ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރުގެ ތެރެއިން އެކި ފުރުސަތުތައް ހޯއްދަވައިގެން ސަރުކާރަށް ވިކެމުންދާ ކަމަށް ތުހުމަތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް މެންބަރުންނަށް އިންޒާރު ދެއްވައިފިއެވެ.
މަޖިލިސް ރައީސް އެ ތުމަތުތައް ކުރައްވައި މެންބަރުންނަށް އިންޒާރު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން 27 ނޮވެމްބަރު 2018 ގައި އިސްލާހު ގެނައި "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު" މިހާތަނަށް އައިއިރު ގެޒެޓުކޮށްފައި ނުވުމަކީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، ގާނޫނާ ހިލާފުވުން ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގެ ބަހުސްގެ ތެރެއިންނެވެ.
އެ ރިޕޯޓު މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ގަވާއިދު ގެޒެޓު ކުރުމަށްޓަކައި، ރައީސް އޮފީހަށް ފޮނުވުމަށް ޕްލޭނިން މިނިސްޓްރީއަށް އެންގުމަށްވެ އެ ރިޕޯޓުގައި ކޮމިޓީން ފާސްކޮށްފައިވެއެވެ.
ގަވާއިދު ކޮމެޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުންވެސް އެ މައްސަލައާ ގުޅޭ ގޮތުން މަޖިލިސް ރައީސް ވާހަކަދެއްކެވިއެވެ. ވިދާޅުވީ، މިނިސްޓަރު އަސްލަމްގެ އިތުރުން އެ މައްސަލައިގައި ސަރުކާރުންވެސް ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރަށް މެންބަރުން ވިކެމުންދާ ކަމަށް ވިދާޅުވެ އެ މަނިކުފާނު އިންޒާރު ދެއްވީ އެ ރިޕޯޓަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ދެއްކެވި ވާހަކައަކާ ގުޅިގެންނެެވެ.
އަފީފު ވިދާޅުވީ، މަޖިލީހުން ފާސްކުރާ ކަންތައްތަކަށް މިނިސްޓަރުން އަމަލުނުކުރާ މައްސަލައަކީ ކޮންމެ ދުވަހަކުވެސް ދިމާވަމުންދާ މައްސަލަތަކެއް ކަމަށާއި ނަމަވެސް އެކަމަށް މެންބަރުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭ ކަމަށެވެ.
"މިނިސްޓަރު ކޮންމެ ގޮތަކަށް ކަން ކުރެއްވިޔަސް މިނިސްޓަރުންގެ ފަހަތުގައި މެންބަރުން މިތާ ތިބޭނެ، އެހެންވީމަ ހަގީގަތަކީ، އޭގެ ޒިންމާ ނަގަންޖެހޭނީ އަޅުގަނޑުމެން، މި މަޖިލީހުގެ އިމްތިޔާޒަށް ކޮންމެ މިނިސްޓަރަކު އަރައިގަތަސް މިތަނުން ކުރެވޭ އެއްވެސް ކަމެއް ނެތް، ކަމެއް ކުރަން ބޭނުމެއްވެސް ނުވޭ، އެހެންވީމަ އަޅުގަނޑުމެން ކިތަންމެ ވަރަކަށް މި ރިޕޯޓު ހެދިޔަސް މީގެން ނުކުންނާނެ ނަތީޖާއެއް ނެެތް، އަލުގަނޑުމެން މިތިބޭ ގޮތަށް ތިބޭ ކަމަށްވަންޏާ،" އަފީފު ވިދާޅުވިއެވެ.
އަފީފުގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރުގެ ކޮންޓްރެކްޓްތަކުގައި ތިއްބެވީ ކިތައް މެންބަރުންތޯ ބެއްލެވިދާނެ ކަމަށެވެ. އަދި "ހަތަރުވަނާއަކަށް މަޖިލީހުގެ ގަދަރާއި އިއްޒަތް ވިއްކާލައިގެން ތިބުމަކީ، މުޅި ޖުމްހޫރިއްޔަތަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް" ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ބެލިދާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކިތައް ބޭފުޅުންގެ މަސްލަހަތު ހިމެނޭތޯ އެކި ބާވަތްބާވަތުގެ ސަރުކާރުގެ ކޮންޓްރެކްޓްގައާއި އަދި ވަޒީފާ ދެެއްވާފައި ތިއްބެވި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.