ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވެފައިވާ ތައުލީމު ދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމަށް ދިވެހި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި މި ބިލު، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އިސްލާހު ގެނެސް މަޖިލިސް ތަޅުމަށް ހުށަހެޅިއެވެ.

ޔުނިވާސިޓީގެ ދަރަޖަ ދިނުމަށް އެ އިސްލާހުގައި ހިމަނާފައިވާ މިންގަނޑުގެ ތެރޭގައި ޑިގްރީއަށް ނުވަތަ އެއަށް ވުރެ މަތީގެ ސަނަދަކަށް ކިޔަވަމުންދާ 1000 ކުދިން ތިބި ކޮލެޖަކަށް ވާންޖެހެއެވެ.

މި ބިލު ދިރާސާކޮށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅިގޮތަށް ފާސްކުރަން ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 63 މެމްބަރުންގެ ތެރެއިން ބިލު ފާސްކުރަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 43 މެމްބަރުން ވޯޓް ދެއްވިއެވެ. ބިލް ފާސްކުރަން 27 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.

އެގޮތަށް ފާސްނުވުމުން ބިލު އިތުރަށް ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެއްސެވެ. ޖަލްސާގައި ތިއްބެވި 61 މެމްބަރުންގެ ތެރެއިން އެކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އެއާ ދެކޮޅަށް 43 މެމްބަރުން ވޯޓު ދެއްވިއެވެ.