"އަލްގެ ހުރިހާ މޭކަޕެއްވެސް ވަރަށް ފުރިހަމަވާނެ. ކޯސް ހަދައިގެން ތިބޭ މީހުންނެކޭ އެއްވެސް ތަފާތެއް ނެތް. ޕްރޮފެޝަނަލް ފަރާތްތަކުން ކުރާހާ ޕާފެކްޓް."
"އަދި މިހާތަނަށް ކުރަން ޖެހުނު ހުރިހާ މޭކަޕެއްވެސް ކޮށްފައި ވަނީ އަލް. ހާއްސަކޮށް ބްރައިޑުންނާއި އެ ރަސްމިއްޔާތުތަކުގެ މޭކަޕްތައް. ވަރަށް ފުރިހަމަ."
ބައެއް މީހުންގެ ތައުރީފުގެ ބަސްތައް ހުރީ މި ފަދަ ގޮތަކަށެވެ.
ޏ. ފުވައްމުލަކު އަލްޔާ ގައިސް އަބްދުލްގާދިރަކީ ކުޅަދާނަ މޭކަޕް އާޓިސްޓެކެވެ. ހާއްސަކޮށް އަލްޔާގެ ބްރައިޑަލް މޭކަޕަށް އޮންނަ ތަރުހީބު ބޮޑެވެ.
"ވަރަށް ގިނަމީހުން ގުޅާފަ ވެސް ބުނާނެ، އަލްގެ ބްރައިޑަލް މޭކަޕް ހަމަ ވަރަށް ރީއްޗޭ. އަލްގެ މޭކަޕޭ ބޭނުންވަނީ." މީހުންގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކަކީ އަލްޔާއަށް ލިބޭ އެންމެ ބޮޑު އުފާވެރިކަމެވެ. އެންމެެ ބޮޑު ހިތްހަމަޖެހުމެވެ.
ފުވައްމުލަކަށް އުފަން ހަދީޖާ މުހައްމަދާއި ގައިސްއަބްދުލްގާދިރުގެ ދޮށީ އަންހެން ދަރިފުޅު، އަލްޔާ ގައިސް އަބްދުލްގާދިރު، އޯލެވެލް ނިންމުމަށްފަހު ބިޒްނަސް މެނޭޖްމަންޓް ސެޓްފިކެޓް3 ނިންމުމަށްފަހު 2017 އިން ފެށިގެން ކުރަމުން އަންނަނީ މޭކަޕް ކުރުމުގެ މަސައްކަތެވެ. ސޭލްސްގާލްއަކަށް އަދި ޑެންޓަލް ކްލިނިކެއްގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރުމަށްފަހު ގޭގައި އިނދެގެން ކުރެވޭނެ މަސައްކަތެއް ވިސްނަމުން ގޮސް، އަލްޔާ ފެށި މޭކަޕް ކުރުމުގެ މިމަސައްކަތަކީ ނަފާވެރި އަދި މަގުބޫލު ކަމަކަށް މިވަނީ ވެފައެވެ.
މިދާއިރާއިން ކިޔަވައިގެން މޭކަޕަށް ހާއްސަ، ރަނގަޅު ފެންވަރުގެ ސްޓޫޑިޔޯއެއް ފުވައްމުލަކުގައި ހުޅުވުމަކީ އަލްޔާގެ ވަރަށްބޮޑު އުންމީދެކެވެ. މިހާތަނަށް އައިއިރު 200އަށްވުރެ ގިނަ މޭކަޕް ކުރެވިފައިވާއިރު އެންމެ ގިނައީ ބްރައިޑަލް މޭކަޕްކަމަށް އަލްޔާ ބުންޏެވެ.
އަލްޔާ ބުނާ ގޮތުގައި މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މޭކަޕަށް ބޭނުންވާ ރަނގަޅު ފެންވަރުގެ އެއްޗެހި ރަށުން ނުލިބުމެވެ. ހުރިހާ ސާމާނެއްވެސް ޖެހެނީ އޯޑަރު ދީގެން ރަށަށް ގެންދާށެވެ.
މިފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދީންނަށް އަލްޔާ "'ވަން" މެދުވެރިކޮށް މެސެޖެއް ދިނެވެ. އެއްވެސް ކަމަކީ ނުކުރެވޭނެ، ނުވާނެ ކަމެއް ނޫން ކަމުގެ މެސެޖެވެ. ކިތަންމެ ބޮޑުކަމެއްވެސް ވަަރަށް ފަސޭހަ އާދައިގެ ކަމަކަށްވެސް ވެދާނެއެވެ. ދަތިތަކާއެެކު ވެސް ކުރިއަށްދާން މަސައްކަތް ކުރީމައެވެ. ބުރަ މަސައްކަތާއި ހިތްވަރުން ކާމިޔާބު ނުވާނެ އެއްވެސްކަމެއް ނޯންނާނެ ކަމެވެ.
އެންމެ ދެރަވަނީ ރަށުން ބޭރުން އަންނަ އޯޑަރުތައް ކެންސަލް ކުރަން ޖެހޭތީ ކަމަށް އަލްޔާ ބުންޏެވެ.
މަސައްކަތުގެ ކުރިއެރުމަކީ މުރާލިކަމާއި ހިތްވަރާ ގުޅިފައިވާ ކަމެއްކަން އަލްޔާ އަންނަނީ ސާބިތުކޮށްދެމުންނެވެ. މިއަދު ދޮޅުއަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެންވެސް އަލްޔާ އެދަނީ ފުވައްމުލަކުގައި އެކި މުނާސަބާތަކަށް މޭކަޕް ކޮށްދިނުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުންނެވެ.