އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ ހޯރަފުށީގައި ހުންނަ، ހއ. އަތޮޅު މަދަރުސާގެ އަންހެން ދަރިވަރަކަށް އެ ސްކޫލުގެ ދިވެހި ނަސްލުގެ ޓީޗަރެއްގެ ފަރާތުން ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް ރިޕޯޓުކުރުމުން ވަގުތުން އެ ޓީޗަރު ދަރިވަރުންނާ އެކަހެރިކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގަށް ސަސްޕެންޑުކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހއ، ހދ، އަދި ށ. އަތޮޅު ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.