ޚަބަރު

ސްކޭމް ކޯލްތައް އަންނަނީ ޖަލުންނޭ ބުނެވޭކަށް ނެތް: ބީއެމްއެލް

އިބްރާހިމް ޒަކީ

އެކި މީހުންގެ ނަމުގައި ގުޅައިގެން ބީއެމްއެލްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލުކޮށް ނަގަމުންދާ މައްސަލަތަކުގައި ކުރާ ގިނަ ސްކޭމް ކޯލްތަކަކީ ޖަލުން އަންނަ ކޯލަތަކެއްކަން ބުނެވެން ނެތް ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ސްކޭމްގެ މައްސަލަ ބޮޑުވުމުގެ ސަބަބުން، އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހުށަހެޅި މައްސަލައާ ގުޅިގެން ބީއެމްއެލްގެ އިސްބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު އަދި ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލިޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޑިޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު އައިޝަތު ނޫރައްދީން ވިދާޅުވީ ސްކޭމް ކޯލްތައް އަންނަނީ ޖަލުން ކަމަށް ބުނެވެން ނެތް ކަމަށެވެ.

"ހަބަރު ގަވެސް އެބައޮތް ތިވާހަކަ އައިސްފަ އަޅުގަނޑުމެންނަށް ޑައިރެކްޓްލީ ޖަލަކުންނެކޭ ދެންނެވޭކަަށް ނެތް އެ އެވިޑެންސެއް އަޅުގަނޑުމެން އަތަކު ނެތް،"

ބޭންކުން ބުނީ އެ މައްސަލައިގައި ފުލުހުންނާއެކު ބޭއްވި ބައްދަލު ކުރުންތަކުގައިވެސް އެ ކޯލްތަކަކީ ވަކި ތަނަކުން އަންނަ ކޯލްތަކެއް ކަމަށް ބުނެފައި ނުވާ ކަމަށެވެ.

އިތުރު ތަފުސީލު ދެމުން ބީއެމްއެލުން ބުނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަ ހައްލު ކުރުމަށް އެންމެ މުހިއްމު ކަމަކީ ހޭލުންތެރިވުން ކަމަށެވެ.

އެހެންކަމުން އެކަމަށް ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށްވެސް ބުންޏެވެ. އެގޮތުން މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި 29 މީޑިއާ އާޓިކަލް ޓިވީ ރޭޑިއޯއިން ގެނަސް، 12 ފަަހަރު މުވައްޒަފުން މެދުވެރިކޮށް އެ ތަންތަނުން ކަމާބެހޭ މައުލޫމާތު ގެނަސް ދިނުމުގެ އިތުރުން، ރޭޑިއޯއިން ނުވަ އެޑް، އޮންލައިން ކޮށް 50 އެޑް، ސޯޝަލް މީޑިއާގައިވެސް ޕޯސްޓްތައް ކުރަމުންދާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި "ގާތްގަނޑަކަަށް 634،000 މީހުންނަށް ރީޗް ވެވިއްޖެ، ބަލްކުކޮށް ހުރިހާ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެ ސްކޭމްއާ ގުޅޭ އެކި ކަހަލަ އެވެއާނަސް މެސެޖުތައް އަޅުގަނޑުމެން އެބަ ފޮނުވަން، މި ތިންމަސް ތެޜޭގައި ހަތް ވަރަކަށް ފަހަރު ފޮނުވިއްޖެ. ބޮޑަށް ބޭނުންވަނީ އެވެއާނަސް އެކަށް އަޅުގަނޑުމެންގެ ފޯކަސްވެސް ހުރީ،" އިތުރު ތަފުސީލު ދެއްވަމުން ޑައިރެކްޓާ އޮފް ރީޓޭލް މުހައްމަދު ނިމާލް ވިދާޅުވިއެވެ.