ލުއި ޚަބަރު

ކުރީގެ މަހުޖަނަކު ސޮސޭޖު ދޮލަނގު ބޮލަށް ލައިގެން މަގުމައްޗަށް!

މިހާރު ބަނގަރޫޓުވެފައިވާ ޗައިނާގެ ކުރީގެ މިލިޔަނަރަކު ދަރަނިތައް ޚަލާސްކުރުމަށްޓަކައި ސޮސޭޖް ވިއްކަން ގާޑިޔަލަކާއެކު މަގުމައްޗަށް ނިކުތުމުން މީސްމީޑިއާގައި އޭނާއަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. އުމުރުން 52 އަހަރުވީ ޓަން ޖިއާން ސޮސޭޖް ވިއްކަނީ ޗައިނާގެ ހަންގްޒޫ ސަހަރުގެ މަގުމަތީގައެވެ.

ޓަންގް ޖިއާނަކީ ކުރިން ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާގެ އުމުރުން ތިރީސް އަހަރުވީއިރު އެއީ އެތައް އެތައް ރެސްޓޯރަންޓެއްގެ ވެރިމީހާއެވެ. އޭނާގެ މިލްކިއްޔާތުގައި އެތައް ގެޔަކާއި ކާރުވެސް ހުއްޓެވެ. ޓަންގް ޖިއާންގެ ހާލަތު ބަދަލުވާން މެދުވެރިވީ 2005 ވަނަ އަހަރު ލޭންޑް ސްކޭޕިން އިންޖިނިއަރިންގެ ދާއިރާގައި އިންވެސްޓްކުރަން ފެށި ހިސާބުންނެވެ.

އައު ވިޔަފާރި ވެގެންދިޔައީ ޓަން ޖިއާން ބަނގަރޫޓުކޮށްލި ކަމަކަށެވެ. ކުރިން އެއްކުރިހައި ފައިސާޔަކާއި ގެދޮރާއި ކާރުތަކާއި ރެސްޓޯރަންޓުތައް ވިއްކާލަން ޖެހުނީ ދަރަނިތައް ބޮޑުވެގެންނެވެ. އެހުރިހާ އެއްޗެއް ވިއްކާލައިގެންވެސް އަދިވެސް 9 މިލިޔަން ޑޮލަރު ޚަލާސް ނުކުރެވި އެބައޮތެވެ. މިލިއަނަރެއްގެ ގޮތުގައި ހުރެފައި ދަރަނިވެރިވެފައިވާ އަތްމަތި ދަތި ފަގީރަކަށްވީމާ ރަހުމަތްތެރިންނާއި ލޯބިވެރިންވެސް އޭނާ ދޫކޮށް ފިލައިފިއެވެ.

ސޮސޭޖް ގާޑިޔާ ކޮއްޕަމުން، ގަންނާނެބާ ގޮވަމުން ހަންގްޒޫ ސިޓީގެ މަގުމަތީގައި އޭނާ ހިނގާއިރު ކުރީގެ ރަހުމަތްތެރިންނާވެސް ދިމާވެއެވެ. އެކަމަކު އެމީހުންގެ އެހީތެރިކަމެއް ނުލިބެއެވެ. ޓަންގް ޖިއާން ބުނާގޮތުގައި ސޮސޭޖް ވިއްކައިގެން އޭނާ ދަރަނިތައް ޚަލާސްކުރާނެއެވެ. ނޭނގެނީ އެކަމަށް ހޭދަވާނެ މުއްދަތެވެ. ކުރީގައިވެސް ދިރިއުޅުން ކޮޅަށްޖެހީ އަމިއްލައަށް ކަމަށާއި ދެންވެސް އެކަންކުރެވޭހާ ހިތްވަރާއި ކެރުމާއި ޖޯރު އެބަހުރިކަމަށްވެސް ޓަންގް ޖިއާން ބުނެއެވެ.