ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ހުރަވީ ރަސްކަން ފެށުނީ ނުބައިކަން ބޮޑުވެގެންވާ ބަޣާވާތަކުންނެވެ.

އިމާދު ލަތީފު

ދިވެހިރާއްޖޭގައި އެންމެފަހުން ރަސްކަންކުރި ޚާންދާނަކީ ހުރަވީ ޚާންދާނެވެ. ގާތްގަނޑަކަށް 194 އަހަރު ރަސްކަން ކުރިއެވެ. މިރަސްކަމުގެ ބާނީއަކީ ދޮންބަންޑާރައިންކަމަށް ލިޔެ ބައެއް މީހުން ތާރީޚު އޮޅުވައިލުމަށް މަސައްކަތްކުރާތީ ފެނެއެވެ. ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށްފަހު ސުލްތާން ހަސަން އިއްޒުއްދީނު، ނުވަތަ ދޮންބަންޑާރައިން 1759 ވަނަ އަހަރުން ފެށިގެން ހަތް އަހަރުގެ މުއްދަތަށް ކުރެއްވި ވެރިކަމަކީ ދިޔަމިގިލީ ރަސްދަރިކޮޅުގެ ނަންމަތީގައި ކުރެެއްވި ރަސްކަމެކެވެ. އެއްވެސް ގޮތަކުން އެރަދުން ކުރެެއްވީ ހުރަވީ ރަސްކަމެއް ނޫނެވެ. އެރަދުންގެ ރަސްކަމުގެ ވަލީއަހުދަކީ ދިޔަމިގިލީ ޚާންދާނުގެ މުހައްމަދު ޣިޔާޘުއްދީނެވެ. އަވަހާރަވުމުގެ ކުރިން ވަސިއްޔަތް ކުރެއްވީ ޣިޔާޘުއްދީނު ރަސްކަމަށް އިސްކުރުމަށެވެ.

އެގޮތުގެމަތިން 1766 ގައި ރަސްކަމަށް ދެން އިސްކުރެވުނީ ދިޔަމިގިލީ ރަސްދަރިކޮޅުގެ މުހައްމަދު ޣިޔާޘުއްދީނެވެ. މިދެންނެވި ޣިޔާޘުއްދީނުގެ ރަސްކަމަށް 8 ވަނަ އަހަރު އެރަދުން ހައްޖަށް ފުރާވަޑައިގެންނެވީމާ ބަޣާވާތަކުން ރަސްކަން ފޭރިގަތީ 1774 ވަނަ އަހަރު ހުރާގޭ މުހައްމަދު މަނިކުފާނެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނު ދެވަނައިގެ ނަމުގައި ހަތަރު ފަސްމަހެއްހައި ދުވަހު ތަޚުތު ހޫނުކުރުމަށްފަހު ރަސްކަމުން އަމިއްލައަށް ފައިބައި ދެން ހަމައެއަހަރު ތަޚުތުގައި ބޭންދީ ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން ސުލްތާން މުހައްމަދު މުއިއްޒުއްދީނެވެ. ކަޅު ބަންޑާރައިންގެ ނަމުން ތާރީޚުގައި މަޝްހޫރުވެފައިވަނީ މިރަދުންނެވެ. މިކަން މިމަގުން ހިނގާފައި އޮތީމާ ހުރަވީ ރަސްކަމުގެ ބާނީކަމަށް ކަނޑައަޅަން ޖެހެނީ ހުރާގޭ މުހައްމަދު މަނިކުފާނެވެ.

ދޮންބަންޑާރައިން ހުރަވީ ރަސްކަމެއްގެ ބިންގަލެއް ނާޅުއްވައެވެ. ދޮންބަންޑާރައިންގެ ދެ ދަރިކަލަކު ފަހުން ރަސްކަން ކުރެއްވުމަކީ އިއްތިފާގެކެވެ. އެބޭފުޅުން ކުރެެއްވީ ދޮންބަންޑާރައިން ފައްޓަވައިދެއްވި ރަސްކަމެއް ނޫނެވެ. ހުރާގޭ މުހައްމަދު މަނިކުފާނު ފަށައިދިން ރަސްކަމެކެވެ. ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން ސުލްތާން މުހައްމަދު މުއިއްޒުއްދީނުވެސް ތަޚުތުގައި ފަސްއަހަރުވީތަނާ އަވަހާރަވެއްޖެއެވެ. ހުންނެވީ އެންމެ ދަރިކަނބަލެކެވެ. މިސަބަބަށްޓަކައި ދެން 1779 ގައި ތަޚުތަށް އިސްކުރެވުނީ ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުންނެވެ. ސުލްތާން ހަސަން ނޫރައްދީނު އެއްވަނައިގެ ނަމުގައެވެ. ހުރަވީ ޚާންދާނުގެ ރަސްކަން ދެން ދެމިގެންދިޔައީ މިރަދުންގެ އައުލާދަށެވެ. މިރަދުންވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ރަސްކަން ކުރެއްވިއެވެ.

ހުރަވީ ޚާންދާނުގެ ރަސްކަމުގެ ކިއްލާ ހަގީގީ ކިއްލާއަކަށް ހެއްދެވީ މިރަދުންނެވެ. ނޫރައްދީނު އެއްވަނައެވެ. އެހެންވީމާ ތިރީގައި މިބަލައިލަނީ މިރަދުންގެ ރަސްކަމުގެ ތެރޭގައި ހިނގާފައިހުރި ބޮޑެތި ބައެއް ކަންކަމަށެވެ. ހުރަވީ ރަސްކަމުގެ ކުރީކޮޅުގެ މީރާސަށެވެ. ހުރާގޭ މުހައްމަދު މަނިކުފާނުގެ މަޝްހޫރު ނަދުރު ފުއްދެވުމުގެ ގޮތުން ކަޅުވަކަރު މިސްކިތުގެ މަސައްކަތް ފުރިހަމަކުރެއްވީވެސް މިރަދުންނެވެ. ހަސަން ނޫރައްދީނު އެއްވަނައިގެ މީރާސްގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ދެކަމެކެވެ. އެއްކަމަކީ އެރަދުން ދެވަނަ ފަހަރަށް ހައްޖަށް ފުރާވަޑައިގަތުމަށްޓަކައި ވެރިކަން ތަރުތީބު ކުރެއްވި ގޮތެވެ. ތަޚުތުގައި ޒުވާން ދަރިކަލުން ސުލްތާން މުހައްމަދު މުއީނުއްދީނު އެއްވަނަ ބައިންދަވައިފައި، އަތިރީގޭ ޚާންދާނު ބާރުވެރިކުރެއްވުމެވެ.

ވެވުނު ކޮންމެ ގޮތަކުންވިޔަސް ވެރިކަން ސަމާލުކުރެއްވުމުގެ ޒިންމާ ހުރާ ބޮޑުމުރީދުގެ ހުސައިން މަނިކާ މަތިކުރައްވައި ދޮށިމޭނާކަމަށް ކޮލިލައްވައި ބާރުވެރި ކުރެއްވީއެވެ. އަތިރީގޭ ހުސައިން ދޮށިމޭނާއަކީ މިއީއެވެ. މިއީ ނޫރައްދީނު ބަންޑާރައިންގެ ޅިޔަނެކެވެ. އަތިރީގޭ ޚާންދާނުގެ ބާރުތައް ފެށުނީ އެހިސާބުންނެވެ. ހުސައިން ދޮށިމޭނާއާ މަތިކުރެވުނު ޒިންމާތައް އޭނާގެ އައުލާދުން ބަރާބަރަށް އަދާކުރަމުންއައިސް އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާ ހަމައިން ރަސްކަން އެކޮޅުކޮޅުން ޖަހައިލީވެސް ހަމަ އަތިރީގޭ ބޭފުޅުންނެވެ. އެއީ އަދި އެހެން މައުޟޫއަކަށްވާތީ އެބައި ކުރުކޮށްލީއެވެ. އަތިރީގޭ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ޝަމްސުއްދީނު ރަދުންގެ ދެބަފައިކަލުންނަށް ހަދައިލިގޮތުގެ ވާހަކަޔަކީ ވަރަށް ދިގުވެސް ވާހަކައެކެވެ.

ހަސަން ނޫރައްދީނު އެއްވަނައިގެ ރަސްކަމުގެ ފަހުކޮޅު ހުވަދުއަތޮޅަށް އުރުނު ނަވަކުން ވަރަށް ބައިވަރު ރަނާއި ރިއްސާއި ޖަވާހިރު ޣަނީމާވެއްޖެއެވެ. ކުއްލިއަކަށް ލިބިވަޑައިގެންނެވި މުއްސަނދިކަމުގެ އެހީގައި ރަދުން ބެންނެވީ ދިވެހިރާއްޖޭގައި އިހަށް އެއްވެސް ބަޔަކު ބަނދެފައި ނުވާވަރުގެ ބޮޑު ނަވެކެވެ. ހެންވޭރުކޮޅުގައި މިނަވެއް ބެންނެވީ 1795 ގައެވެ. މިނަވާއި އަދި އެހެންނަވެއްވެސް ހިއްޕަވައިގެން ހިޖާޒުކަރަޔަށް ފުރާވަޑައިގެންނެވީ 1799 ގައެވެ. ރަނާއި ރިއްސާއި ޖަވާހިރާއި ބޮޑުބަޑިވެސް ގެންދެވިއެވެ. ތިންސަތޭކަ މީހުންގެ ލަޝްކަރެއްވެސް ގެންދެވިއެވެ. ޖިއްދާގައި ބަނދަރުކުރީމާ މައްކާގެ އިމާމާއި ރަދުންނާ ދޭތެރޭ ދެކޮޅުވެރިކަމެއް ހިނގައި ރަދުންގެ ލަޝްކަރުގެ ގިނަބަޔަކަށް ބޮޑުވެގެންވާ ބަލިމަޑުކަމެއް ކުރިމަތިވެ އެތައްބަޔަކު ދުނިޔެއިން ވަކިވެގެންދިޔައީއެވެ. ރަދުންނާވެސްއެކީގައެވެ.