މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީގެ ހިދުމަތް ޅ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
ޅ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަށް ދިނުމަށް ބޭނުންވާ ދެ ލޯންޗު އެމްޓީސީސީން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ އަތޮޅަށް ފޮނުވާފައެވެ. އޭގެ ފަހުން އެ އަތޮޅުގައި ފެރީ ދަތުރުކުރާ ރޫޓުތައް ޓެސްޓުކުރުމަށް ޕަސިންޖަރުން ނުލައި ޓެކްނިކަލް ދަތުރުތަކެއް ވަނީ ކޮށްފައެވެ. ޓެކްނިކަލް ދަތުރުތައް ނިންމާލައި އާއްމުންނާއެކު ޅ. އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މިއަދުން ފެށިގެން ހަފުތާއެއް ވަންދެން ޅ. އަތޮޅުގައި ކުރާ އާރްޓީއެލް ފެރީގެ ދަތުރުތަކަށް އަގެއް ނުނަގާނެ އެވެ. މިހާރު ކުރާ ދަތުރުތަކަކީ އާއްމުން ހޭލުންތެރިކުރުމަށް ކުރާ ދަތުރުތައް ކަމަށާއި ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފަށާނީ އޭގެ ފަހުން ކަމަށް އެކުންފުނިން ބުންޏެވެ. މިއީ އާއްމުކޮށް އާރްޓީއެލްގެ ހުރިހާ ހިދުމަތެއް އާއްމުންނަށް ފޯރުކޮށްދޭން ފެށުމުގެ ކުރިން އެމްޓީސީސީން އަމަލުކުރަމުން އަންނަ ގޮތެވެ.
މިއީ އާރުޓީއެލް ސްޕީޑް ފެރީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ އަތޮޅެވެ. އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި ޅ. އަތޮޅުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އޭގެ ތެރެއިން އެއް ރޫޓު ހާއްސަކޮށްފައިވަނީ މަޑިވަރު އެއާޕޯޓުން ކުރާ ދަތަރުތަކަށް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ދެން އެންމެ އަވަހަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގައި މިހާރު އަންނަނީ މި ހިދުމަތް ދެމުންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
އާރުޓީއެލްގެ ފެރީ ދަތުރުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެއެވެ. އެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު