ޚަބަރު

ގަވާއިދު ގެޒެޓް ނުކުރުމަކީ، މިނިސްޓަރު އަސްލަމް ގާނޫނާ ހިލާފުވުން، ފިޔަވަޅު އަޅާނެކަމަށް ދެކެން: ނަޝީދު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން 27 ނޮވެމްބަރު 2018 ގައި އިސްލާހު ގެނައި "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" މިހާތަނަށް އައިއިރު ގެޒެޓު ކޮށްފައި ނުވުމަކީ، ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، ގާނޫނާ ހިލާފުވުން ކަމަށާއި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިޔަވަޅު އަޅުއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، އެ ގަވާއިދު ގެޒެޓު ކޮށްފައި ނުވުމަކީ މިނިސްޓަރު އަސްލަމް، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ރައްޔިންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށް، އެ މައްސަލަ ކޮމިޓީން ދިރާސާކުރި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުންނެވެ.

އެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅުއްވީ، ގަވާއިދު ކޮމެޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއެކު މަޖިލިސް ރައީސް ވިދާޅުވީ، ކަންތައްތަކުގައި އަމަލު ކުރަންވީ ގޮތް، ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ. އަދި ގާނޫނުގައި ބުނާގޮތަށް ސަރުކާރުން އަމަލު ކުރުން ނޫންގޮތެއް ގާނޫނު ދައްކާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް އަމަލު ނުކުރުމަކީ ގާނޫނާ ހިލާފުވުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންވާ ކަމަށާއި، އޭގެ އިތުރުން ވަޒީރަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަނެއްކާވެސް އަޅުގަނޑަށް ވަރަށް އުނދަގޫ މައްސަލައެއް މި ދިމާވަނީ، ގާނޫނުގައި ވަރަށް ސާފުކޮށް އަމަލު ކުރަންވީގޮތް އެބައޮތް، ސަރުކާރުން އެގޮތަށް އަމަލު ކުރުންނޫންގޮތެއް ހަގީގަތުގައި ގާނޫނު ދައްކާފައެއް ނެތް، ދެން އެގޮތަށް އަމަލު ނުކުރާކަމީ ގާނޫނާ ހިލާފުވުން، އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް ނުވަތަ ވަޒީރާ ބެހޭގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމެވުމަށްވެސް،"

މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެފައި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް އޮތްއިރު، މަޖިލިސް މެންބަރުންނާ ވާހަކަ ދައްކައިގެން ކަންކަން ކުރުމުގެ ފުރުސަތު ސަރުކާރަށާއި، ވަޒީރުންނަށް އެބައޮތް ކަމަށެވެ. އޭގެ ބަދަލުގައި ތިމާ ބޭނުން ގޮތަކަށް ކަންކަން ކުރުމަކީ ގާނޫނުއަސާސީ ތަންދޭކަމެއް ނޫން ކމަށްވެސް ވިދާޅުވިއެވެ.

"ވަޒީރު ބޭފުޅުންނަށްވެސް ސަރުކާރަށްވެސް ފުރުސަތު ލިބިވަޑައިގެންފަ އެމްޑީޕީގެ ސަރުކާރެއް އެމްޑީޕީގެ މެޖޯރިޓީ ހިމެނޭ ރައްޔިތުންގެ މަޖިލީހެއް މިއީ އަދި ވަޒީރަކީ އެމްޑީޕީގެ ވަޒީރެއް، އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވާހަކަ ދައްކައިގެން އެ އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ވަރަށް ފަހިކޮށް މި މަޖިލީހުގަ ހުޅުވިފަ އެބަވޭ، އެހެން އެކަންވާއިރުގައިވެސް ވަރިހަމަ ކުރައްވައި، އަޅައިނުލައްވާ ބާއްވަވާފަ ތިމަންނާއަށް ފެނުނުގޮތް އެއީ ގޮތްކަމަށް ނިންނަމަވައި އެގޮތަށް އަމަލު ކުރައްވަމުން ގެންދިއުމަކީ ގާނޫނުއަސާސީ ތަންދޭކަމެއް ނޫން،،"

އެހެންކަމުން "އަޅުގަނޑު ދަންނަވާނީ މީ އަޅުގަނޑުގެ ކަންބޮޑުވުން ހުރި ކަމެއްގެ ގޮތުގައި، މި މައްސަލައިގައި ގާނޫނާ ހިލާފުވެފައިވާ މިންވަރާއި އެކަންކަން އިތުރަށް ކުރިއަށް ގެންދިއުމަށް މެންބަރުން ވިސްނަވާނެ ކަމަށް އަޅުގަނޑު ދެކެން، އެހެންނޫންނަމަ މިބާވަތުގެ ކޮމިޓީތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަވާއިދު ގެޒެޓު ނުކުރި މައްސަލަ ކޮމެޓީން ބަލައި، މަޖިލިސް ތަޅުމަށް ހުށަހެޅި ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގައި ހިމެނޭ އެއްވެސް ގަވާއިދަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ މަޖިލީހުގެ ގަވާއިދު ކޮމެޓީން ކަނޑައަޅާގޮތެއްގެ މަތީންކަމަށެވެ. އެހެންކަމުން މިހާރު ގެޒެޓް ކޮށްފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" އެކުލަވައިލައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެޓީން ފާސްކުރި ގަވާއިދާބެހޭ ގޮތުން، މިނިސްޓަރު އަސްލަމް ކޮމިޓީގައި ދެއްކެވި ވާހަކައަށް ރިއާޔަތް ކުރާއިރު އެ ގަވާއިދު ގެޒެޓު ކުރަން ބޭނުންނުވާކަން އެނގޭ ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.

ނަމަވެސް އެއީ އާއްމު ގަވާއިދުތަކާބެހޭ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ގަވާއިދު ކޮމިޓީއަށް ލިބިފައިވާ ގާނޫނީ ބާރާމެދު މިނިސްޓަރު ސުވާލު އުފެއްދެވުން ކަމަށާއި މިނިސްޓަރު އެގޮތަށް އަމަލު ކުރެއްވުމަކީ ކޮމެޓީގެ ނިންމުންތައް ތަންފީޒު ކުރުުމުގައި އެހެން އިދާރާ ތަކުންވެސް އެއްބާރުލުން ނުލިބުމުގެ ޖާގަ އޮތް ކަމެއްކަމަށްވެސް ކޮމެޓީން ބުނެފައިވެއެވެ.

އެކަންކަމަށް ރިއާޔަތްކޮށް ކޮމެޓީގެ ނިންމުމަކީ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓުގައި ޝާއިއު ކުރުމަށް އެ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުފޮނުވުމަކީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުން ކުރެވިދާނެ ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓަރުގެ މި އަމަލަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށްވެސް ބުނެފައިވެއެވެ.