ހައި ކޯޓުން ކުރިން ބަލައި ނިންމާފައި އޮތް މައްސަލައެއް އިދާރީ އޮޅުމެއްގެ ސަބަބުން ދެވަނަ ފަހަރަށް އެ ކޯޓުން ބަލައިފިއެވެ.
ފެމިލީ ކޯޓުން ދަރިންގެ ހަރަދު ނަގައިދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އިސްތިއުނާފު ކުރަން މީހަކު ހުށަހެޅި މައްސަލައެއްގައި މިދިޔަ އަހަރު ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައި ވަނިކޮށް އަލުން މިއަހަރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ކުރިންވެސް އެ މައްސަލަ ހުށަހެޅި މީހާއެވެ.
އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި އިރި، އިސްތިއުނާފު ކުރަން ގާނޫނުގައި އޮންނަ މުއްދަތު ހަމަވެފައި އޮތުމުން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އެމީހާ ހުށަހެޅީ ފަނޑިޔާރުންގެ މަޖިލީހަށެވެ. ފަނޑިޔާރުންގެ މަޖިލީހަށް އެއީ ކުރިން ނިންމާފައި އޮތް މައްސަލައެއްކަން އެނގިފައި ނެތުމުން އެ މައްސަލަ ބަލަން ނިންމައި ޝަރީއަތްވެސް ފެށިއެވެ.
ނަމަވެސް ޝަރީއަތުގެ ވަކި ހިސާބަކުން، އެއީ ކުރިންވެސް ގޮތް ނިންމާފައިވާ މައްސަލައެއްކަން ފަނޑިޔާރުންގެ ސަމާލުކަމަށް އައުމުން އެ މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލައިފައެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކޯޓުގެ ރަޖިސްޓްރާ ސެކްޝަންގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރެވުނު ނަމަ، ކޯޓުގެ ވަގުތާއި ވަސީލަތް ސަލާމަތް ކުރެވުނީސް ކަމަށެވެ.
މީގެ ކުރިން ވެސް މަރުގެ މައްސަލައެއް ހައި ކޯޓުން ދެ ފަހަރަށް ރަޖިސްޓްރީ ކުރި މައްސަލައެއް ފެންމަތިވިއެވެ.