ގަތަރުގެ އަގު ވައްޓައިލުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އަނެއްކާވެސް ގަތަރަށް އައު ތުހުމަތެއް ކޮށްފިއެވެ. އިއްޔެ ގަތަރާއި އިކުއެޑޯރ ކުޅުނު މެޗު ދޫކޮށްލުމަށް ޝަރުތުކޮށްފައި އިކުއެޑޯރުގެ 8 ކުޅުންތެރިއަކަށް އެތަކެއް މިލިޔަން ޑޮލަރު ގަތަރުން ހުށައެޅި ކަމަށް މި ތުހުމަތުގައި ބުނެއެވެ.
މެޗު ދޫކޮށްލުމަށް ޝަރުތުކޮށްފައި އިކުއެޑޯރުގެ 8 ކުޅުންތެރިޔަކަށް ގަތަރުން ހުށައެޅީ 7.4 މިލިޔަން ޑޮލަރުކަމަށްވެއެވެ. ގަތަރާއި އިކުއެޑޯރުގެ ކުޅުންތެރިންގެ ފަރާތުން ލިބުނު ސިއްރު މައުލޫމާތޭ ބުނެ މީސްމީޑިއާގައި މި ތުހުމަތު އެންމެ ފުރަތަމަ ތިލަކުރީ ސައޫދީ އަރަބިޔާގެ ބްރިޓިޝް ސެންޓަރުގެ ރީޖަނަލް ޑިރެކްޓަރު އަމްޖަދު ތާހާއެވެ. މިވާހަކަ އޭނާ ފަތުރާފައިވަނީ ގަތަރާއި ފީފާގެ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތެއްގެ ގޮތުންކަމަށް ވެސް ބުނެފައިވެއެވެ.
އިކުއެޑޯރުގެ ޓީމަށް ގަތަރުން ރިޝްވަތު ހުށައެޅިކަމުގެ ވާހަކަ ހަލުވިކަމާއެކު މީސްމީޑިއާގައި ފެތުރި ގިނަބަޔަކު އެވާހަކަ ގަބޫލުކުރިއަސް ފީފާއިންވެސް އަދި ގަތަރުންވެސް އެކަމާމެދު އެއްޗެއް ނުބުނެއެވެ. އިކުއެޑޯރުގެ އެފްއޭއަކުންވެސް އެއްޗެއް ނުބުނެއެވެ. އިއްޔެގެ މެޗު ދާދި ފަސޭހަކަމާއެކު ދޭއް ސުމަކުން ކާމިޔާބުކުރީ އިކުއެޑޯރެވެ.
ގަތަރާއި ދެކޮޅަށް އެކިއެކި ވާހަކަ ފަތުރާ މީހުން ބުނާގޮތުގައި ގަތަރުގައި ވޯލްޑްކަޕް ބާއްވަންވެސް ފީފާއިން ނިންމީ ރިޝްވަތު އަތުލައިގެންނެވެ. އެކަމަކު މިއީ އެއްވެސް ތަހުގީގަކުން ސާބިތުވެފައިވާ ކަމެއް ނޫނެވެ. ވޯލްޑްކަޕާއި ގުޅުންހުރި އެއްވެސް ކަމެއްގައި ގަތަރުން ރިޝްވަތުގެ ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް އެއްވެސް ބަޔަކަށް ދެއްކިފައެއް ނުވެއެވެ. އިއްޔެ އިކުއެޑޯރު އަތުން ގަތަރު މޮޅުވިނަމަ މިހާރު ފެތުރިފައިވާ ވާހަކަތަކަށް އިތުރު ބާރެއް ލިބޭނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022