ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕަށް ހާއްސަ ބޯޅަ، "އަލް ރިހްލާ" އަކީ މިހާތަނަށް ވޯލްޑް ކަޕަކަށް އުފެއްދި އެންމެ ސްޕީޑް ބާރު ބޯޅަ ކަމަށާއި އެކަމުގެ ސަބަބުން ގޯލްކީޕަރުންނަށް ބޮޑެތި ޗެލެންޖުތަކަކާ ކުރިމަތިވާނެ ކަމަށް އުރުގުއާއީގެ ގޯލްކީޕަރު ސާޖިއޯ ރޮޗެޓް ބުނެފިއެވެ.
"އަލް ރިހްލާ" އަކީ ވޯލްޑް ކަޕް މުބާރާތްތަކަށް އެޑިޑާސް އިން ތައްޔާރުކޮށް ނެރުނު 14 ވަނަ ބޯޅައެވެ. އެޑިޑާސް އިން ބުނެފައި ވަނީ "އަލް ރިހްލާ"އަކީ މިހާތަނަށް އުފެއްދި ބޯޅަތަކާ އަޅާބަލައި އިރު، ސްޕީޑު ބާރު ބޯޅައެއް ކަމަށެވެ. އަދި ވޯލްޑް ކަޕް ތާރީހުގައިވެސް ވައިގެ ތެރޭގައި އެންމެ ސްޕީޑް ބާރު ބޯޅައިގެ ގޮތުގައި ރިހްލާ ފާހަގަވާނެ ކަމަށް އެ ކުންފުނިން ކުރިންވެސް ބުނެފައިވެއެވެ.
"ކޮންމެ ވޯލްޑް ކަޕަކަށްވެސް ނެރޭ ބޯޅައިން ފޯވަޑުންނަށް ފަސޭހަ މިވަނީ. ގޯލްކީޕަރުންނަށް ފަހަރެއް ފަހަރަކަށް ވަނީ އުނދަގޫ. ވަރަށް ވަރަށް އަވަސް ބޯޅައެއް ރިހްލާއަކީ. އެ ބޯޅައަށް ހޭނުމުގެ މަސައްކަތް މި ކުރަނީ،" އުރުގުއާއީގެ ގޯލްކީޕަރު ރޮޗެޓް ބުންޏެވެ.
އުމުރުން 29 އަހަރުގެ ރޮޗެޓަކީ މިހާރު އުރުގުއާއީގެ އެއް ނަންބަރު ގޯލްކީޕަރެވެ. ޓީމާ ހަވާލުވެގެންދާ ކޯޗު ޑިއޭގޯ އެލޯންސޯގެ ފުރަތަމަ 11 ގަައި ރޮޗެޓް ހިމެނޭ އިރު، އޭނާ އެ ގައުމުގެ އެއް ނަންބަރު ގޯލްކީޕަރު މަގާމު ހޯދީ އުމުރުން 36 އަހަރުގެ ފެނާންޑޯ މުސްލޭރާއާ ވާދަކޮށެވެ. މުސްލޭރާއަކީ މީގެ ކުރިން ތިން ވޯލްޑް ކަޕެއްގައި ކުޅެފައިވާ ތަޖުރިބާކާރު ގޯލްކީޕަރެއް ނަމަވެސް، މި ފަހަރު ފެންނާނީ ރޮޗެޓް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އިއްޔެގެ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އުރުގުއާއީގެ ގޯލްކީޕަރު ބުނީ ޓީމު އޮތީ ރަނގަޅު ރޫހެއްގައި ކަމަށާއި ޓީމުގެ ފެންވަރާމެދު މި ފަހަރު ސުވާލު އުފެއްދެން ނެތް ކަމަށެވެ. ރަނގަޅު ރޫހެއްގައި ވޯލްޑް ކަޕުގައި ތަފާތު ދެއްކޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ރޮޗެޓް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރާ ބޯޅައަށް، "އަލް ރިހްލާ"ގެ ނަން ދީފައި ވަނީ އަރަބިންނާ ގުޅުވައިގެންނެވެ. ރިހްލާއަކީ އަރަބި ބަހުން "ދަތުރު"ގެ މާނައިގައި ބޭނުންކުރާ ބަހެކެވެ.
އުރުގުއާއީން ކުޅޭ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022