ޚަބަރު

ހުޅުމާލޭގައި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓް ކުރުވަން ފާހެއް ނުވި

އިބްރާހިމް ޒަކީ

ހުޅުމާލޭން އާއްމުންނަށް ދޫކުރާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ހެދި ގަވާއިދު ގެޒެޓު ކުރަން، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަހުމަދު އަސްލަމަށް އެންގުމަށް މަޖިލީހުން ފާހެއް ނުވިއެވެ.

ހުޅުމާލޭގައި އާއްމުންގެ ބިންތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށް "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކުރީ، 27 ނޮވެމްބަރު 2018 ގައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ގަވާއިދު ގެޒެޓު ކޮށްފައެއް ނުވެއެވެ. މިހާރު އާއްމުންގެ ބިންތަކުގައި އިމާރާން ކުރެވޭނީ ހަ ބުރިއަށެވެ.

ކޮމިޓީން ބަދަލު ގެނައި ގަވާއިދު ގެޒެޓު ނުކުރި މައްސަލަ ބަލައި، ގަވާއިދު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ފާސްކޮށްފައި ވަނީ، މިހާތަނަށް އައި އިރު ވެސް އެ ގަވާއިދު ގެޒެޓު ކޮށްފައި ނުވުމަކީ ޕްލޭނިން އެންޑް ހައުސިން މިނިސްޓައު އަހުމަދު އަސްލަމް، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

.

ކޮމިޓީ ރިޕޯޓު މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ގަވާއިދު ގެޒެޓު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމަށް ޕްލޭނިން މިނިސްޓްރީއަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގައި ހިމެނޭ އެއްވެސް ގަވާއިދަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ މަޖިލީހުގެ ގަވާއިދު ކޮމިޓީން ކަނޑައަޅާގޮތެއްގެ މަތިން ކަމަށެވެ. އެހެންކަމުން މިހާރު ގެޒެޓް ކޮށްފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީން ފާސްކުރި ގަވާއިދާބެހޭ ގޮތުން، މިނިސްޓަރު އަސްލަމް ކޮމިޓީގައި ދެއްކެވި ވާހަކަފުޅަށް ރިއާޔަތް ކުރާއިރު އެ ގަވާއިދު ގެޒެޓު ކުރަން ބޭނުންނުވާކަން އެނގޭ ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.

ނަމަވެސް އެއީ އާއްމު ގަވާއިދުތަކާބެހޭ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ގަވާއިދު ކޮމިޓީއަށް ލިބިފައިވާ ގާނޫނީ ބާރާމެދު މިނިސްޓަރު ސުވާލު އުފެއްދެވުން ކަމަށާއި މިނިސްޓަރު އެގޮތަށް އަމަލު ކުރެއްވުމަކީ ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެހެން އިދާރާ ތަކުންވެސް އެއްބާރުލުން ނުލިބުމުގެ ޖާގަ އޮތް ކަމެއް ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.

އެކަންކަމަށް ރިއާޔަތްކޮށް ކޮމިޓީގެ ނިންމުމަކީ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓުގައި ޝާއިއު ކުރުމަށް އެ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުފޮނުވުމަކީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުން ކުރެވިދާނެ ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މިނިސްޓަރުގެ މި އަމަލަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށްވެސް ބުނެފައިވެއެވެ.

މި ރިޕޯޓު ފާސްކުރަން މިއަދު ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 63 މެމްބަރުންގެ ތެރެއިން އެ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވީ އެންމެ 19 މެމްބަރުންނެވެ. ރިޕޯޓު ފާސްކުރަން ބޭނުން ނުވާ ކަމަށް 40 މެމްބަރުން ވޯޓު ދެއްވިއެވެ. އެ ރިޕޯޓު ފާސްކުރަން ބޭނުންވަނީ 30 މެމްބަރުންގެ ވޯޓެވެ.