިވާ އިރު، އެ ޕެނަލްޓީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަތުން ވަނީ ނާކާމިޔާބު ވެފައެވެ. މެޗުގެ ހީރޯއަކަށްވީ އަނެއްކާވެސް މެކްސިކޯގެ ކެޕްޓަން ކެޕްޓަން ގިލޭމޯ އޮޗޮއާއެވެ.

އޮޗޮއާ އަނެއްކާވެސް ތަފާތު ދެއްކި އިރު، އޭނާއަކީ 2014 ވަނަ އަހަރު ބްރެޒިލާ މެކްސިކޯ އެއްވަރު ކުރި މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިއެކެވެ. އޭގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯއިން ޖަރުމަނު ބަލިކުރި މެޗުގައިވެސް އޮޗޮއާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. މިރޭ އަނެއްކާވެސް ވީ އޮޗޮއާގެ ރެޔަކަށެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އަދި ޕޮލެންޑްވެސް ކުޅުނު ފުރަތަމަ މެޗެވެ. މެކްސިކޯގެ ވޯލްޑް ކަޕް ތާރީހަށް ބަލައިލާ އިރު، އެޓީމަކީ ފުރަތަމަ ވޯލްޑް ކަޕްގައިވެސް ކުޅުނު ޓީމެކެވެ. އެ ވޯލްޑް ކަޕަށްފަހު މެކްސިކޯ އިން ދެން ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1950 ގައެވެ. ނަމަވެސް 1970 ގެ ކުރިން ވޯލްޑް ކަޕުގައި މެކްސިކޯއަށް އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 1970 ގައި މެކްސިކޯ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މެކްސިކޯއިން 1994 ގެ ވޯލްޑް ކަޕުން ފެށިގެން އައި ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ވާދަކޮށްފައިވާ އިރު، އެ ހުރިހާ ވޯލްޑް ކަޕެއް ވެސް މެކްސިކޯ އިން ނިންމާލީ ގަދަ 16 ގައި ކުޅެފައެވެ.

އަނެއްކޮޅުން މެޗަށް ނުކުތް ޕޮލެންޑުން މިރޭ ނުކުތީ އެގައުމުގެ ތާރީހުގައި ނުވަ ވަނަ ވޯލްޑް ކަޕަށެވެ. ވޯލްޑް ކަޕުގައި ޕޮލެންޑްގެ އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 1974 އަދި 1982 ގައި ލޯ މެޑަލް ހޯދުމެވެ. އެ ޖީލު ވެގެންގޮސްފައިވަނީ ޕޮލެންޑް ފުޓުބޯޅައިގެ ރަން ޖީލަކަށެވެ. ޕޮލެންޑް ވަނީ އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ. އެ މުބާރާތް ޕޮލެންޑުން ނިންމާލީ ގްރޫޕް ސްޓޭޖުންނެވެ.

ފުޓުބޯޅަ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ގޯލު ޖެހުންތެރިޔާ، ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއަށް މިހާތަނަށް އަދި ވޯލްޑް ކަޕްގައި ގޯލެއް ޖެހިފައިނުވާ އިރު، މިރޭގެ މެޗަށް އޭނާ ނުކުތީ އެކަން ނިންމުމަށެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުވީ ވަރަށް ބޮޑު މާޔޫސް ކަމަކަށެވެ. ރަނގަޅު ހަމަލާއެއް ޕޮލެންޑްގެ ފަރާތުން ފެނިފައިނުވާ އިރު، ކިރިޔާވެސް ނުރައްކަލެއް ކުރީ މެކްސިކޯއެވެ.

ފުރަތަމަ ހާފުގައި މެކްސިކޯގެ ހިރްވިން ލޮޒާނޯ އާއި އެލެކްސިސް ވެގާގެ ނުރައްކާ ފާހަގަވެފައިވާ އިރު، މެކްސިކޯއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ވޭގާއަށެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މަޑު ރާގެއްގައި ފެނުނު ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފު ފެށީ ބެލުންތެރިން ހޭލައްވާލަމުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޕޮލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. މެކްސިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީއަށް މެކްސިކޯގެ ހެކްޓާ މޮރޭނޯ ފައުލަކޮށްފައިވޭތޯ ބެލުމަށް ރެފްރީ ވީއޭއާރްގެ އެހީ ހޯދައި ދިން ޕެނަލްޓީ ފޮނުވާލަން ދިޔައީވެސް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ހުޝިޔާރު ކަމާއެކު މަތަކުރީ މެކްސިކޯގެ ކީޕަރު އަދި ކެޕްޓަން ގިލޭމޯ އޮޗޮއާއެވެ. އަނެއްކާވެސް އޮޗޮއާ ވިދާލިއެވެ.

މެކްސިކޯގެ ކީޕަރު އަދި ކެޕްޓަން ގިލޭމޯ އޮޗޮއާ މިފަހަރު ނުކުތީ އޭނާގެ ފަސްވަނަ ވޯލްޑް ކަޕަށެވެ. އޭނާއަކީ އަަބަދުވެސް މެކްސިކޯއަށް ވޯލްޑް ކަޕްގައި މުހިއްމު ކުޅުމެއް ދައްކައި، އެގައުމުގެ ވޯލްޑް ކަޕް "ހީރޯ" އެކެވެ.

އޭގެ ފަހުން އަނެއްކާވެސް ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ނިމިގެން ދިޔައީ އިތުރު ގޯލެއް ނުފެނިއެވެ. މިރޭގެ ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި މިވަގުތު އޮތީ މިއަދު ހަވީރު ކުޅުނު މެޗުގައި އާޖެންޓީނާ ބަލިކުރި ސައުދީ އަރަބިއާއެވެ. ދެން އޮތް މެކްސިކޯއާއި ޕޮލެންޑަށް ޕޮއިންޓެއް ލިބިފައިވާ އިރު، އާޖެންޓީނާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ.

00:00 ފްރާންސް - އޮސްޓްރޭލިއާ (ގްރޫޕް ޑީ)