ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ އުފަން ދުވަހަކީ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހު ރައީސް ޕުޓިންއަށް ފުރުނީ 70 އަހަރެވެ. ޕުޓިންގެ އުފަންދުވަހު އޭނާއަށާއި މުޅި ރަޝިޔާއަށް ހަނދާނުން ނުފިލާޒާތުގެ ހިތި ހަދިޔާއެއްދޭން ޔުކްރޭނުން ބޭނުންވިއެވެ. މި ހަދިޔާ ފަރުމާކޮށް، ޕާރުސަލްކޮށް ރަޝިޔާއަށް ފޯރުކޮށްދިނުމަށް އެހީތެރިވެދިނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ. ކޮންކަހަލަ ހަދިޔާއެއްކަމަށްތޯއެވެ. ފަހުގެ ތާރީޚުގައި ރަޝިޔާއިން ހިންގި އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއު ކަމަށްވާ ކްރައިމިއާ ބްރިޖު ގޮއްވައިލުމެވެ. މިއީ ޔޫރަޕުގައިވާ އެންމެ ދިގު އެންމެ އަގުބޮޑު ބްރިޖެވެ. ގާތްގަޑަކަށް 4 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތިން އަހަރުގެ މަސައްކަތުން ނިންމައި ދާދިފަހަކުން ހުޅުވާފައިވާ ބްރިޖެކެވެ.
ހުޅަނގުގެ ފަންނީ މަދަދާއެކު ޔުކްރޭނުން ރޭވީ ޕުޓިންގެ 70 ވަނަ އުފަންދުވަހު މި ބްރިޖް ގޮއްވައިލުމަށެވެ. ޕުޓިންއާއި ރަޝިޔާ ސިއްސައިލުމަށެވެ. އެކަމަކު ކަންކަން ދިމާވިގޮތުން ހަމަލާ ތަންފީޒު ކުރެވުނީ އޭގެ އެއްދުވަސް ފަހުން އޮކްޓޫބަރު 8 ގައެވެ. މި ހަމަލައިގެ ސަބަބުން ބްރިޖުގެ އެއްބައިވަނީ މުޅިން ހަލާކުވެ ކަނޑަށް ފައިބައިފައެވެ. ރަޝިޔާ އާއި ކްރައިމިއާ އެއްގަމުން ގުޅުވައިދޭ މަގު ވަނީ ބަންދުވެފައެވެ. ރަޝިޔާއިން މިހާރު އެދަނީ މަރާމާތުގެ މަސައްކަތް ކުރަމުންނެވެ. ނިންމައިލެވޭނޭ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައިމަހުއެވެ. މިއީ ރަޝިޔާއަށް ލިބުނު ވަރަށްވެސް ބޮޑު ގެއްލުމެކެވެ. މިގެއްލުން ދީފައި ޔުކްރޭނާއި ހުޅަނގުގެ ގައުމުތަކުގައި ނުހަނު ބޮޑަށް އުފާފާޅުކޮށް އަތްތިލަބަޑި ތެޅުން އޮތެވެ. ދެން ލަލަލާއޭ ބުނެފައެވެ.
ކްރައިމިއާ ބްރިޖަކީ އަސްކަރީ އިންފްރާސްޓްރަކްޗަރގެ ތެރޭގައި ހިމެނޭ ތަނެއް ނޫނެވެ. އެއީ އެ ސަރަހައްދުގެ ތަރައްގީއާ ގުޅޭ ދުރު ރާސްތާގެ މަޝްރޫއުތަކާ ގުޅޭ މަދަނީ އިންފްރާސްޓްރަކްޗަރ އެވެ. ކްރައިމިއާގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ގެންދަނީ މި ބްރިޖު ހުރަސްކޮށެވެ. ތެލާއި ގޭހާއި ބޭހާއި ކާނާއެވެ. ރަޝިޔާގެ ސިފައިންނާއި އަސްކަރީ އުޅަނދުތައްވެސް މި ބްރިޖު ހުރަސްކުރާނޭތާއެވެ. އެހެންވެ މިތަން ގޮއްވައިލުމަށް ޔުކްރޭނުން ބޭނުންވީއެވެ. އެކަން އެއޮތީ ކޮށްފައެވެ. ފަހުންވާނެ އެއްޗަކަށް، ނުކުމެދާނޭ ނަތީޖާއަކަށް މާބޮޑު ވިސްނުމެއްނެތިއެވެ. މިހާރު އެދަނީ ނަތީޖާ ފެންނަމުންނެވެ. ކުރިއަށްއޮތީ ގަދަފަދަވެގެންވާ ފިނި މޫސުމެވެ. ފިނިން ރައްކާތެރިވުމަށް އޮތީ ހަކަތަ ބޭނުންކުރުމެވެ. ޔުކްރޭނުގެ ހަކަތަ އުފައްދާ ތަންތަން ރަޝިޔާއިން އެދަނީ ހަލާކުކޮށް ސުންނާފަތި ކުރަމުންނެވެ.
ކްރައިމިއާ ބްރިޖަށް ޔުކްރޭނުން ދިން ހަމަލަޔަށްފަހު ރަޝިޔާއިންވަނީ ހަނގުރާމައިގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ޔުކްރޭނުގެ ކަންކޮޅުތަކުގައިވާ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުން ވަނީ ގިނަކޮށްފައެވެ. އޮކްޓޫބަރު ދިހަވަނަ ދުވަހުން ފެށިގެން ނޮވެމްބަރު ފަނަރަޔާ ދެމެދު މިދެންނެވި ކަހަލަ ތަންތަން ފުނޑުފުނޑުކޮށްލުމަށް ތިން ރާޅެއް ވަނީ ފޮނުވައިލައިފައެވެ. ވެރިރަށް ކިއެވް ވެސް ހިމެނޭ ގޮތުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔުކްރޭނުގެ ހަކަތަ އުފެއްދުމުގެ ވަސީލަތްތަކުގެ ދެބައިކުޅަ އެއްބައި ވަނީ ސުންނާފަތިވެފައެވެ. މިހާރުވެސް ވިއްސަކަށް މިލިޔަން މީހުން އެތިބީ ކަރަންޓެއް، ފެނެއް، ނެތިއެވެ. އަދި އިތުރު ހަމަލާތަކެއް އަތުވެއްޖެނަމަ ބާކީ ހުރި ތަންތަންވެސް ފުނޑޭނެއެވެ. މީގެ ދެރަކަން އިހުސާސްކުރަން ތިބީ ހަމަ ޔުކްރޭނުގެ ރައްޔިތުންނެވެ.
ޔުކްރޭނުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް މި ސްކޭލްގައި ރަޝިޔާއިން ހަމަލަދިނުން ކުރިއަށް ގެންދާނަމަ ކުރިއަށްއޮތް ޑިސެމްބަރު މަހުން ފެށިގެން މުޅި ޔުކްރޭނަށް ކަނު އަނދިރިކަން ފެތުރިދާނެއެވެ. ގަދަ ފިނިން ރައްކާތެރިވެވޭނޭ ގޮތެއް ނެތި އެތައް ބަޔަކު ފަނާވެދާނެއެވެ. އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެއެވެ. މިއީ ހަގީގީ ބިރެކެވެ. މިހުންނަނީ ކިތަންމެހާވެސް ދެރަ ކަންކަމެވެ. އެކަމަކު ރަޝިޔާއިން މިމަގުން އަމަލުކުރީމާ އެކަން ގޯސްވެގެން ކުށްވެރިކޮށްފައި ރަޝިޔާގެ އިންފްރާސްޓްރަކްޗަރއަށް ގެއްލުން ދިނުން އޯކޭ ކަމަށް ވެއްޖެނަމަ މިކަމަށް އަވަސް ނިމުމެއް ނެތެވެ. ހަނގުރާމަ ދިގުދެމިގެންދާ ވަރަކަށް ވީރާނާކަން ފެތުރެމުންދާނީ ޔުކްރޭނަށެވެ. ނިކަމެތިކަން ލިބެމުންދާނީ ޔުކްރޭނުގެ ރައްޔިތުންނަށެވެ. މި ހަގީގަތް ޔުކްރޭނުގެ ސަރުކާރުން ގަބޫލުކުރަން އެބަޖެހެއެވެ.
ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީއާއި އޭނާގެ ސަރުކާރަށް ހުޅަނގުގެ ގައުމުތަކުން ވިސްނައިދެނީ ހަނގުރާމަކޮށްގެން ރަޝިޔާ ބަލިކުރެވިދާނޭ ކަމުގައެވެ. ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ފޯރުކޮށްދެމުންދާ ހަތިޔާރުގެ އެހީގައި އެއީ ދެން ނުހަނު ގާތުގައި އޮތްކަމެއް ކަމުގައެވެ. މި ވިސްނުން ވިސްނައިދިނީމާ މަޝްވަރާކޮށްގެން ސުލްހަ ހޯދުމަކީ ޔުކްރޭނުން ކުރަން ބޭނުންނުވާ ކަމެކެވެ. ބޭނުންވަނީ ގަދަބާރުން ރަޝިޔާ ބަލިކޮށްލުމަށެވެ. ރަޝިޔާއަކީ ޔުކްރޭނަށްވުރެ ބާރުހުރި، ވަސީލަތްތައް ގިނަ އާބާދީވެސް ބޮޑު ގައުމެއްކަމާއި ހަނގުރާމަކޮށްގެން ރަޝިޔާ ބަލިކުރުމަކީ ނުކުރެވޭނޭ ކަމެއްކަން ވިސްނާންވެސް ބޭނުމެއް ނުވެއެވެ. ކްރައިމިއާ ބްރިޖް ގޮއްވާލީ އެހެންވެގެންނެވެ. ރައްޔިތުންގެ ގިނަބަޔަކު ކަނުއަނދިރީގައި މިއަދު ތިބެންޖެހުނީވެސް އެހެންވެގެންނެވެ.