ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ން ސިޓީ ޕޮސިބަލް ޕްރޮގްރާމުގެ މެންބަރަކަށް ވުމަށް ޕޭމަންޓް އިންޑަސްޓްރީގެ ގްލޯބަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މާސްޓާކާޑާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސިޓީ ޕޮސިބަލް އަކީ އާބަން އިނޮވޭޝަން ބައިނަލްއަގުވާމީ އާ މޮޑެލެއްގެ ނެޓްވޯކެކެވެ. ބައިނަލްއަގުވާމީ ސިޓީތަކާއި ވިޔަފާރިތަކާއި ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ މި ނެޓްވޯކް ގުޅިގެން ދުނިޔޭގެ ސިޓީތައް ދެމެހެއްޓެނިވި އަދި އިންކްލޫސިވް ސިޓީތަކަށް ހެދުމަށް ޓަކައި މަސައްކަތް ކުރެއެވެ.

މީގެ ތިން ވަރަކަށް އަހަރު ކުރިން އުފެއްދި ސިޓީ ޕޮސިބަލް ނެޓްވޯކްގައި މެންބަރުންގެ ގޮތުގައި މިހާރު 300 އަށްވުރެ ގިނަ ސިޓީއެއް ހިމެނޭއިރު މި ނެޓްވޯކް ވަނީ 50 ގައުމެއްގައި 600 އަށް ވުރެ ގިނަ މުޖަތަމައުތަކަށް ފުޅާވެފައެވެ. މި ޕްރޮގްރާމުގެ ދަށުން މުޖުތަމައުތަކަށް ދިމާވާ ތަފާތު މައްސަލަތަކަށް ހައްލުތައް ހޯދުމުގައި އެއްބާރުލުން ދިނުމާއި، ތަރައްގީއަށް ހިޔާލު ފާޅުކުރުމާއި އިންކްލޫސިވް އިގްތިސާދީ ތަރައްގީ ހޯދުމުގެ އިތުރުން މެންބަރު ސިޓީތަކަކީ އެ މުޖުތަމައަކުން ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުމުގެ ގާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ލިބިފައިވާ މުޖުތަމައުތަކަށް ހެދުމަށް އެހީތެރިވެދެއެވެ.

އެޗްޑީސީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނުގެ ސްމާޓް ސިޓީ އިނިޝިއޭޓިވްއަށް އެކިއެކި ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިޓީތަކުގެ ތަޖުރިބާއިން އާބަން ގޮންޖެހުންތަކަށް ހައްލު ހޯދައި، ދެމެހެއްޓެނިވި ގޮތެއްގައި އުމްރާނީ ވަސީލަތްތައް ކުރިއެރުވުމަށް އެހެން ސިޓީތަކުން ހޯދާ އާ ހައްލުތައް ހުޅުމާލޭގައި ނަކަލުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން ހުޅުމާލޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗައެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފު ކުރަމުންނެވެ.