ޚަބަރު

ދައްޕަރު ވިއްކާލި މައްސަލަ: 1.1 މިލިއަން ޑޮލަރުދޭން ހުކުމްކުރި މައްސަލަ އަލުން ބަލަން އަންގައިފި

ހއ. ދައްޕަރުގެ ލީޒްހޯލްޑް ރައިޓްސް ވިއްކާލުމުގެ މުއާމަލާތާ ގުޅިގެން، އެމްޓެލް ވެންޗާސް ލިމިޓެޑަށް ނުދައްކައި އޮތް 1.1 މިލިޔަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ހުކުމްކުރި މައްސަލަ އަލުން ބަލަން ޖެހޭ ކަމަށްބުނެ އެ މައްސަލަ ހައިކޯޓުން ސިވިލްކޯޓަށް ތަހުވީލު ކޮށްފިއެވެ.

މި ރަށަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޫކުރި ރަށެކެވެ. އެގޮތުން ދައްޕަރުގެ ލީޒްހޯލްޑް ރައިޓް ވިއްކުމުގެ އެއްބަސްވުމުގައި، ނޫމަޑި އާއި އެމްޓެލް އާއި ސަން އޯޝަން ޕްރައިވެޓް ލިމިޓެޑުން ސޮއިކުރީ 21 ނޮވެމްބަރު 2012 ގަ އެވެ.

އެ އެއްބަސްވުމުގައިވާގޮތުން، ތިން އިންސްޓޯލްމަންޓަކަށް ބަހާލަައިގެން އަގު ދައްކަން ޖެހެނީ، ކޮންމެ އިންސްޓޯލްމަންޓަކަށް އެއް މިލިއަން އެމެރިކާގެ ޑޮލަރުގެ މަގުން ޖުމުލަ ތިން މިލިއަން އެމެރިކާ ޑޮލަރު އެމްޓެލްއަށް ދައްކަން ޖެހެއެވެ. އޭގެ ތެރެއިން ފުރަތަމަ އިންސްޓޯލްމަންޓް ދައްކަން ޖެހެނީ ރަށާ ގުޅޭ ލީޒްހޯލްޑް ރައިޓްސް ވިއްކާލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގަ އެވެ. ފުރަތަމަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހޭ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގަ ދެވަނަ އިންސްޓޯލްމަންޓް އަދި ދެވަނަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހޭ ތާރީހުން ފެށިގެން 12 މަސްތެރޭގައި ތިންވަނަ އިންސްޓޯލްމަންޓް ދެއްކުމަށެވެ.

ނަމަވެސް 24 ޖެނުއަރީ 2016 ގައި އެމްޓެލްއާއި ނޫމަޑިން އާ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެ އެއްބަސްވުމުގައިވާގޮތުން، ޖޫރިމަނާއާއެކު އޭރު ނުދެއްކި އޮތް 1.8 މިލިޔަން ޑޮލަރު ވަކި މުއްދަތެއް ކަނޑައެޅުމެއްނެތި ދެއްްކުމަށް އެއްބަސްވިއެވެ. ނަމަވެސް އެ އެއްބަސްވުމަށްފަހު ދައްކާފައި ވަނީ ހަތްލައްކަ ޑޮލަރެވެ.

އެހެންކަމުން ނުލިބިވާ 1.1 މިލިޔަން ޑޮލަރު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އެމްޓެލްގެ ހިއްސާދާރެއް ކަމަށްވާ ސްރީލަންކާގެ މުހައްމަދު އަނީގެވެ.

މި މައްސަލައިގައި އެއީ އެމްޓެލްއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް 24 ފެބްރުއަރީ 2019 ގައި ސިވިލްކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އަނީގުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ، އެ ފައިސާ އޭނާއަށް ލިބުމުގެ ބަދަލުގައި އެމްޓެލްއަށް އެ ފައިސާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާތީ އެވެ.

އެ މައްސަލަ ސިވިލްކޯޓަށް ތަހުވީލުކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ސިވިލްކޯޓުން ގިނަ ކަންތައްތަކަކަށް ރިއާޔަތް ނުކުރާކަން ފާހަގަ ކޮށްފައެވެ.